ދާންދުއަށް "ދޫކޮށްލި" ބިދޭސީން އަނބުރާ ގެންގޮސްފި

ވޮޑަމުލާގައި މަސައްކަތް ކުރާ 18 ބިދޭސީއަކު ދާންދޫގައި --

ގއ. ދާންދުއަށް ދޫކޮށްލި ކަމަށް ބުނާ ބިދޭސީންތައް ވޮޑަމުލާ ތައްރަގީކުރުމުގެ މަސައްކަތް ކުރާ ކުންފުނިން މިރޭ އަލުން އަނބުރާ ގެންގޮސްފިއެވެ.

އެ ރިސޯޓުގެ ލޯންޗަކުން، 18 ބިދޭސީއަކު ފޮށިތަންމައްޗާއެކު އެ ރަށަށް ބާލާފައި ވަނީ މިއަދު ހެނދުނު 10:00 ހާއިރު އެވެ.

ދާންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ، މުހައްމަދު އަލީ "ސަން" އަށް ވިދާޅުވީ މިރޭ 10:53 ހާއިރު، އެ ރިސޯޓުގެ ފަރާތުން އައިސް އެ 18 ބިދޭސީން ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވީ ވޮޑަމުލާ ގައި މަސައްކަތް ކުރަމުން ދިޔަ 18 ބިދޭސީން ދާންދޫއަށް ހެނދުނު ގެންގޮސް ބޭލިގޮތަށް އެމީހުން އަދިވެސް އެރަށުގައި ތިބިކަމަށް ބުނެ، ރިޕޯޓެއް ލިބިފައިވާ ކަމަށާއި އަދި އެރަށު ކައުންސިލުން ވެސް އެކަމާ ކަންބޮޑުވުން ހިއްސާކޮށްފައިވާ ކަމަށެވެ.

އަދި މިހާރު ދާންދޫ ކައުންސިލާއި، ފުލުހުން ވޮޑަމުލާ ތަރައްގީކުރާ ފަރާތާ ވާހަކަ ދައްކައިގެން އެމީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ 18 ބިދޭސީން ދާންދުއަށް ގެންގޮސްފައި ވަނީ ވޮޑަމުލާއިން ދާން ބޭނުންވެގެން، އެމީހުންނަށް ތިން މަހުގެ މުސާރަ ދިނުމަށްފަހު މިއަދު ދާންދޫ އިން މާލެ ފުރާ ބޯޓަކުން މާލެ ފޮނުވާލުމަށް ކަމަށެވެ.

ނަމަވެސް ބިދޭސީންނާ ހަވާލާދީ އެރަށު ކައުންސިލުން "ސަން" އަށް ބުނީ އެމީހުން އެރަށަށް ގެނެސް "އުކާލީ" ހަ މަސް ވަންދެން މުސާރަ ނުދީ މަސައްކަތް ކުރުވުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެމީހުން އިހުތިޖާޖު ކުރުމުން ކަމަށެވެ.

އެމީހުންގެ ވޯކް ޕާމިޓްތައް ހުރިތޯ ބެލި އިރު، ވޯކް ޕާމިޓް އޮތީ އެންމެ މީހެއްގެ އަތުގައި ކަމަށް ކައުންސިލުން ބުންޏެވެ.

އަދި ރޭ ހަތެއް ޖެހި އިރުން ފެށިގެން އެމީހުންނަށް ކާން ދީފައި ނުވާކަމަށް ބުނާއިރު، އެމީހުންނަށް މިއަދު ދާންދޫގައި ދިރިއުޅޭ ބިދޭސީއަކު ވަނީ ކާއެއްޗެހި ފޯރުކޮށްދީފައެވެ.

ފުލުހުން އަންނަނީ މި މައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. މި މައްސަލައާ ގުޅިގެން ވޮޑަމުލާގެ ބަހެއް ހޯދަން "ސަން" އިން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

comment ކޮމެންޓް