އަދުރޭ ވިދާޅުވަނީ ލާމަރުކަޒީ ނިޒާމާ އެމްޑީޕީއާ ގުޅުމެއް ނެތް ކަމަށް

އަބްދުއްރަހީމް އަބްދުﷲ: އޭނާ ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހިންގަން އެނގޭނީ އެފަރާތްތަކަށް ކަމަށް -- ސަން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ --- ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ވެރިކަންކުރާ އެމްޑީޕީ އާއި ލާމަޒުކަޒީ ނިޒާމާ ގުޅުމެއް ނެތް ކަމަށް އިދިކޮޅު ޕީޕީއެންސީގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށްޓަކައި އަތޮޅުތަކަށް ކުރަމުން އަންނަ ދަތުރުގެ ތެރެއިން ހއ. އިހަވަންދޫގައި މިރޭ ވޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ލާމަޒުކަޒީ ނިޒާމު ހިންގަން އެމްޑީޕީއަށް ނޭނގޭ ކަމަށެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެމްޑީޕީއަކާއި ލޯކަލް ކައުންސިލް އިންތިޚާބަކާ ވާ ބެހޭ ކަމެއް ނޫނޭ. އެ މީހުނަކަށް ނޭނގޭނެ ލާމަރުކަޒީ ނިޒާމް ހިންގާކަށް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުން ބާރުވެރިކުރުވާކަށެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންނަށް ތަރައްގީ ގެނެސް ދޭކަށެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންނަށް އޯގާތެރިވާ ކަށެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންގެ ބޭނުންތަކެއް. އެ މީހުނަކަށް ނޭނގޭނެ ރައްޔިތުންގެ އިހްސާސްތަކެއް. އެ މީހުނަކަށް ނޭންގޭނެ ރައްޔިތުންގެ އުންމީދުތަކެއް. އެ މީހުނަކަށް ނޭނގޭނެ ދިވެހި ޒުވާނުން ކުރާ އުންމީދުތަކެއް،" އަދުރޭ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހިންގަން އެނގޭނީ ޕީޕީއެމާއި އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ކަމަށާއި އެކަން ކުރަން އެމްޑީޕީއަށް ނޭނގޭނެ ކަމަށެވެ.

އަދުރޭ މިހެން ވިދާޅުވީ ލާމަރުކަޒީ ނިޒާމް ހިންގަން ޕީޕީއެމަށް ނޭނގޭނެ ކަމަށް ރައީސް ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ، އެމަނިކުފާނުގެ އެ ވާހަކަފުޅުތަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ލާމަރުކަޒީ ނިޒާމްއާ އެންމެ ގާތް ގުޅުމެއް އޮތީ ޕީޕީއެމްއާ އޭ. ޕީޕީއެމަށް އެނގޭނެ ރައްޔިތުން ބާރުވެރިކުރުވަން. ޕީޕީއެމަށް ކެރޭނެ ރައްޔިތުން ބާރުވެރިކުރުވަން،" އަދުރޭ ވިދާޅުވިއެވެ.

އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ތައްޔާރުވަމުން އަންނަ އިރު އިދިކޮޅު ލީޑަރު، ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އަދުރޭ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން މިނިވަންކޮށްގެން ބާއްވާ ކައުންސިލް އިންތިޚާބެއް ނަމަ ވެރިކަންކުރާ އެމްޑީޕީ 'ބޮޑުތަނުން' ބަލިކުރާނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ ޖަލުގައި އޮންނެވީ އެކަނިވެރި ނިކަމެތި ހާލުކޮޅުގައި އޮންނެވި ނަމަވެސް ރައީސް ޔާމީނަށް މުހިންމު ވަނީ މިގައުމު ކަމަށެވެ. އެހެންކަމުން މިގައުމަށް ދިމާވެދާނެ ނުރައްކާތެރި ކަންކަމުން ސަލާމަތްކުރުމަށްޓަކައި ކައުންސިލް އިންތިޚާބުގެ މެޖޯރިޓީ ޕީޕީއެމަށް ހޯދުމަށް މަސައްކަތްކޮށްދިނުމަށް ރައީސް ޔާމީން އެދިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެމަނިކުފާނު އަޅުގަނޑުމެންގާތު ވިދާޅުވަނީ އަތޮޅުތަކަށް ދަތުރުކުރާށޭ. ހުރިހާ ރަށަކަށް ޒިޔާރަތްކުރާށޭ. ތިމަންނައަށް ތާއިދުކުރާ ހުރިހާ ރައްޔިތުންގެ ގާތު ބުނެދޭށޭ ތިމަންނައަށްޓަކައި މިގައުމަށްޓަކައި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޕީޕީއެމަށް ކާމިޔާބު ކޮށްދެެއްވާށޭ. އެ މެސެޖް ތިބޭފުޅުންނަށް ރައްދުކުރުމަށްޓަކައި އަޅުގަނޑުމެން މި ދަތުރު ކުރަނީ. އަޅުގަނޑުމެން މިތިބީ ވަރަށް ސާބިތު ކަމާއި އެކު ރައީސް ޔާމީންގެ ފަހަތްޕުޅުގައި،" އަދުރޭ ވިދާޅުވިއެވެ.

މިގައުމު އާރާސްތުކުރުމަށް ކުރަން ޖެހޭ ކޮންމެ ގޮންޖެހުމެއް ވެސް ހުރަަސް ކުރާނީ ވަރަށް ސާބިތުކަމާއި އެކީ ރައީސް ޔާމީނާއެކު ކަމަށާއި ޕީޕީއެމް، ޕީއެންސީން ދައްކާ ބިރަކުން ފަހަތަކަށް ނުޖެހޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ދާދިފަހުން ވަނީ ކައުންސިލް އިންތިޚާބު ޕީޕީއެމަށް ދޭންޖެހޭ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެ ޕާޓީއަށް ފާޑުވިދާޅުވެފައެވެ.

comment ކޮމެންޓް