ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެ

ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާ ފިތޫރުގައި ރާއްޖޭގެ ސްޓޯލް--- ފޮޓޯ: އެމްއެމްޕީއާރުސީ

ސްޕެއިންގައި ބާއްވާ އެންމެ ބޮޑު ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

ސްޕެއިންގެ މެޑްރިޑްގައި އިއްޔެ ފެށި ފިތޫރު ފެއާ އަންނަ އާދިއްތަ ދުވަހާ ހަމައަށް ކުރިއަށްދާނެއެެވެ.

އެ ފެއާގައި އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތައް ބައިވެރިވެއެވެ.

އެގޮތުން ދެ ކުންފުންްޏަކުން 71 ބައިވެރިންނާއެކު 71.5 އަކަފޫޓުގެ ސްޓޭންޑްއެއްގައި ރާއްޖޭގެ ރީތިކަން ދައްކުވައިދޭ މަންޒަރުތަކާއެކު ހަރަކާތްތައް ކުރިއަށްދާނެކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ބައްދަލުކޮށް ސްޕެއިންއާއި އެހެނިހެން ގައުމުތަކުގައި ރާއްޖެ މާކެޓުކުރުމަށް މަޝްވަރާކުރެވިގެންދާނެ ކަަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އެ ފެއާގައި ރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ރާއްޖޭގެ މައުލޫމާތު ހިމެނޭގޮތަށް ކުއިޒެއް ބާއްވައި ކުއިޒެއް ބާއްވައި އެކި އިނާމުތައް ދިނުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

އޭގެ އިތުރުން ދިވެހި ސަގާފަތް ޕްރޮމޯޓުކުރުމުގެ ގޮތުން ދިވެހި ލިބާހާއެކު ފޮޓޯނަގައި ދިވެހި ރަހަތަކުގެ ތެރެއިން ތެލުލި ބަނބުކެޔޮ، އައްޑޫ ބޮނޑިއާއި ކުޅިކާޖާގެ ރަހަ ބެލުމުގެ ފުރުސަތު އޮންނާނެކަމަށްވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މިދިޔަ އަހަރު ސްޕެއިންއިން 36،064 ފަތުރުވެރިން ޒިޔާރަތްކުރިއެެވެ. މިއީ 2018 ވަނަ އަހަރާ އަޅާބަލާއިރު 13.5 ޕަސެންޓް ކުރިއެރުމެކެވެ.

comment ކޮމެންޓް