ތުލުސްދޫ އަދި ހުރާއިން ވެސް ބްރައުން ވިޑޯ މަކުނު ފެނިއްޖެ

ކ. މާފުށިން ބްރައުން ވިޑޯ މަކުނުތަކެއް ފެނިގެން އުޅެނިކޮށް، އެ އަތޮޅު ތުލުސްދޫ އަދި ހުރާއިން ވެސް އެބާވަތުގެ މަކުނުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މި ހަފްތާގެ ތެރޭގައި މާފުށީ އެކި ސަރަހައްދުތަކުންނާއި ގޯތިގެދޮރުން ފައިދިގު މަކުނުތަކެއް ފެންނަމުންދާތީ ރަށު ކައުންސިލްގެ ފަރާތުން ވަނީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައެވެ.

ހެލްތު މިނިސްޓްރީގެ ވެކްޓާ ކޮންޓްރޯލް ޔުނިޓުން ވަނީ މާފުށިން ފެންނަމުންދާ މަކުނަކީ ބްރައުން ވިޑޯ (މުށިބަދިމަކުނު)ކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ ފާއިތުވި 24 ގަޑިއިރު ތެރޭގައި ތުލުސްދޫއާއި ހުރާއިން އެފަދަ މަކުނުތަކެއް ފެނިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެ ތިން ރަށުގައި ވެސް ފުލުހުންނާއި ކައުންސިލްތަކާއި ކަމަބެހޭ އެހެން މުއައްސަސާތައް ގުޅިގެން، މަކުނު ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ހެލްތު ވެކްޓާ ޔުނިޓުން އަންގާފައި ވަނީ، އެބާވަތުގެ މަކުނެއް ނުވަތަ ބިހެއް ފެނިއްޖެނަމަ، ހަންހުރަހެއް މެދުވެރިކޮށް ނެގުމަށްފަހު އަންދާލުމަށެވެ.

ކ އަތޮޅުގެ ރަށްތަކުން ބްރައުން ވިޑޯ ފެންނަމުންދާތީ ފުލުހުން ވަނީ ރައްޔިތުން ސަމާލުވެ ތިބުމަށް އިލްތިމާސްކޮށްފައެވެ. އެގޮތުން ގޭތެރޭގައި އުޅޭއިރު، ގޮނޑި، ޖޯލިފަތި ފަދަ ތަންތަނުގައި އިށީނުމުގެ ކުރިން އެފަދަ ތަންތަނުގައި މަކުނު ހާލި ހަދާފައި ހުރިތޯ ރަނގަޅަށް ބެލުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ދެހާސް ސޯޅަވަނަ އަހަރު މާލޭގެ ގެއަކުންވެސް ވަނީ ބްރައުން ވިޑޯ މަކުނުތަކެއް ފެނިފައެވެ. ބްރައުން ވިޑޯއަކީ ކަޅުބަދިމަކުނު ނުވަތަ ބްލެކް ވިޑޯއަށް ވުރެ ނުރައްކާތެރިކަން ކުޑަ މަކުނެކެވެ.

comment ކޮމެންޓް