ޗައިނާގައި ފެތުރެމުންދާ ގޮތް ނޭނގޭ ބައްޔާ ގުޅޭ ގޮތުން އެޗުއީސީސީން މަޝްވަރާކޮށްފި

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން، ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީގެ މެމްބަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން-- ފޮޓޯ/ހެލްތް މިނިސްޓްރީ

ޗައިނާއިން ފެނުނު ނޮވެލް ކޮރޯނާ ވައިރަހުން ރައްކާތެރިވުމަށް ރާއްޖެއިން އަޅާނެ ފިޔަވަޅުތަކާއި މެދު ހެލްތު އެމަޖެންސީ ކޯޑިނޭޝަން ކޮމިޓީން މަޝްވަރާ ކޮށްފި އެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ޗެއާ ކުރެއްވި އެ ބައްދަލުވުމުގެ މަގުސަދަކީ ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީއިން ފެނުނު އެ ވައިރަސްއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެ ކޮމިޓީއާ ހިއްސާކުރުމާއި މި ދަނޑިވަޅުގައި ރާއްޖޭން ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން ކަމާ ގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މަޝްވަރާ ކުރުމެވެ.

އެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީ، ޓްރާންސްޕޯޓް މިނިސްޓްރީ، ޓޫރިޒަމް މިނިސްޓްރީ. އެމްއޭސީއެލް، އިމިގްރޭޝަން، ކަސްޓަމްސް، އެއާލައިން އޮޕަރޭޓާސް ކޮމިޓީ، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ، އައިލޭންޑް އޭވިއޭޝަން، އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ބޭފުޅުން ބައިވެރިވި އެވެ.

ހެލްތު އިމަޖެންސީ ކޯޑިނޭޝަން ކޮމިޓީއަކީ ސިއްހީ ދާއިރާއިން އެކި އެކި އިމަޖެންސީތަކުގައި ކުރަން ޖެހޭ މަސައްކަތްތައް ވިލަރެސްކޮށް ކުރިއަށް ގެންދިއުމަށްޓަކައި ނެޝަނަލް ހެލްތު އިމަރޖެންސީ އޮޕަރޭޝަންސް ޕްލޭންގެ ދަށުން ކަނޑައަޅާފައިވާ ކޮމިޓީ އެވެ.

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާ ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މި ވައިރަސްއިން ޖެހޭ ގޮތް ނޭނގޭ ބައްޔެއް މިހާރު ފެތުރެމުންދާއިރު، އެ ބަލި ރާއްޖެއަށް ފެތުރުމުގެ ފުރުސަތު އެބައޮތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ.

އެއާއެކު ހެލްތު މިނިސްޓްރީންނާ ކަމާބެހޭ ފަރާތްތައް ގުޅިގެން މި ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އިއްޔެ އިން ފެށިގެން ވަނީ އަޅަން ފަށާފަ އެވެ.

ނޮވެލް ކޮރޯނާ ވައިރަސްއިން ރައްކާތެރިވާން އަޅަންވީ ފިޔަވަޅުތައް-- ފޮޓޯ/އެޗްޕީއޭ

މީގެ އިތުރުން ޗައިނާގައި ޖަނަވާރާއި ދޫނިސޫފާ ސޫފި ކަތިލާ ސަރަހައްދުތަކަށް ނުދިއުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ހޫބޭ ޕްރޮވިންސްގެ ވުހާން ސިޓީގައި ފެތުރެން ފެށި މި ބަލި ޖެހިފައިވާ 140 އަށް ވުރެ ގިނަ މީހުން ޗައިނާއިން ފެނިފައިވާ އިރު، މި ބަލި ޖެހުނު ދެ މީހަކު ވަނީ މަރު ވެސް ވެފަ އެވެ.

މިފަހުން ތައިލެންޑުގައި މި ބަލި ޖެހިފައިވާ ދެ މީހުން ފެނިފައިވާ އިރު، ޖަޕާނުން ވެސް މި ބަލި ޖެހިފައިވާ މީހެއް ވަނީ ފެނިފަ އެވެ.

އެހެން ނަމަވެސް މިއީ ގައިން ގަޔަށް އަރާ ބައްޔެއް ކަން މިހާތަނަށް ހޯދިފައި ނުވާ ކަމަށް ޗައިނާއިން ބުނެ އެވެ.

ސީފުޑް ނުވަތަ ޖަނަވާރުން ވިއްކާ ތަންތަނަށް ގޮސް އުޅުނު މީހުން ގައިން މި ބަލި ފެނިފައިވާތީ، މިއީ އެތަކެތިން އަރާ ޖަރާސީމަކުން ޖެހޭ ބައްޔެއް ކަމަށް ޗައިނާއިން ވަނީ ލަފާކޮށްފަ އެވެ.

comment ކޮމެންޓް