ރީތިކަމަކީ ކޮންމެ މީހެއްވެސް ތަފާތު ގޮތަކަށް މާނަ ކުރާނޭ ލަފްޒެކެވެ. އެކި މީހުން އެކި ސިފަތަކަށް އެކި ކަންކަމަށް ލޯބިކުރާއިރު، ރީތިމީހެއްގެ ގޮތުގައި އަބަދުވެސް ސިފަކުރެވޭނީ ވަރަށް ފުރިހަމަ ބޭރުފުށުން އެއްވެސް އުނިކަމެއް ފެންނަން ނެތް މީހަކަށެވެ.
އުފަންވުމުގައި ނުކުޅެދުންތެރިކަން ހުރި، މެކްސިކޯގެ މޮޑެލް އެނާ ގެބްރިއެލާ މޮލީނާ ބޭނުންވަނީ މި ވިސްނުން ބަދަލުކޮށް، "ރީތި" މި ލަފްޒުގެ މާނައަކީ ކޮބައިކަން ދުނިޔެއަށް ހާމަކުރުމަށެވެ.
މިއަހަރުގެ މާރޗްމަހު، މެކްސިކޯގެ ގެ ގަލްފްގެ ސްޓޭޓެއްކަމުގައިވާ ވެރަކްރޫޒްގެ ރީތީގެ މުބާރާތެއްގައި ބައިވެރިވެ ކާމިޔާބުވާނެ ކަމުގެ އުންމީދުގައި ހުރި، މޮލީނާ އުފަންވިއިރުވެސް އަތެއް ނެތެވެ. އެހެންނަމަވެސް މިއީ އޭނާގެ ކުރިއެރުމަކަށް އެޅުނު ހުރަހެއް ނޫނެވެ.
އުމުރުން 24 އަހަރުގެ މޮލީނާ ގްރެޖުއޭޓްވެފައިވަނީ ސައިކޮލޮޖީގެ ދާއިރާއިންނެވެ. އޭނާ ބުނާގޮތުގައި ދިރިއުޅުމުގައި ކިތަންމެ ދަތިތަކާއި ކުރިމަތިލާންޖެހުނަސް، އޭނާ ބޭނުންވަނީ ނުކުޅެދުންތެރިަކން ހުރި އެހެން މީހުންނަށް މިސާލަކަށް ވުމަށެވެ.
އަތެއް ނެތްކަމުގައިވިޔަސް، ކެއުމާއި، ފޯނު ބޭނުންކުރުމާއި، ހުރިހާ ކަމެއްވެސް އޭނާ ކުރެއެވެ. ފައިގެ އެހީގައެވެ. އޭނާ ބުނާގޮތުން، ދިރިއުޅުމުގެ ކޮންމެ ވަގުތެއްގައިވެސް އޭނާ ގެންގުޅޭ ވިސްނުމަކީ އޭނާއަކީ އެހެން މީހުންނޭ އެއްފަދައިން 'ނޯމަލް' މީހެއްކަމަށެވެ.
މޮލީނާ އަކީ ކްލޯތިން ލައިންއެއްގެ މޮޑެލް އެއްގެ އިތުރުން، އެކި މުނާސަބަތުތަކުގައި، މީހުންނަށް ހިތްވަރުދޭ ކުޅަދާނަ ވާހަކަދެއްކުންތެރިއެއްވެސް މެއެވެ.
މޮލީނާ މިހާރު ބައިވެރިވެފައިވާ ސްޓޭޓް ފެންވަރުގެ ރީތީގެ މުބާރާތް ކާމިޔާބު ވެއްޖެނަމަ އޭނާ ދެން ދަތުރުކުރާނީ މިސް މެކްސިކޯގެ ރީތީގެ މުބާރާތަށެވެ.