އާސެނަލުން ޖަނަވަރީ ޓްރާންސްފާ ނިންމާލަނީ ހުސްއަތާ

އާސެނަލުގެ ކޯޗު މިކެލް އާޓެޓާ ---

ޔޫރަޕް ފުޓުބޯޅައިގައި މިހާރު ފެށިފައިވާ ޖެނުވަރީ ޓްރާންސްފާގައި އާސެނަލުން އެއްވެސް ކުޅުންތެރިއަކު ނުގެންނާނެ ކަމުގެ އިޝާރާތެއް އެކުލަބުގެ ކޯޗު ކަމާ އަލަށް ހަވާލުވެ މިކެލް އާޓެޓާ ކޮށްފި އެވެ.

ލީގުގެ 10 ވަނައިގައި 29 ޕޮއިންޓާ އެކު މިވަގު އޮތް އާސެނަލުގެ މުހިއްމު ކުޅުންތެރިންތަކެއް އަނިޔާގެ ސަބަބުން ކުޅުމުގައި ދުރުގައި ތިބި އިރު، އެ ޓީމާއި އަލަށް ހަވާލުވި ކޯޗު އާޓެޓާ އައުމުން ކުލަބުގެ އުންމީދު ކެނޑިފައި ތިބި ސަޕޯޓަރުންގެ އެންމެ ބޮޑު އެދުމަކަށްވީ އައު ކުޅުންތެރިންތަކެއް ކުލަބަށް ގެނައުމެވެ. އަދި އެކަމަށް އާޓެޓާ ވެސް ފުރަތަމަ އެއްބަސްވީ ކަމުގައި ވިޔަސް، ކުޅުންތެރިން ގެނައުމަށް ކުރާ މަސައްކަތް ކުރިއަށް ނުދާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އާޓެޓާ ކުލަބާ ހަވާލުވުމާ ގުޅިގެން ބޭރުގެ ރިޕޯޓްތައް ބުނެފައިވާ ގޮތުގައި އޭނާ ވަނީ ޔޫރޮޕުގެ ނަން މަޝްހޫރު ބައެއް ކުޅުންތެރިންތަކެއް އާސެނަލަށް ގެނައުމަށް މަސައްކަތް ފަށައިފަ އެވެ. އެގޮތުން ޕީއެސްޖީގެ ލޭވިން ކަޒާވާއާއި އެތުލެޓިކޯގެ ތޯމަސް ލެމާގެ އިތުރުން ބަޔާން މިއުނިކުގެ ޖެރޯމް ބޮއެޓެންގް ހޯދުމަށް އާސެނަލުން މަސައްކަތް ކުރާ ކަމަށް އެ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ.

އެކަމަކު މިހާތަނަށް އެއްވެސް ކުލަބަކާ އެކު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށާއި، ކުޅުންތެރިން ގެނައުމަށް ކުރަމުން އަންނަ މަސައްކަތަށް ކުރިއެރުމެއް ނުލިބޭ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

"އެއްވެސް ކުޅުންތެރިއަކު ނުގެނެސް ޓްރާންސްފާމާކެޓް ނިންމާލަން ޖެހުމަކީ ވެދާނެ ކަމެއް. އެއްވެސް ކުޅުންތެރިއެއް ގެނައުމަށް މިވަގުތު މަސައްކަތެއް ނުކުރޭ. އެކަން އޮތީ ހުއްޓުމަކަށް އައިސްފައި." އާޓެޓާ ބުންޏެވެ.

އޭނާ ބުނީ ޓީމުގައި މިވަގުތު ތިބި ބައެއް ޒުވާން ކުޅުންތެރިންނަށް ސީޒަން ނިމުމުގެ ކުރިން ފުރުސަތު ދީގެން ރަނގަޅު ތަޖުރިބާތަކެއް ދީފި ނަމަ އަންނަ ސީޒަނަށް ރަނގަޅު ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ. އެކަމަކު ފުރަތަމަ އެގާރައިން ޖާގަ ލިބޭނީ މަގާމު ހައްގުވާ ކުޅުންތެރިންނަށް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެން ޒަމާނަކު ވެސް އާސެނަލް ނުދާހާ ދަށު ދަރަޖައަކަށް އެ ޓީމު ވެއްޓިފައި އޮތް އިރު އަންނަ ސީޒަނުގައި ޔޫރޮޕުގެ ބޮޑު މުބާރާތަކުން އެ ޓީމަށް ޖާގަ ލިބުމަކީ މިހާރު އޮތް ގޮތުން ނަމަ ނާދިރު ކަމެކެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވުރެން ވެސް 10 ޕޮއިންޓް ދަށުގައި އޮތް އާސެނަލް މި ސީޒަނާއި ކުރިމަތިލީ ބޮޑެތި ބަދަލުތަކެއް ޓީމަށް ގެނެސްގެންނެވެ.

comment ކޮމެންޓް