ވައިރަސް ފެތުރޭތީ ވޫހާންގައި 10 ދުވަސް ތެރޭ 1000 އެނދުގެ ހޮސްޕިޓަލެއް އަޅަނީ

ވޫހާންގައި 10 ދުވަސް ތެރޭ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: ސީސީޓީވީ

ބެއިޖިން (ޖެނުއަރީ 24): ޗައިނާގައި ހަލުވި ކަމާއެކު ފެތުރެމުންދާ އާ ވައިރަހުގެ ސަބަބުން ބަލިވާ މީހުންނަށް ފަރުވާ ދިނުމަށް ވޫހާން ސިޓީގައި 10 ދުވަސް ތެރޭ އާ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް އެގައުމުން ފަށައިފި އެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ވައިރަސް ފުރަތަމަ ފެނުނު ސިޓީގައި އަޅާ 1،000 އެނދުގެ އެ ހޮސްޕިޓަލް އަންނަ މަހުގެ ތިނެއްގައި ބޭނުން ކުރެވޭނެ ކަމަށް ބެލެވެ އެވެ. އަދި އެ ޓީވީން ވަނީ ހޮސްޕިޓަލް އަޅާ ސަރަހައްދުގައި ކުރަމުންދާ މަސައްކަތުގެ ފޮޓޯ ހިއްސާކޮށްފަ އެވެ.

ކޮރޯނާ ވައިރަސްގެ އާ ބާވަތެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ އެ ވައިރަސް މިހާރު ވަނީ ޗައިނާގެ 830 މީހެއްގެ ހަށިގަނޑުން ފެނިފަ އެވެ. އަދި އޭގެ ސަބަބުން 26 މީހަކު ވަނީ މަރުވެފަ އެވެ.

އެ ވައިރަސް ފެތުރުން ހުއްޓުވުމަށް ވޫހާން އާއި އެ ސިޓީއާ ކައިރީ އޮންނަ ބައެއް ސިޓީތަކުގައި ދަތުރުފަތުރުގެ ހިދުމަތް މެދުކަނޑާލާފައިވާ އިރު، އެގައުމުގެ އެކި ސަރަހައްދުތަކުގެ ހޮސްޕިޓަލްތަކުގައި ކިޔޫތައް ދިގުވެ، ފާމަސީތަކުން ބޭހާއި ސިއްހީ ވަސީލަތްތައް މަދުވަމުންދާ ކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

މީގެ ކުރިން 2003ގައި ކޮރޯނާ ވައިރަސްގެ އެހެން ބާވަތެއް ކަމަށްވާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ހަލުވި ކަމާއެކު ޗައިނާގައި ފެތުރުމުން އެގައުމުން ހަ ދުވަސް ތެރޭ ބެއިޖިންގައި ހޮސްޕިޓަލެއް އެޅި އެވެ. އެ އަހަރު ތެރޭ ސާސްގެ ސަބަބުން ޗައިނާއިން 349 މީހުންނާއި ހޮންކޮންއިން 299 މީހުން މަރުވި އެވެ.

ޗައިނާގެ އާ އަހަރާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން ދަތުރު ކުރަމުންދާ މި ދަނޑިވަޅުގައި ސިންގަޕޫރު، ޖަޕާން، ތައިލޭންޑް، ދެކުނު ކޮރެއާ، ޓައިވާން، ވިއެޓްނާމް އަދި އެމެރިކާއިންވެސް މިހާރު ވަނީ އާ ވައިރަސް ފެނިފަ އެވެ.

ވޫހާންގައި ކަނޑުމަހާއި ހިޔަޅާއި އޫރާއި ހަރުފަ ފަދަ ޖަނަވާރުތައް ވިއްކަމުން ދިޔަ މާރުކޭޓަކުން ފުރަތަމަ ފެތުރުނުކަމަށް ބެލެވޭ އެ ވައިރަސް މިހާރު ދަނީ އިތުރަށް ތަހުލީލު ކުރަމުންނެވެ. އެ ވައިރަހުގެ ސަބަބުން ހުން އައުމާއި ނޭވާ ކުރުވުމާއި ކެއްސުން ފަދަ އަލާމާތްތައް ފެންނާނެ ކަމަށް ހެލްތު އޮފިޝަލުން ބުނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އެ ވައިރަހުގެ ސަބަބުން ޗައިނާގައި ސިއްހީ ކުއްލި ހާލަތެއް އިއުލާނުކުރަން ޖެހުނު ނަމަވެސް، އަދި ބައިނަލްއަގުވާމީ ގޮތުން ސިއްހީ ކުއްލި ހާލަތެއް އިއުލާން ކުރަން ނުޖެހޭކަމަށް ބުނެފަ އެވެ.

comment ކޮމެންޓް