ގްރޫޕަކުން ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ބަލަނީ

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާ ގުޅިގެން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް

މެދު ރާއްޖެތެރޭގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން 18 އަހަރު ނުފުރޭ ކުޑަ އަންހެންކުއްޖަކު ރޭޕް ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލަ ހުށަހެޅިފައި ވަނީ މިރޭ ކަމަށެވެ. ރޭޕްކޮށްފައި ވަނީ 14 އަހަރުގެ އަންހެން ކުއްޖެކެވެ.

ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން އަންނަ އިރު އަދި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ އެކަކަށްވުރެ ގިނަ މީހުން ބައިވެރިވެގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަން ސާބިތުވެއްޖެނަމަ، 20 އަހަރާ 25 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ ކަމަށެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވަމުން އަންނަ އިރު، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް އަންނަނީ އަޑުއުފުލަމުންނެވެ. އަދި މިފަދަ މައްސަލަތައް އަވަހަށް ނިންމައި، އިންސާފު ލިބުން އަވަސް ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ.

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެފަދަ ކަންކަމަށް ސަރުކާރުގެ އޮތީ، "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް ކަމަށެވެ.

comment ކޮމެންޓް