ރާއްޖޭގެ ރީތި މަންޒަރުތައް މިލާންގެ ޓްރޭމްތަކުގެ ބޭރުގައި

އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރަން އެމްއެމްޕީއާރުސީން ފެށީ ކެމްޕޭން-- ފޮޓޯ/އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީން އިޓަލީގައި ރާއްޖެ އިޝްތިހާރު ކުރަން ގިނަ ހަރަކާތްތަކެއް ފަށައިފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ މި ކެމްޕޭނުގެ ދަށުން ރާއްޖެއަކީ އިޓަލީ ފަތުރުވެރިންނަށް ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލްގެ ގޮތުގައި އިޝްތިހާރު ކުރެވޭނެ ކަމަށެވެ.

މި ކެމްޕޭނުގެ ތެރެއިން އިޓަލީގެ 14 އެއާޕޯޓުގައި ބަހައްޓާފައި ހުންނަ 300އަށް ވުރެ ގިނަ ސްކްރީން މެދުވެރިކޮށް ރާއްޖޭގެ ހިތްގައިމު މަންޒަރުތައް ދަނީ ދައްކަމުންނެވެ.

މީގެ އިތުރުން އިޓަލީގެ އެކި ހިސާބުތަކުގައި އޮޕަރޭޓުކުރާ އަދި އެގައުމުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ގެންނަ ޓްރެވަލް އޭޖެންސީ ކަމަށްވާ އަލްޕިޓުއާ ގުޅިގެން ވެސް ރާއްޖެ އިޝްތިހާރު ކުރުމުގެ ހަރަކާތެއް ކުރިއަށްގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުނެ އެވެ.

އެގޮތުން އަލްޕިޓުއާގެ ދަށުން ހިންގާ 2000 އޮފީހުގެ ބޭރުގައި ރާއްޖޭގެ މަންޒަރުތައް ވަނީ އިޝްތިހާރު ކޮށްފަ އެވެ.

މީގެ އިތުރުން އިޓަލީގެ ދެވަނައަށް އެންމެ ބޮޑު ސިޓީ ކަމަށްވާ މިލާންގައި ދަތުރުކުރާ ޓްރޭމްއެއްގައި ވެސް ރާއްޖޭގެ އިޝްތިހާރު ވަނީ ޖަހާފަ އެވެ. މިލާންގައި ފަތުރުވެރިންގެ މެދުގައި އެންމެ މަގުބޫލު ސަރަހައްދުތަކުގައި ދަތުރުކުރާ އެ ޓްރޭމްގައި ރާއްޖޭގެ އިޝްތިހާރުތައް ހަރުކޮށްފައި ހުންނާނީ ތިން މަސް ދުވަހުގެ މުއްދަތަކަށެވެ.

މިލާންގައި ދަތުރުކުރާ ޓްރޭމްއެއްގައި ރާއްޖޭގެ އިޝްތިހާރު ހަރުކޮށްފައި-- ފޮޓޯ/އެމްއެމްޕީއާރުސީ

މި ހަރަކާތްތަކުގެ އިތުރުން އިޓަލީ މާކެޓުގައި ރާއްޖެ ޕްރޮމޯޓު ކުރަން މިއަހަރުގެ ތެރޭގައި ގިނަ ހަރަކާތްތަކެއް ވަނީ ރާވާފަ އެވެ.

އޭގެ ތެރޭގައި ދެ ފެއާއެއްގައި ބައިވެރިވުމާއި އިންފްލުއެންސާ އަދި ސެލެބްރިޓީ ފެމިލިއަރައިޒޭޝަން ޓްރިޕްތައް ކުރިއަށްގެންދިއުމާއި ބޮޑެތި ޓްރެވަލް އޭޖެންސީތަކާ ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނުތަކުގެ އިތުރުން އޮންލައިން އަދި އައުޓްޑޯ އެޑްވަޓައިޒިންގެ ކެމްޕޭންތައް ހިމެނެ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީ އިޓަލީންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިޓަލީން 136،343 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު، މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 9.7 ޕަސެންޓު އިތުރު އަދަދެކެވެ.

comment ކޮމެންޓް