ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީން ވަކިވާން ރައީސަށް ޕެޓިޝަނެއް ހުށަހަޅަނީ

އައްޑޫ ސިޓީ ކައުންސިލް އިދާރާ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީގެ ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީއިން ވަކިވެ، ރަށެއްގެ ހައިސިއްޔަތު ހޯދުމަށާއި އެ ދެ ރަށުގައި ރަށު ކައުންސިލް އުފެއްދުމަށް، އެ ރަށުގެ ރައްޔިތުން ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވެއްޖެ އެވެ.

ހުޅުދޫ އަދި މީދޫގެ އިންތިޒާމް ކޮމިޓީގެ ފަރާތުން ރައީސަށް ހުށަހަޅާ "އަފިރިންގެ ކައުންސިލް އަފިންނަށް" ނަމުގައި ތައްޔާރު ކުރާ ޕެޓިޝަނުގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫ ރައްޔިތުން ބޭނުންވަނީ ދެ ރަށުގައި ރަށު ކައުންސިލެއް އުފައްދައި، އެ ކައުންސިލްތަކަށް ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް ވެސް ގާނޫނީގޮތުން ލިބިދޭ އެންމެހާ ބާރުތަކާއި އިހްތިޔާރުތަކާއި ހައްގުތައް ލިބުން ކަމަށެވެ.

އިމްތިޔާޒް ކޮމިޓީގެ ފަރާތުން ރައީސަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ހުޅުދޫ އާއި މީދޫގެ ރައްޔިތުން މި ޕެޓިޝަން ތައްޔާރު ކުރަނީ، ލާމަރުކަޒީ ގާނޫނުގެ ދަށުން ރައްޔިތުންނަށް ލިބެންޖެހޭ އެންމެހައި ހިދުމަތްތައް ގާތުން ލިބިދިނުމަށް ޓަކައި ކަމަށެވެ.

އެއީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލެއް ހޮވަން މެނުވީ އެ ދެ ރަށުގެ ރައްޔިތުން ވޯޓު ލާން ބޭނުން ނުވާ ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

ޕެޓިޝަނުގައި ބުނެފައި ވަނީ ލާމަރުކަޒީ ނިޒާމު ތައާރަފުވި ފަހުން މުޅި އަތޮޅު ސިޓީއަކަށް ބަދަލުވެ، ހުޅުދޫ އާއި މީދޫއަށް ދޭންޖެހޭ ހިދުމަތްތައް ވެސް ދެމުން އަންނަނީ ހިތަދޫގައި ހިންގާ ސިޓީ ކައުންސިލުގައި މަޝްވަރާ ކުރެވި މެޖޯރިޓީން ފާސްވާ ގޮތަކަށް ކަމަށެވެ.

ލާމަރުކަޒީ ނިޒާމު ތައާރަފުކުރެވި، އިދާރީގޮތުން އަތޮޅުތަކައި ރަށްތައް ހިންގުމަށް ގެނެވުނު ބަދަލުތަޖުގެ ތެރެއިން އައްޑު އަތޮޅު ސިޓީއެއްގެ ގޮތުގައި ހަމަޖެއްސީ 2011 ވަނަ އަހަރު އެވެ. އޭރު ސިޓީއަކަށް ވެވެނީ އާބާދީގައި 30،000 މީހުން ހަމަވެގެން ކަމަށްވާއިރު، އައްޑޫ ސިޓީގެ އާބާދީ 30،000 އަށް އެރީ ހުޅުދޫ އަދި މީދޫގެ 7000 މީހުން ވެސް ހިމަނައިގެން ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް 10،000 މީހުންގެ އާބާދީއެއް ހަމަވާ ތަންތަނަށް ސިޓީއެއްގެ ދަރަޖަ ލިބޭއިރު، ހުޅުދޫ އާއި މީދޫ ނުލައި ހަމައެކަނި ހިތަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ވެސް ގާނޫނީ ހުރަހެއް ނެތް ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

ފުވައްމުލަކު ސިޓީއަކީ ވެސް އެންމެ ރަށެއްގެ މައްޗަށް އެކުލެވޭ އަތޮޅަކަށް ވުމުން، ހުޅުދޫ މީދޫ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް އެމީހުންނަށް ކުރިމަތިނުވާނެ ކަމަށާއި، މުޅި ހދ އަތޮޅު ސިޓީއަކަށް ބަދަލުނުކޮށް ހަމައެކަނި ކުޅުދުއްފުށި ސިޓީއަކަށް ވެފައިވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.

