ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތް ބައި ހިއްކަން އުޅޭ ކަމަށް ބުނެ އެޗްއާރްޑަބްލިއު އިން ކަންބޮޑުުވުން ފާޅުކޮށްފި

ކުޅުދުއްފުށި ކުޅި ހިއްކައިގެން އެއާޕޯޓުގެ ރަންވޭ އަޅާފައި -- ފޮޓޯ/ އިރުޝާދު އަބްދުއްރަހްމާން

ހދ. ކުޅުދުއްފުށީ ކުޅީގެ ބާކީ އޮތްބައި ހިއްކުމުގެ ވިސްނުން ދިވެހި ސަރުކާރުން ގެންގުޅޭ ކަމަށް ބުނެ، ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ހިއުމަން ރައިޓްސް ވޮޗްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައީސް ޔާމީންގެ ސަރުކާރުން 2018 ވަނަ އަހަރުގެ ތެރޭގައި ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން ނިންމީ އެ ރަށުގެ ކުޅި ހިއްކައިގެންނެވެ. އެކަމާ ދެކޮޅަށް ތިމާވެއްޓަށް ލޯބި ކުރާ ފަރާތްތަކުންނާއި މަދަނީ ޖަމިއްޔާތަކުން އަޑުއުފުލަމުން ދަނިކޮށް ކުޅީގެ މެދުން ބޮޑު ބައެއް ހިއްކައި އެއާޕޯޓު އަޅައި ނިންމާލި އެވެ. މިހާރު ކުޅި އޮތީ ދެބަޔަކަށް ބެހިފައެވެ. ކުޅީގެ ބާކީ އޮތްބައި ހިމާޔަތް ކުރަން، ތިމާވެއްށި ހިމާޔަތް ކުރަން ގޮވާލާ ފަރާތްތަކުން ގޮވާލަމުންދާތާ މިހާރު ދުވަސްތަކެއް ވެއްޖެ އެވެ. އެކަމަކު، މި ސަރުކާރުން އެކަމާ މެދު އަދިވެސް ގޮތެއް ނިންމާފައި ނުވެ އެވެ.

ހިއުމަން ރައިޓްސް ވޮޗްއިން އިއްޔެ ބުނީ، މެންގްރޫވް ގަސްތަކުގެ ސަބަބުން، ފެންބޮޑުވުމާއި ސުނާމީ ފަދަ ގުދުރަތީ ކާރިސާތަކުން ރަށްތައް ސަލާމަތްކޮށްދޭ އިރު، ކުޅުދުއްފުށީގައި އެއާޕޯޓު އަޅަން ގާތްގަނޑަކަށް އެ ރަށުގެ މެންގްރޫވްގެ 70 ޕަސެންޓު ނައްތާލާފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެންބޮޑުވުމުގެ އަސަރު ކުރިއަށް ވުރެ ބޮޑަށް ކުޅުދުއްފުއްޓަށް ކުރި ކަމަށް ހިއުމަން ރައިޓްސް ވޮޗްއިން ބުންޏެވެ. އަދި ކުރިއަށް ވުރެ ކައިރިކައިރީގައި ފެންބޮޑުވުމުގެ ހާދިސާތައް ހިނގާ ކަމާއި، ވާރޭ ވެހޭ އިރު ކުރިއަށް ވުރެ ގިނަ ގެތަކަށް މިހާރު ފެންބޮޑުވުމުގެ އަސަރު ކުރާ ކަމަށް ރަށުގެ ބައެއް ރައްޔިތުންނާ ހަވާލާދީ އެ ޖަމިއްޔާއިން ބުންޏެވެ.

ކުޅުދުއްފުށީ ކުޅީގައި ހަދާފައި ހުރި ބޮނބި އޮޅިއެއްގައި އަންހެނަކު ހަރަކާތްތެރިވަނީ: ބޮނބި ފާ ކުރަނީ ރޯނު ވެށުމަށް -- ސަން ފޮޓޯ: ނަޖާހު މަސްއޫދު

އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓުތަކުގެ ރަނގަޅުކަން ކަށަވަރުކޮށް، އެ އެސެސްމެންޓުތަކުން ދޭ ލަފާތަކަށް އިޖާބަ ދޭނެ ކަމަށް މީގެ ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބުނެފައިވާކަންވެސް ހިއުމަން ރައިޓްސް ވޮޗްއިން ފާހަގަކުރި އެވެ. އެކަމަކު، ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ފަހު މިހާރު، ކުޅީގެ ބާކީ ބައި ހިއްކުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށް އެ ޖަމިއްޔާއިން ބުނެފައިވެއެވެ.

