ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ލޭ ހަދިޔާކޮށް ހާލުބޮޑު މާބަނޑުއަންހެނަކު ސަލާމަތްކޮށްފި

ހުޅުމާލެ ހޮސްޕިޓަލް---ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެ ހޮސްޕިޓަލްގެ މުވައްޒަފުން ލޭ ހަދިޔާކޮށް ހާލުބޮޑު މާބަނޑުއަންހެނެއްގެ ފުރާނަ ސަލާމަތްކޮށްފި އެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާބަނޑު އަންހެން މީހާ އެ ހޮސްޕިޓަލްއަށް ގެނައީ މިމަހުގެ 18 ވަނަ ދުވަހު ކަމަށާއި އެ ދުވަހު ވެސް އެއް ޕޮއިންޓް ލޭ އެޅި ކަމަށެވެ.

ސިޒޭރިއަން ހަދައިގެން އެ އަންހެން މީހާ ވިހެއީ އޭގެ އަނެއް ދުވަހު އެވެ.

ނަމަވެސް އޮޕަރޭޝަންގެ ތެރޭގައި އޭނާ ވަރަށް ބޮޑަށް ލޭ ފޭބުމުން ހުޅުމާލެ ހޮސްޕިޓަލްގައި އެވަގުތު ތިބި މީހުން ވަނީ ލޭ ހަދިޔާކޮށްފަ އެވެ. ނަރުހުންނާއި މުވައްޒަފުން ލޭ ހަދިޔާ ކުރުމުން އޭގެން އެއް ޕޮއިންޓް ލޭ ވަގުތުން އެޅި އެވެ.

"ދޭން އޭނާ ގެންދިޔައީ އައިޖީއެމްއެޗްއަށް. މިކޮޅުން ހަދިޔާ ކުރި ލެއިން ހަތަރު ޕޮއިންޓް އައިޖީއެމްއެޗްއަށް ގެންގޮސްވެސް އެޅި،" ހުޅުމާލެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ އަންހެން މީހާއާއި ދަރިފުޅުގެ ހާލު މިހާރު ރަނގަޅުވަމުން އަންނަކަމުގެ މައުލޫމާތު ލިބިފައިވާ ކަަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

comment ކޮމެންޓް