"ވީމާ، ހދ. ކުޅުދުއްފުށްޓާއި ތިން މޭލު ދުރުގައި އޮތް ހދ. ނޮޅިވަރަމައި އެރަށާ ޖެހިގެން އޮތް ހދ. ނޮޅިވަރަންފަރަށް ދެވުނު ހައިސިއްޔަތު، ސި. ހިތަދޫ އާއި ދިހަ މޭލު ދުރުގައި އޮތް ހުޅުދޫ އާއި މީދޫއަށް ނުލިބެންވީ ގާނޫނީ އެއްވެސް ހުރަހެއް ނެތެވެ،" ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އައްޑޫ އަކީ މީހުން ދިރިއުޅޭ ހަ ރަށުގެ މައްޗަށް އެކުލެވޭ ސިޓީއަކަށް ވާއިރު، އިރުމަތީ ފަރާތުގައި ވަކިން އޮންނަ ހުޅުދޫ އާއި މީދޫ އަދި ހުޅަނގު ފަރާތުގައި ގުޅިފައި އޮންނަ ހަތަރު ރަށާ ދެމެދު ދިހަ މޭލު ފުޅާ ކަނޑެއް އޮވެ އެވެ.

އައްޑޫ އަތޮޅު ސިޓީއަކަށް ބަދަލުވެ، ސިޓީގެ އިދާރީ ހުރިހާކަމެއް ހިންގަމުން އަންނަނީ ކުރިންވެސް އަތޮޅު ވެރިކަން ކުރި ހިތަދޫގަ އެވެ.

ލާމަރުކަޒީ ނިޒާމުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންނަށް ހިދުމަތް ދިނުމާއި، ކޮންމެ ރަށަކަށް ވެސް އެރަށެއްގެ ކަންތައްތައް އަމިއްލައަށް ނިންމުމުގެ ބާރާއި އިހްތިޔާރު ދިނުން ކަމަށް ވާއިރު، އެ ނިޒާމުގެ ފުރިހަމަ ބޭނުން މި ދެ ރަށުގެ ރައްޔިތުންނަށް ހިފެން އަންނަނީ އެ ބާރާއި އިހްތިޔާރު ދެ ރަށުގެ އިދާރީ ދާއިރާތަކަށް ލިބިގެން ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

"ހުޅުދޫ އާއި މީދޫގެ ރައްޔިތުން ތަޖުރިބާކުރި ގޮތުގައި، މިދިޔަ ނުވަ އަހަރުގެ ތެރޭގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދެ ރަށަށް ހާސިލްވާންޖެހޭ ކަންކަން ހާސިލްވެ ތަންފީޒުވެފައެއް ނުވެއެވެ." ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އެގޮތުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުޅުދޫ އަދި މީދޫގެ ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތަކައި އިދާރީ ހިދުމަތްތަކުން މަހުރޫމުވެ، ކައިރިން ލިބެންޖެހޭ ގިނަ ހިދުމަތްތަކެއް ހޯދަން ކަނޑު ހުރަސްކޮށް ފޭދޫއަށް ގޮސް އެއްގަމު މަގުން ހިތަދޫއަށް ދާންޖެހުން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، ސިޓީ ކައުންސިލުގައި ހުޅުދޫ އާއި މިދޫގެ ދެ ކައުންސިލަރުން ތިބި ނަމަވެސް، ކައުންސިލުން ކަންކަން ނިންމަނީ ވޯޓަކުން ކަމަށްވާތީ ވަރަށް މަދު ފަހަރެއްގައި މެނުވީ ހުޅުދޫ އާއި މީދޫގެ މަސްލަހަތަށާއި ތަރައްގީއަށް ރިއާޔަތްނުކުރެވޭކަމަށް ޕެޓިޝަނުގައިވެ އެވެ.

ހުޅުދޫ އާއި މީދޫއަށް ވަކި ކައުންސިލެއް ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ރޫހާ އެއްގޮތަށް، އެ ދެ ރަށުގެ ރައްޔިތުންނަށް އެންމެ ކައިރިން ހިދުމަތް ދެވޭނެ ގޮތަކީ އަދި ދެ ރަށުގެ މަސްލަހަތާ ގުޅޭ އެންމެހައި ކަންކަމުގެ އިހްތިޔާރާއި ބާރު ރައްޔިތުންނަށް ލިބެން އޮތް ހަމައެކަނި ގޮތަކީ އެއީ ކަމުގައި ދެކޭތީ ކަމަށް ވެސް ބުންޏެވެ.

އޭޕްރީލް ހަތަރު ވަނަ ދުވަހު ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އައްޑޫ ސިޓީ ކައުންސިލަށް މޭޔަރާއެކު 13 މެމްބަރުން އިންތިހާބު ކުރާނެ އެވެ.

comment ކޮމެންޓް