ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ހިއްސާކުރާ މަހާސިންތާ ފަށައިފި

ސިމްޕޯސިއަމް އޮން ކޮންސްޓްރަކްޝަން އޮޕޮޗޫނިޓީސް އެންޑް ފެސިލިޓޭޝަންގެ ތެރެއިން--ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ސަރުކާރުން މިއަހަރު ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކާ ގުޅޭ މައުލޫމާތު ކުންފުނިތަކާ ހިއްސާކުރަން މަހާސިންތާއެއް ފަށައިފިއެވެ.

"ސިމްޕޯސިއަމް އޮން ކޮންސްޓްރަކްޝަން އޮޕޮޗޫނިޓީސް އެންޑް ފެސިލިޓޭޝަން"ގެ ނަމުގައި ފެށި އެ ސިމްޕޯސިއަމްއަކީ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)އާއި ޕްލޭނިންގް މިނިސްޓްރީ ގުޅިގެން ބާއްވާ ހަރަކާތެކެވެ.

ދަރުބާރުގޭގައި ކުރިއަށްދާ އެ ސިމްޕޯސިއަމް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު ވިދާޅުވީ މި ސިމްޕޯސިއަމް ބޭއްވުމުގެ އެންމެ ބޮޑު މަގްސަދަކީ އިމާރާތްކުރުމުގެ ދާއިރާގައި ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތު ކޮންޓްރެކްޓަރުންނާ ހިއްސާ ކުރުން ކަމަށެވެ.

މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހު-- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"އަޅުގަނޑުމެންގެ ބޭނުމަކީ މިއަހަރާ ކުރިއަށް އޮތް ދެ އަހަރު، ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތަފްސީލު ކޮންޓްރެކްޓަރުންނާ ހިއްސާ ކުރެވޭނެ ގޮތެއް ހެދުން. އޭރުން ކޮންޓްރެކްޓަރުންނަށް ފަސޭހަ ވާނެ އަލަށް ހުޅުވާލާ މަޝްރޫޢުތަކަށް ތައްޔާރުވުމުގެ ފުރުސަތު ލިބޭނެ." ޖަނާހު ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ މަޝްރޫއުތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ބާއްވާ ހަރަކާތެއް ކަމަށާއި، ދުރާލާ ތައްޔާރުވުމުން ބަޖެޓަށްވެސް އިތުރު ލުޔެއް ލިބި، މަޝްރޫއުތަކުގެ ކޮލިޓީ ދަމަހައްޓަން ފަސޭހަވާނެ ކަމަށް ޖަނާހު ވިދާޅުވިއެވެ.

އެ މަހާސިންތާގެ އިމާރާތްކުރުމުގެ ދާއިރާގައި މިނިސްޓްރީގެ ފަރާތުން މަސީއަށް ދޭ އެއްބާރުލުން ފާހަގަކޮށް މަސީއިން މިނިސްޓްރީއަށް ހަނދާނީ ފިލައެއްވެސް ވަނީ އަރުވާފައެވެ.

ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

comment ކޮމެންޓް