ހިއުމަން ރައިޓްވްސް ވޮޗްގެ އޭޝިއާ ޑައިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ، ކުޅުދުއްފުށީގެ ބާކީ ކުރި މެންގްރޫވްތައް ހަލާލުކޮށްލައިފި ނަމަ، އެއީ، އެ ރަށުގެ ރައްޔިތުންނާއި، އެ މީހުން ދިރިއުޅުމަށް ކުރާ މަސައްކަތް ފެންބޮޑުވުން ފަދަ ނުރައްކާތަކަށް ހުށަހެޅޭނެ ކަމެއް ކަމަށެވެ. އަދި މިހާރުވެސް ރާއްޖެ އޮތީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ހުށަހެޅިފައިކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އެ ނުރައްކާތަކުން ރާއްޖެ ސަލާމަތް ކުރަން ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

"ކުޅުދުއްފުށީ ރައްޔިތުން ހިމާޔަތް ކުރަން ފިޔަވަޅު އެޅުމުގެ ވިސްނުމެއް ގެންގުޅޭ ކަމުގެ ސިގްލަން، ކުޅީގެ ބާކީ ހުރި ބައިތައް ހިމާޔަތް ކުރަން ފިޔަވަޅު އަޅައިގެން ދިވެހިރާއްޖޭގެ ސަރުކާރަށް ދެވިދާނެ،" ގޮސްމަން ވިދާޅުވިއެވެ.

ކުޅުދުއްފުށި ކުޅި ހިއްކުމުގެ ކުރިން އެތަން އޮތް ގޮތް -- ފޮޓޯ/ ވޮއިސް އޮފް ކުޅުދުއްފުށި

މިދިޔަ އަހަރުުގެ އޭޕްރިލް މަހުގެ ތެރޭގައި މެންްގްރޫވް އެކްޝަން ޕްރޮޖެކްޓު ނަމަކަށް ކިޔާ ބައިނަލްގުވާމީ ޖަމިއްޔާއެއްގެ ސައިންސުވެރިންތަކެއް ވަނީ ކުޅުދުއްފުއްޓަށް ގޮސް ކުޅީގެ ތަހުލީތުތައް ހަދައިފައެވެ. ހިއުމަން ރައިޓްސް ވޮޗްއިން ބުނި ގޮތުގައި މެންގްރޫވް އެކްޝަން ޕްރޮޖެކްޓުން ދިވެހި ސަރުކާރަށް ލަފާ ދިނީ، ކުޅި ހިމާޔަތްކޮށް، އެތަނުގެ ފެން ފަށަލަ ހުންނަން ޖެހޭ ވަރުގައި ދަމަހައްޓައި، ރަށް ފެންބޮޑުވުމުން ސަލާމަތް ކުރުމަށެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ އިރު، ރަށް ގިރުން އަދި ފެންބޮޑުވުން ފަދަ ގުދުރަތީ ކާރިސާތަކުން ރަށްތައް ރައްކާތެރިކޮށްދޭނެ އެންމެ ގުދުރަތީ އެންމެ މުހިންމު ވަސީލަތްތަކަކީ މެންގްރޫވްއާއި މުރަކަ ފަރުތައް ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

ކުޅުދުއްފުށީ ކައުންސިލުގެ ނައިބު ރައީސް އަލީ ހާޝިމް މިއަދު "ސަން"އަށް ވިދާޅުވީ، ކުޅި ހިއްކަން އުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ސަރުކާރުން އަދި ދީފައި ނުވާ ކަމަށެވެ. ނަމަވެސް، ކުޅުދުއްފުށީ ކުޅިއާ މެދު ގޮތެއް ނިންމުމުގެ ކަންކަން ރަށު ކައުންސިލާ ހަވާލު ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމުގެ އިޝާރާތްތައް މީގެ ކުރިން ލިިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހާޝިމް ވިދާޅުވީ، ކުޅި ހިމާޔަތްކޮށް ބެލެހެއްޓޭނެ ވަރުގެ ގާބިލު ކަމެއް ކައުންސިލުގައި ނެތްކަން ފާހަގަކޮށް، ކުޅިއާ މެދު ކަންތައް ކުރަންވީ ގޮތެއް މައި ސަރުކާރުން ނިންމުމަށް އެދި ކައުންސިލުން އެންވަޔަރަމެންޓް މިނިސްޓްރީއަށް މިދިޔަ އަހަރު ސިޓީ ފޮނުވާފައިވާ ކަމަށެވެ. އަދި މިހާތަނަށް ރަސްމީ ޖަވާބެއް ލިބިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެންވަޔަރަމެންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވަރަށް އަވަހަށް ރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޯ ވާރެއާ އެކު ކުޅީގެ މުހިންމުކަން އެނގިއްޖެ

comment ކޮމެންޓް