ޕްރެޒެންޓަރު ޝިފާޒް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ބަލަނީ

ކުޑަކުދިންނަށް ކުރާ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާއެއްގައި ޝިފާޒް (ފިޔާތޮށި ޓީޝާޓެއްގައި). އޭނާ މުޒާހަރާގައި ހުއްޓާ އެ ތުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލައަކާ ގުޅިގެން ސުވާލުކުރަން ވަނީ ފުހުހަށް ހާޒިރުކޮށްފައި

ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ސަންގު ޓީވީގެ ކުރީގެ ޕްރެޒެންޓަރު އަލީ ޝިފާޒް އޭނާގެ އަނބިމީހާގެ ކޮއްކޮއަށް ޖިންސީ ގޯނާ ކުރަމުންދިޔަ ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.

ޝިފާޒްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުއްޖާ ބުނެފައި ވަނީ އޭނާއަށް ޖިންސީ ގޯނާކޮށްފައި ވަނީ އުމުރުން އެންމެ 11 އަހަރުން ފެށިގެން ކަމަށެވެ.

ފުލުހުން މިއަދު ބުނީ 2011 ވަނަ އަހަރުން ފެށިގެން އަންހެން ކުއްޖަކާމެދު އޭނާގެ ޅިޔަނުގެ ފަރާތުން ޖިންސީ އަނިޔާ ލިބެމުންދާ ކަމުގެ މައްސަލައެއް މިދިޔަ ޑިސެމްބަރު މަހުގެ 22 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ ކަމަށާއި، 2011 ވަނަ އަހަރު އެކުއްޖާއަށް ވާނީ 11 އަހަރު ކަމަށެވެ.

އަދި މައްސަލަ ތަހުގީގު ކުރަމުން ދަނިކޮށް ޖެނުއަރީ 17 ވީ ހުކުރު ދުވަހު އެ މައްސަލައިގެ މައުލޫމާތު ސާފުކުރުމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ދުވަހު ޝިފާޒް ފުލުހަށް ހާޒިރުކޮށްފައި ވަނީ، ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ކުރިއަށް ދިޔަ މުޒާހަރާއެއްގައި އޭނާ ހުއްޓާ، އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު އަންހެން ކުއްޖާ މުޒާހަރާގެ ތެރެއިން ޝިފާޒް އާ ސުވާލުކޮށް އެ ވާހަކަތައް ދެއްކުމުންނެވެ.

މައްސަލަ ފުލުހުން ތަހުގީގު ކުރި ނަމަވެސް، ޝިފާޒް ހައްޔަރުކޮށްފައި ނުވާތީ، އޭނާގެ ފަރާތުން ގޯނާ ލިބުނު ކުއްޖާ އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ޝިފާޒް ދިފާއު ކުރުމަށް އޭނާގެ ދައްތަވެސް ދޮގު ވާހަކަ ދައްކަމުން އަންނަ ކަމަށް ބުނެފައިވެ އެވެ.

މީގެކުރިން ސަންގުޓީވީގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި ޝިފާޒް މިހާރު ހުރީ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ ވަޒީފާގަ އެވެ.

"އަޅުގަނޑަށް ލިބޭ އިންޒާފަކީ މީތޯ؟ މީތޯ ޒީރޯ ޓޮލަރެންސް އަކީ؟" ޝިފާޒްގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކުއްޖާ ބުނެފައިވެ އެވެ.

ޝިފާޒް އަކީ މީގެކުރިން ވެސް ޖިންސީ ގޯނާގެ މައްސަލަތަކުގައި ތުހުމަތު ކުރެވިފައިވާ މީހެކެވެ.

comment ކޮމެންޓް