ޖިންސީ ގޯނާއަށް އޮތީ ޒީރޯ ޓޮލަރެންސް ކަމަށް ރައީސް ވަޒީރުންނަށް ދަންނަވައިފި

މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ރައީީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ --- ފޮޓޯ : ރައީސް އޮފީސް

ކުޑަކުދީންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި އެފަދަ ކަންކަމަށް ސަރުކާރުގެ އޮތީ، "ޒީރޯ ޓޮލަރެންސް"ގެ ސިޔާސަތެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޒީރުންނަށް ދަންނަވައިފި އެވެ.

ރައީސް އޮފީހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަ ހުއްޓުމަކަށް ގެންނަން ރައީސް ގެންގުޅުއްވާ ސިޔާސަތު ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނީ، ރާއްޖޭގައި ކުޑަކުދިންނަށް ގޯނާ ކުރުމުގެ މައްސަލަތައް އޮތް މިންވަރު ދެނެގަތުން މުހިއްމު ކަމަށެވެ. އެފަދަ މައްސަލަތައް ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

"ކުޑަކުދިންނާ ގުޅޭ ޖިންސީ ގޯނާ ކުރުމުގެ އެފަދަ މައްސަލަތަކަކީ ސަރުކާރުން 'ޒީރޯ ޓޮލަރެންސް' ގެންގުޅުއްވާނެ މައްސަލަތައް ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ،" ރައީސް އޮފީހުން ބުންޏެވެ.

މީގެ އިތުރުން، މިއަދު ވަޒީރުންގެ މަޖިލީހުންގައި ވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުން އަވަސްކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފަ އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ. އެ މައްސަލައާ ގުޅިގެން އެފަދަ އިތުރު މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

ދެ އަހަރުގެ ތުއްތު އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ރައީސް ސޯލިހް ވަނީ މިދިޔަ ހޮނިހިރު ދުވަހު ކަމާ ބެހޭ އިދާރާތަކުގެ ފަރާތްތަކާވެސް ބައްދަލުކުރައްވާފަ އެވެ.

comment ކޮމެންޓް