ދަރިފުޅަށް ގަންނަ އިންޓަވަލްގެ ސާފުތާހިރުކަމާމެދު ވިސްނާލާ!

ބިދޭސީން ކާބޯތަކެތި ތައްޔާރުކުރާ ތަނެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމިގްރޭޝަނުން ކުރިއަށް ގެންދާ ރޫޓިން އިންސްޕެކްޝަންތަކުގެ ތެރެއިން މިއަދު، އެފަރާތްތަކަށް މިވަނީ އާންމު ރައްޔިތުންނަށް ސަމާލުވާންޖެހޭ ވަރަށް މުހިންމު ކަމެއް ފާހަގަވެފައެވެ.

އިމިގްރޭޝަނުން މިއަދު ހަތަރު ތަނެއް އިންސްޕެކްޓު ކުރި އިރު، ބިދޭސީން ކާބޯތަކެތި ތައްޔާރުކުރުމުގެ މަސައްކަތް ކުރާތަނެއް ވަނީ ފެނިފައެވެ. އަދި އެތަނުގައި ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ކާބޯތަކެތި ތައްޔާރުކުރާކަން ވަނީ ފާހަގަވެފައެވެ.

އެކަމާ ގުޅިގެން ރައްޔިތުން ހޭލުންތެރި ކުރުމަށް އިމިގްރޭޝަނުން ވަނީ ކުޑަ ވީޑިއޯއެއް ވެސް އާންމުކޮށްފައެވެ. އެ ވީޑިއޯގައި ބިދޭސީން ކާބޯތަކެތި ތައްޔާރުކުރަން ތިބި ތަން ފެނެއެވެ.

"މި ތަކެތީގެ ތެރޭގައި އިންޓަވަލް ގަޑީގައި ސްކޫލް ކުދީންނަށް ދިނުމަށް ބައެއް ބެލެނިވެރީން އާންމުކޮށް ފިހާރަތަކުން ގަނެ އުޅޭ ބާވަތްތައް ހިމެނޭކަން ފާހަގަކުރެވިފައިވޭ،" އިމިގްރޭޝަނުން ބުންޏެވެ.

އިމިގްރޭޝަނުން ބުނީ އެމީހުން ތައްޔާރުކުރަމުން ދިޔަ ތަކެތި ޕެކް ކޮށް، ލޭބަލް ޖަހައިގެން ފިހާރަތަކުގައި ވިއްކަމުން އަންނަ ކަމަށެވެ. އެހެންކަމުން މިކަމަށް ހުރިހާ ފަރާތްތަކުން ވެސް ސަމާލުވުމަށް އިމިގްރޭޝަނުން އިލްތިމާސް ކުރެއެވެ.

ކާބޯތަކެތި ތައްޔާރުކުރާ ތަންތަނަކީ ސާފުތާހިރުކަމުގެ ވަކި މިންގަނޑެއް ހިފަހައްޓަން ޖެހޭ ތަންތަނެވެ. އާންމު ސާފުތާހިރުކަމުގެ މިންގަނޑަށް ނުފެތޭ ތަންތަން އެޗްޕީއޭއިން އަންނަނީ ބަންދު ކުރަމުންނެވެ.

އިމިގްރޭޝަނުން ބުނީ މި މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޒިންމާއެއް މިފަދަ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އާންމު ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނައުމަކީ،" އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

comment ކޮމެންޓް