ވެލެންސިއާއިން ވަރުގަދަ ބާސެލޯނާ ބަލިކޮށްފި

ބާސެލޯނާއާއި ވެލެންސިއާ ރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// ބެން ސްޕްރަޓް

ފަހުގެ ތާރީހުތަކުގައި ސްޕެނިޝް ލީގު މުޅިން ޑޮމިނޭޓްކުރަމުން އަައި ބާސެލޯނާ ރޭ ލީގުގައި ކުޅުނު މެޗުގައި ވެލެންސިއާ އަތުން ބަލިވެ ފުރުސަތު ނަގާލައިފިއެވެ.

ވެލެންސިއާގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ބާސެލޯނާ އަތުން އެ ޓީމު ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުން މޮޅުވެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު ބާސެލޯނާއަށް އޮތެވެ. މިވަގުތު 21 މެޗު ކުޅެގެން 43 ޕޮއިންޓް ބާސެލޯނާ ހޯދާފައިވާ އިރު މިރޭ ރެއާލް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެ ނަމަ ބާސެލޯނާ ދެވަނައަށް ވެއްޓޭނެ އެވެ.

ބާސެލޯނާއަށް ސީޒަން ފެށުނު އިރު ކޯޗުކަންކޮށްދިން އާނެސްޓޯ ވަލްވާޑޭ މަގާމުން ވަކިކޮށް ކީކޭ ސެޓިއެންގެ ކޯޗު ކަމުގައި ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި ބާސެލޯނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މެޗު ފެށިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ބާސެލޯނާއަށް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާއެއް ވެސް އުފެއްދިފައެއް ނުވެއެވެ.

ވެލެންސިއާއިން ރޭގެ މެޗުގައި ކުޅުނީ ކައުންޓާ އެޓޭކިންގް ފުޓުބޯޅަ އެކެވެ. ބާސެލޯނާއަށް ކުޅެން ދިނުމަށްފަހު ލިބޭ ފުރުސަތުގައި ނުރައްކާ ކުރަމުން ދިޔަ އިރު ވެލެންސިއާއަށް ވަނީ މެޗުގެ ކުރީ ކޮޅު ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. އެއީ ވެލެންސިއާގެ ފޯވާޑަކަށް ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭ ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. އެކަމަކު ވެލެންސިއާގެ މެކްސީ ގޮމޭޒް ފޮނުވާލި އެ ޕެނަލްޓީ ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ ދިފާއު ކޮށްފައެވެ. މިއީ ސްޕެނިޝް ލީގުގައި ސްޓެގެން މަތަކުރި ފުރަތަމަ ޕެނަލްޓީއެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނަޓުގައި ވެލެންސިއާއިން ވަނީ ލީޑު ނަގައިފަ އެވެ. އެ ގޯލަކީ މެޗުގެ ފުރަތަމަ ހާފުގައި ޕެނަލްޓީ މިސްކޮށްލި ގޮމޭޒް ނަގައިދިން ހުރަހެއް ބާސެލޯނާގެ ޑިފެންޑަރު ޖޯޑީ އަލްބާގެ ގައިގައި ޖެހި ވަން ގޯލެކެވެ. އެއަށްފަހު ބާސެލޯނާގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދޭތޯ މަސައްކަތް ކުރި އެވެ. އެޓީމުގެ ކެޕްޓަން ލިއޮނެލް މެސީ އެ މެޗުގައި 11 ޝޮޓު ހެދި ނަމަވެސް އޭނާއަށް ވެސް ވެލެންސިއާގެ ގޯލު ހުޅުވައިދެވޭ ވަރެއް ނުވިއެވެ.

ވެލެންސިއާއިން މެޗުގައި ޖެހި ދެވަނަ ގޯލު ވެސް ޖެހީ ގޮމޭޒްއެވެ. އެ މެޗުން ލިބުނު މޮޅާއެކު އެ ޓީމު މިވަގުތު އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

comment ކޮމެންޓް