ހެލިކަޕްޓަރެއް ވެއްޓި، ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ އާއި ދަރިފުޅު މަރުވެއްޖެ

ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ އާއި 13 އަހަރުގެ ދަރިފުޅު ޖިއާނާ -- ފޮޓޯ: ގެޓީ

އެމެރިކާގެ މަޝްހޫރު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކޯބީ ބްރަޔަންޓް އާއި އޭނާގެ އެއް އަންހެން ދަރިފުޅު ހެލިކަޕްޓަރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

އުމުރުން 41 އަހަރުގެ ބްރަޔަންޓް މަރުވީ އޭނާގެ 13 އަހަރުގެ ދަރިފުޅު ޖިއާނާގެ ބާސްކެޓްބޯޅަ ގޭމަކަށް ޕްރައިވެޓް ހެލިކަޕްޓަރެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. ލޮސް އެންޖެލްސް ޓައިމްސްގައިވާ ގޮތުން ކެލިފޯނިއާގެ ކަލަބާސަސްއަށް އެ ހެލިކަޕްޓަރު ވެއްޓުނީ ދަތުރު ފެށިތާ ގާތްގަނޑަކަށް އެއް ގަޑި އިރު ފަހުންނެވެ. އަދި އޭރު އޭގައި ނުވަ މީހުން ތިބި ކަމަށާއި އެ އެންމެން މަރުވެފައިވާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

އުމުރުން އެންމެ ތިން އަހަރުގައި ބާސްކެޓުބޯޅަ ކުޅެން ފެށި ބްރަޔަންޓް ވަނީ ލޮސް އެންޖެލްސް ލޭކާސްގައި 20 އަހަރު ހޭދަކޮށް، ނެޝަނަލް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފަ އެވެ. އަދި އޭނާ ވަނީ ދެ ފަހަރު އޮލިމްޕިކްސް ރަން މެޑަލް ކާމިޔާބުކޮށްފަ އެވެ.

ދުނިޔޭގެ ތާރީހުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ ލަގަބު ހޯދުމަށް ފަހު ބްރަޔަންޓް ރިޓަޔާ ކުރީ އޭޕްރިލް 2016އިގަ އެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އިން ވަނީ ހެލިކަޕްޓަރު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް