ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކި ކުރަން މަޖިލީހަށްވެސް ޕެޓިޝަނެއް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލިސް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އެ ސިޓީއިން ވަކިކޮށް، ރަށެއްގެ ހައިސިއްޔަތު ދިނުމަށާއި، އެ ދެ ރަށުގައި ރަށު ކައުންސިލް އުފައްދައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށްވެސް ޕެޓިޝަން ހުށަހަޅައިފި އެވެ.

ހުޅުދޫ އާއި މީދޫގެ އިންތިޒާމު ކޮމިޓީ ކިޔާ ކޮމިޓީއަކުން 10 މީހަކު ސޮއިކޮށް، އެ ދެ އަވަށް އައްޑޫ ސިޓީއިން ވަކި ކުރުމަށް އެދި މި ހަފްތާގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްވެސް ވަނީ ހުށަހަޅައިފައެވެ.

މިއަދު އެ ޕެޓިޝަން ވަނީ ރައްޔިތުންގެ މަޖިލީހަށްވެސް ހުށަހަޅައިފައެވެ. އިންތިޒާމު ކޮމިޓީގެ ޗެއާ އަހުމަދު ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު މަޖިލީހުގެ ރައީސަށާއި، އެލްޖީއޭގެ ރައީސަށާއި، އިލެކްޝަންސް ކޮމިޝަނުގެ ރައީސަށާއި، ހުޅުދޫ އަދީ މީދުގެ މަޖިލިސް މެމްބަރުންނަށްވެސް ޕެޓިޝަން ފޮނުވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަންސް ޑިރެކްޓަރު، ހަސަން ޒިޔާއު ވަނީ މިއަދު މެންދުރުފަހު މަޖިލީހުގެ އިދާރާއަށް ޕެޓިޝަން ލިބިފައިވާކަން ކަށަވަރުކޮށްދެއްވައިފައެވެ. އޭނާ ވިދާޅުވީ، ޕެޓިޝަން ދީފައި ވަނީ މަޖިލީހުގެ ރައީސްގެ އަތްޕުޅަށް ނޫން ކަމަށެވެ.

ހުޅުދޫ އާއި މީދޫ ވަކި ކުރަން އެދި ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ދެ ރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށް ވެސް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ލާމަރުކަޒީ ނިޒާމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމާއި، ކޮންމެ ރަށަކަށް ވެސް އެރަށެއްގެ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރާއި އިހްތިޔާރު ދިނުން ކަމަށް ވާއިރު، އެ ނިޒާމުގެ ފުރިހަމަ ބޭނުން އެ ދެ ރަށުގެ ރައްޔިތުންނަށް ހިފޭނީ އެ ބާރާއި އިހްތިޔާރު ދެ ރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ. އަދި މިދިޔަ ނުވަ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދެ ރަށަށް ހާސިލްވާންޖެހޭ ކަންކަން ހާސިލްވެ ތަންފީޒުވެފައި ނުވާ ކަމަށްވެސް އެ ޕެޓިޝަނުގައިވެއެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތަކައި އިދާރީ ހިދުމަތްތަކުން މަހުރޫމުވެ، ކައިރިން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ހޯދަން ކަނޑު ހުރަސްކޮށް ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހުން ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސިޓީ ކައުންސިލުގައި ހުޅުދޫ އާއި މިދޫގެ ދެ ކައުންސިލަރުން ތިބި ނަމަވެސް، ކައުންސިލުން ކަންކަން ނިންމަނީ ވޯޓަކުން ކަމަށްވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި ތަރައްގީއަށް ރިއާޔަތްނުކުރެވޭކަމަށް ޕެޓިޝަނުގައިވެ އެވެ.

https://sun.mv/130491

comment ކޮމެންޓް