ހަތް ބޭފުޅަކު ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފި

މިއަދު ފަނޑިޔާރުން ހުވާ ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝުގައި ބޭއްވި ރަސްމިއްޔާތު -- ސަން ފޮޓޯ

ތިން ކޯޓެއްގެ ފަނޑިޔާރު ކަމުގެ ހުވާ ޖުމްލަ ހަތް ބޭފުޅަކު ކުރައްވައިފި އެވެ.

މިއަދު ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުގައި އޮތް ރަސްމިއްޔާތެއްގައި ހުވާ ކުރެއްވީ، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅަކު، ސިވިލް ކޯޓަށް ހަތަރު ބޭފުޅަކު، ކ. ގުރައިދޫ މެޖިސްޓްރޭޓޫ ކޯޓަށް ބޭފުޅަކު އަދި ތ. ހިރިލަންދޫ މެޖިސްޓޭޓު ކޯޓަކަށް ބޭފުޅެކެވެ.

އެ ބޭފުޅުންނަށް މަގާމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަައިޝާ ޝުޖޫން އެވެ.

ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި ބޭފުޅުން

ކްރިމިނަލް ކޯޓު: އާދަމް މުހައްމަދު

ސިވިލް ކޯޓު: އަހުމަދު އަބްދުލްމަތީން، ފައްޔާޒު ޝާތިރު، އައިޝަތު އަޒްފާ އަބްދުލްޣަފޫރު، ރިޒްމީނާ

ކ. ގުރައިދޫ ކޯޓު (އިސް މެޖިސްޓްރޭޓު): ފަތުހުﷲ ޖަމީލް މޫސާ

ތ. ހިރިލަންދޫ ކޯޓު (މެޖިސްޓްރޭޓު): އަބްދުﷲ ހުސެއިން

ފަނޑިޔާރުން ހުވާ ކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން އާއި ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހިސާން ހުސެއިން އާއި މަތީ އަދި ދަށު ކޯޓުތަކުގެ ބައެއް ފަނޑިޔާރުން ހިމެނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖޭއެސްސީއަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައި ހުންނަވާ މެމްބަރު މަސްތޫރު ހުސްނީ ވިދާޅުވީ، މީގެ ކުރިން ކޯޓުތަކުގެ ފަނޑިޔާރުންނަށް އެކަށީގެންވާ ތަމްރީނުތައް ލިބިގެން ގޮސްފައި ނުވާ ކަމަށެވެ. ޒިންމާއާ ހަވާލުވުމުގެ ކުރިން ތަމްރީނުތައް ހަދާފައި ހުރުމުގެ މުހިންމުކަން ވެސް އޭނާ ފާހަަގަކުރެއްވި އެވެ.

"ފަނޑިޔާރުންނަށް ދެވޭ ތަމްރީނުތަކަކީ ފަނޑިޔާރުން މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ޓަކައި ލިބިދޭން ޖެހޭ ތަމްރީނުތަކުގެ ގޮތުގައި ކަނޑައެޅިފައި. އެހެންވީމާ އެ ތަމްރީނުތަކުގައި ވެސް ވަރަށް ރަނގަޅަށް ބައިވެރިވެވަޑައިގެންފައި މަސައްކަތަކަށް އަހުލުވެރިވެވަޑައިގަންނަވާ. ބެންޗުގައި މަސައްކަތް ކުރައްވަން ފެއްޓުމަކީ އެފަދަ ތަމްރީނުތަކެއް ނެތި ކުރެވޭނެ ކަމެއް ނޫން،" މަސްތޫރު ވިދާޅުވި އެވެ.

މަސްތޫރު އިތުރަށް ވިދާޅުވީ، މިދިޔަ އަހަރު ޖޭއެސްސީއަށް އެންމެ ގިނައިން އާންމުންގެ ފަރާތުން މައްސަލަ ހުށަހެޅީ ކޯޓުތަކުގައި މައްސަލަތައް ލަސްވެގެން ކަމަށެވެ. މިިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ދެބައިކުޅަ އެއްބައި މައްސަލައަކީ އެފަދަ މައްސަލަތައް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ އެދިވަޑައިގެންނެވީ އެ ކަމަށް ވިސްނައިގެން ފަނޑިޔާރުން މަސައްކަތް ކުރެއްވުމަށެވެ.

comment ކޮމެންޓް