މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑް ކޮށްފި

މާޅެންދޫ ސްކޫލް: މަސްތުވާތަކެއްޗާއި އެކު ހައްޔަރުކުރި އެ ރަށު ސްކޫލްގެ ޕްރިންސިޕަލް ވަނީ ސަސްޕެންޑް ކޮށްފައި

މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކޮށް މިހާރު ދޫކޮށްލާފައި ހުރި ނ. މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ޔޫސުފް އާދަމް ސަސްޕެންޑްކޮށްފި އެވެ.

ޕްރިންސިޕަލް ޔޫސުފް އާދަމް، ފުލުހުންގެ ބަންދުން ދޫކޮށްލި ނަމަވެސް މިއަދު އޭނާ ވަނީ ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިކޮށް ސަސްޕެންޑްކޮށްފަ އެވެ. އަދި މި ވަގުތު މާޅެންދޫ ސްކޫލް ހިންގުމާ ހަވާލުވެ ހުންނެވީ ލީޑިން ޓީޗަރު މުހައްމަދު އަލީ ކަމަށް އެ ރަށު ސުކޫލުން ވަނީ މައުލޫމާތު ދީފަ އެވެ.

ޕްރިންސިޕަލް ހައްޔަރުކުރީ މީގެ ހަފްތާއެއްހާ ދުވަސްކުރިންނެވެ. އެ މައްސަލާގައި އޭނާގެ ބަންދަށް ހަތް ދުވަސް ޖެހުމަށް ފަހު އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

ޕްރިންސިޕަލް ދޫކޮށްލާފައި ވަނީ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ނ. ހެނބަދޫ ކޯޓަށް ހާޒިރު ކުރުމުން ކޯޓުންނެވެ.

ޕްރިންސިޕަލް ހައްޔަރުކުރީ ލޯންޗަކުން މާޅެންދޫއަށް ގެންދިޔަ ކޮތަޅެއް ހިފައިގެން ދަނިކޮށެވެ. އޭގައި މަސްތުވާތަކެތި ހުރިކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

ޔޫސުފްއަކީ ފާއިތުވި ތިން އަހަރު މާޅެންދޫ ސްކޫލްގެ ޕްރިންސިޕަލް ވެސް މެ އެވެ.

comment ކޮމެންޓް