ޔުނައިޓެޑުގެ ޑަބަލް ކީޕަރު ރޮމޭރޯ ދުއްވި ކާރު އެކްސިޑެންޓް ވެއްޖެ

ޔުނައިޓެޑްގެ ޑަބަލް ކީޕަރި ސާޖިއޯ ރޮމޭރޯ ދުއްވި ކާރު އެކްސިޑެންޑް ވެފައި --- ފޮޓޯ// މެންޗެސްޓާ އީވްނިންގް ނިއުސް

މެންޗެސްޓާ ޔުނައިޓެޑުގެ ޑަބްލް ކީޕަރު ސާޖިއޯ ރޮމޭރޯ ދުއްވި ކާރު (ލަމްބޮގިނީ) އެކްސިޑެންޓްވި ނަމަވެސް އަނިޔާއެއް ނުވެ އޭނާ ސަލާމަތްވެއްޖެ އެވެ.

އިއްޔޭގައި ހިނގި އެ އެކްސިޑެންޓުގައި ރޮމޭރޯ ދުއްވި ކާރު ވަނީ ކަހާލައިގެން ގޮސް އަރިމަތީގައި ޖަހައިފައި ހުރި ދަގަނޑު ފެންސުގައި ޖެހި ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ. އެކަމަކު ނަސީބު ދިމާކުރި ގޮތުން އާޖެންޓީނާގެ ކީޕަރަށް އެއްވެސް އަނިޔާއެއް ނުވާ ކަމަށް ޔުނައިޓެޑުން ވަނީ ބުނެފަ އެވެ.

ޔޫކޭގެ ރިޕޯޓުތަކުން ބުނާ ގޮތުގައި ރޮމޭރޯގެ ކާރު އެކްސިޑެންޓް ވެފައި ވަނީ ޔުނައިޓެޑްގެ ޓްރެއިންނިންގް ގްރައުންޑް ކަމަށްވާ ކެރިންގްޓަން އަށް އޭނާ ދަތުރުކުރަމުން ދަނިކޮށެވެ. އަދި އެކްސިޑެންޓް ވުމަށް ފަހު އަނިޔާއެއް ނުވުމުން އޭނާ ވަނީ އެނބުރި ޕްރެކްޓިހަށް ގޮސް ފަރިތަކުރުންތަކުގައި ވެސް ފުރިހަމައަށް ބައިވެރިވެފަ އެވެ.

އުމުރުން 32 އަހަރުގެ ރޮމޭރޯ އަކީ ޔުނައިޓެޑުގެ ފަސްޓް ކީޕަރު ޑޭވިޑް ޑެހެއާގެ ރިޒާވް އެވެ. ރޮމޭރޯ މި ސީޒަނުގައި މިހާތަނަށް ނުވަ މެޗު ވަނީ ކުޅެފަ އެވެ. އޭނާއަށް އާއްމު ގޮތެއްގައި ޕްރިމިއާ ލީގުގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބުނު ނަމަވެސް ލީގު ކަޕުތަކުން ގަވާއިދުން ފުރުސަތު ލިބެ އެވެ. އެގޮތުން އެފްއޭ ކަޕުގެ ތިން ވަނަ ބުރުގައި އެންމެ ފަހުން ވުލްވްސް އަތުން ޔުނައިޓެޑް ކުރި ހޯދި މެޗުގައި ރޮމޭރޯ ވަނީ ކުޅެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ޑަބަލް ކީޕަރު ސާޖިއޯ ރޮމޭރޯ --- ފޮޓޯ// ޕެޓްރިކް ރިޖް

މީގެ ފަސް އަހަރު ކުރިން އިޓަލީގެ ސަމްޑޯރިއާއިން ޔުނައިޓެޑަށް ބަދަލުވި ރޮމޭރޯ ވަނީ އެކުލަބަށް ޖުމުލަ 54 މެޗު މިހާތަނަށް ކުޅެދީފަ އެވެ. އޭނާ ވަނީ އެ މުއްދަތުގެ ތެރޭގައި އީއެފްއެލް، އެފްއޭކަޕު އަދި ޔޫއެފާ ޔޫރޮޕާ ލީގު އެ ޓީމަށް ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.

އާޖެންޓީނާގެ ފުރަތަމަ ކީޕަރެއްގެ ގޮތުގައި ގިނަ އަހަރުތަކެއް ވަންދެން ކުޅެފައިވާ ރޮމޭރޯ ވަނީ މިފަހުން ބޮޑު އަނިޔާއެއްވެ، ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާ ދުރަށް ދާންޖެހިފަ އެވެ. އެހެން ކަމުން އެންމެ ފަހުގެ ވޯލްޑް ކަޕާއި ކޮޕާ އެމެރިކާއިން އޭނާއަށް ޖާގަ ލިބިފައެއް ނުވެ އެވެ.

comment ކޮމެންޓް