ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި އެ އެއްޗެއްގެ ލައިފްސައިކަލް ކޮސްޓިންގް ނުވަތަ އެ ބޭނުންކުރެވޭ މުއްދަތާއި އަގާއި ބޭނުންކުރާ ހަކަތައަށް ރިއާޔަތްކުރާ ޕްރޮކިއުމަންޓް އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލެއް މިއަދު "ސަން"އަށް ވިދާޅުވީ މިހާރު ހަކަތަ ބޭނުންކުރާ ސާމާނު ގަންނައިރު ބަލަނީ ވީހާވެސް އަގުހެޔޮ އެއްޗެތި ހޯދުމަށް ކަމަށާއި އެފަދަ ތަކެތި ހަގީގަތުގައި އުމުރުކުރުވެފައި ހަކަތަ ބޭނުންކުރާލެއް ގިނަ ކަަމަށެވެ. އޭގެ ސަބަބުން ބަޖެޓުން ކުރަންޖެހޭ ޖުމްލަ ހަރަދު ބޮޑުވާކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދު ހެނދުނު ޗަމްޕާ ސެންޓްރަލް ހޮޓްލްގައި ބޭއްވި ރަސްމިއްޔާތެއްގައި އާ ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމުގެ މަސައްކަތު ބައްދަލުވުމެއް ވަނީ ފަށައިފައެވެ. އެކަންތައް އިފްތިތާހްކޮށްދެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންއެވެ.
އެ މަސައްކަތު ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަލަށް ތައާރަފުކުރާ އުސޫލުގެ ސަބަބުން ދައުލަތަށާއި ރައްޔިތުންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އެގޮތުން ހަކަތަ ސަމަކާރަ (އެފިޝަންޓް) ތަކެއްޗަށް އިސްކަންދެވި، ދައުލަތަށް ހޯދާ ތަކެއްޗަކީ ފެންވަރު ރަނގަޅު ތަކެއްޗަށްވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަކަތަ ބޭނުންކުރާ ސާމާނު ހޯދުމުގައި "ލައިފްސައިކަލް ކޯސްޓިންގ"އަށް ރިޔާއަތްކޮށް ޕްރޮކިޔުމަންޓް އުސޫލެއް ތައްޔާރުކުރުމަކީ ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް)ގައި ހިމެނޭ މަސައްކަތެކެވެ. އެ އުސޫލު ތައާރަފްކުރުމުން ދައުލަތުގެ ޕްރޮކިއުމަންޓް އުސޫލަށް ހެޔޮ ބަދަލެއް އަންނާނެއެވެ.
މިއަދު ބޭއްވި މަސައްކަތު ބައްދަލުވުމަކީ ސަރުކާރުގެ ހުރިހާ ވުޒާރާތަކަށާއި ނެޝަނަލް ޓެންޑަރ ބޯޑުގެ އިތުރުން މޯލްޑިސް އެނަޖީ އޮތޯރިޓީއަށް ދައުވަތު ދީގެން ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމެކެވެ. އެ މަސައްކަތު ބައްދަލުވުން ކުރިއަށް ގެންދިޔައީ ފިނޭންސް މިނިސްޓްރީއާ ގުޅިގެންނެވެ.