ރާއްޖެ އަންނަ މީހުން ވޫހާން ވައިރަހަށް ސްކްރީންކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިންތަކެއް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެ އެތެރެވާ މީހުން ނޮވެލް ކޮރޯނާވައިރަސް (ޗައިނާ ވައިރަސް)އަށް ސްކްރީންކުރުމުގެ ކަންކަން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޗައިނާގެ ވޫހާންއިން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ފެންނަން ފެށި މި ވައިރަސް ދުނިޔޭގެ އެކި ގައުމުތަކަށް މިހާރު ދަނީ ފެތުރެމުންނެވެ. އެގޮތުން އިއްޔެގެ ނިޔަލަށް މި ވައިރަސް ޖެހިފައިވާ 440 އަށް ވުރެ ގިނަ މީހުން ޗައިނާއާއި އެހެނިހެން ގައުމުތަކުން ފެނިފައިވާކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

އޭގެ ތެރޭގައި ޗައިނާގައި ބައްޔަށް ފަރުވާކުރުމުގެ މަސައްކަތްކުރި ހެލްތު ވޯކަރުންވެސް ހިމެނޭ ކަމަށާއި، މިއީ ގައިން ގަޔަށް އަރާ ވައިރަހެއްކަން މިކަމުން ހާމަވެފައިވާކަމަށް ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެ އެވެ.

ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ ގައުމަށް ވާ އިރު، ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޗައިނާ ވައިރަސް ފެތުރެމުންދާތީ ޓޫރިޒަމް މިނިސްޓްރީއާއި ކަމާ ބެހޭ އެހެން އޭޖެންސީތައް ގުޅިގެން ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެ އަންނަ މީހުން ޗައިނާ ވައިރަހަށް ސްކްރީންކުރުމުގެ ކަންކަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ފަށާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.

"މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރަންފެށި ކަމެއް. މިހާތަނަށް ރާއްޖެއިން މި ވައިރަހުގެ އެއްވެސް ކޭސްއެއް ފެނިފައެއް ނުވޭ،" ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

https://sun.mv/130522

މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންނާއި ރާއްޖެ އަންނަ ޓޫރިސްޓުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރާނެ ކަމަށާއި، މިކަން ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނެކަމުގެ ޔަގީންކަން ދިވެހި ސަރުކާރުން ދޭ ކަމަށެވެ.

ޗައިނާގެ ވޫހާންއިން ފެނުނު މި ވައިރަސް ޗައިނާގެ އިތުރުން ފަސް ގައުމަކުން ފެނިފައިވެ އެވެ. އޭގެ ތެރޭގައި ތައިލެންޑް، ޖަޕާން، ސައުތު ކޮރެއާ، އެމެރިކާ އަދި އޮސްޓްރޭލިއާ ހިމެނެ އެވެ. މި ގައުމުތަކުން ބަލި ޖެހިފައިހުރި ކަމަށް ފާހަގަވި މީހުންނަކީ ވޫހާންއަށް ދަތުރުކޮށްފައި ނުވަތަ ވޫހާންއިން އެ ގައުމުތަކަށް އެތެރެވި މީހުންނެވެ.

comment ކޮމެންޓް