އެމްއެންޔޫއަށް ރެޖިސްޓްރާއަކާއި ޓޫރިޒަމް ފެކަލްޓީއަށް ޑީންއެއް އައްޔަނުކޮށްފި

އެމްއެންޔޫގެ ޓޫރިޒަމް ފެކަލްޓީގެ ޑީންކަމަށް އައްޔަނުކުރި ޒީނަތު ސޯލިހްއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ--- ފޮޓޯ: އެމްއެންޔޫ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ރެޖިސްޓްރާކަމަށާއި އެ ޔުނިވާސިޓީގެ ފެެކަލްޓީ އޮފް ހޮސްޕިޓައިލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ޑީންކަމަށް ބޭފުޅުން އައްޔަނުކޮށްފިއެވެ.

އެގޮތުން ރެޖިސްޓްރާކަމުގެ މަގާމަށް މުހައްމަދު ސާމިރު އައްޔަނުކުރެއްވިއިރު ޓޫރިޒަމް ފެކަލްޓީގެ ޑީންކަމަށް އައްޔަނުކޮށްފައިވަނީ ޒީނަތު ސޯލިހެވެ.

އެމްއެންޔޫގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ މަގާމުގެ ލިޔުން އެ ދެ ބޭފުޅުންނަށް ހަވާލުކޮށްދެއްވީ އެމްއެންޔޫގެ ވައިސް ޗާންސެލަރު ޑރ. މުޙައްމަދު ޝަރީފުއެވެ.

ރެޖިސްޓްރާގެ މަގާމަށް އައްޔަނުކުރެއްވި ސާމިރު ވަނީ 2011 އިން ފެށިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގައި މަސައްކަތް ކުރައްވައިފައެވެ. އަދި 15 އޮކްޓޫބަރު 2017 އިން 22 ޑިސެންބަރު 2019ގެ ނިޔަލަށް، އެސިސްޓަންޓް ރެޖިސްޓްރާގެ މަގާމުވެސް އޭނާ ވަނީ އަދާކުރުރައްވާފައެވެ.

އެމްއެންޔޫގެ ރެޖިސްޓްރާގެ މަގާމަށް އައްޔަނުކުރެއްވި މުހައްމަދު ސާމިރުއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވަނީ--- ފޮޓޯ: އެމްއެންޔޫ

ޓޫރިޒަމް ފެކަލްޓީގެ ޑީންކަމަށް އައްޔަނުކުރެއްވި ޒީނަތު ވަނީ 1999 އިން 2015 ގެ ފެބްރުއަރީއާ ހަމައަށް އެ ފެކަލްޓީގައި މަސައްކަތް ކުރައްވައިފައެވެ. އޭގެ ފަހުން 2016 ވަނަ އަަހަރު އޭނާ ވަނީ ޔުނިވާސިޓީއާ އަލުން ގުޅިވަޑައިގަތުމަށްފަހު މިއަދާ ހަަމައަށް ލެކްޗަރާއެއްގެ މަގާމު ފުރުއްވައިފައެވެ.

comment ކޮމެންޓް