އީގަލްސްއާއި ޓީސީގެ ވާދަވެރިކަން އިތުރަށް ބޮޑުވެއްޖެ

ޓީސީއާއި އީގަލްސް ކުޅުނު މެޗެއްގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެވަނައަށް ހަނގުރާމަ ކުރަމުން އަންނަ އީގަލްސްއާއި މިދިޔަ ސީޒަނުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކުލަބުން އިއްޔެ ކުޅުނު މެޗުތަކުން މޮޅުވުމާ ގުޅިގެން ދެ ޓީމުގެ ވާދަވެރިކަން އިތުރަށް ބޮޑުވެއްޖެ އެވެ.

އިއްޔެ ހަވީރު އީގަލްސްއާއި ފޯކައިދޫ ބައްދަލު ކުރި މެޗުން އީގަލްސް ކުރި ހޯދީ 0-7 ގެ ތަފާތު ބޮޑު ނަތީކާއަކުންނެވެ. މި މޮޅާ އެކު އީގަލްސް ލީގުގެ ދެ ވަނައިގައި އޮތީ 18 މެޗުން 36 ޕޮއިންޓާ އެކު އެވެ. ތާވަލުގެ އެއް ވަނައިގައި 47 ޕޮއިންޓާ އެކު އޮތް މާޒިޔާ ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ. ތާވަލުގެ ތިން ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބުން ރޭ ފަހަތުން އަރައި ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. އެ މޮޅާ އެކު އެ ޓީމު އީގަލްސްގެ ފަހަތުގައި އޮތީ 34 ޕޮއިންޓާ އެކު އެވެ.

އީގަލްސްއާއި ފޯކައިދޫ އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

ލީގުގެ ތިންވަނަ ބުރުގެ ކުޅުން ކުރިއަށްދާ އިރު ބާކީ ކޮންމެ ޓީމަކަށް ވެސް އޮންނާނީ ތިން މެޗެވެ. އެއްވަނައަށް ވާދަކުރެވޭނެ އިތުރު ޓީމެއް ނެތުމުން މާޒިޔާ ޗެމްޕިއަންކަން ހޯދި އިރު މިހާރު ލީގުގައި އެންމެ ވާދަވެރިކަން ބޮޑުވެފައި އޮތީ ދެވަނަ އަށެވެ. ދެވަނަ ހޯދާ ޓީމަކަށް ކުރިއަށް އޮތް އަހަރުގެ އޭއެފްސީ ކަޕުގެ ޕްރިލިމިނަރީ ރައުންޑުން ޖާގަ ލިބޭނެ އެވެ. ކުރީގެ ޗެމްޕިއަން ޓީސީއާއި އީގަލްސް އެ މަގާމަށް އައުމަށް މަސައްކަތް ކުރަމުން އަންނަ އިރު ދެ ޓީމުގެ ފަރަގަކީ ދެ ޕޮއިންޓެވެ.

އިއްޔެ ހަވީރު ކުޅުނު މެޗަށް އީގަލްސް ވަރުގަދަ ސްކޮޑަކާ އެކު ނުކުން ނަމަވެސް ފޯކައިދޫގެ ގިނަ ކުޅުންތެރިން އެ ޓީމު ދޫކޮށް ދިއުމާ ގުޅިގެން ޓީމު ހަމަކުރީ ޒުވާން ގިނަ ކުޅުންތެރިންތަކަކާ އެކު އެވެ. އެގޮތުން ލީގުގެ އެއްވަނަ ބުރާއި ދެވަނަ ބުރުގައި އެ ޓީމުގެ ގޯލު ހިފެހެއްޓި ޕާކިސްތާނުގެ ކީޕަރު ހަނީފް ސާގިބް އާއި އަލީ ޝާމިސް (ތޮއްޕޭ) ގެ އިތުރުން މިސްރުގެ ޑިފެންޑަރު މަހުމޫދު ސައީދު (ރާމޯސް) ވެސް ވަނީ އެ ޓީމު ދޫކޮށް ޓީސީއާ ގުޅިފަ އެވެ. އަދި އެ ޓީމުގެ އެންމެ އުންމީދީ ފޯވާޑް ހަޒަން ނަޒީމް (ޗޯޓު) ވެސް ވަނީ އީގަލްސްއަށް ބަދަލުވެފަ އެވެ.

އިއްޔެގެ މެޗު ފެށިގެން ފޯކައިދޫއަށް އީގަލްސް ހިފަހައްޓާ ލެވުނީ އެންމެ 12 މިނެޓެވެ. އަހުމަދު ރިޒުވާން (ރިޒޭ) ގެ ގޯލާ އެކު އީގަލްސްއިން މެޗުގެ ކުރީކޮޅު ލީޑު ނެގުމާ އެކު ފޯކައިދޫ ކުޅެމުން އައި އޮއެވަރަށް ބަދަލުތަކެއް އައެވެ. އަދި 25 ވަނަ މިނަޓުގައި ރިޒޭ އޭނަގެ ދެވަނަ ގޯލު ވަނަ ޖަހައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރިޒޭއަށް ހެޓްރިކް ހަދާނެ ރަނގަޅު ފުުރުސަތުތަކެއް ލިބިގެން ދިޔަ އެވެ. އެކަމަކު ފޯކައިދޫން ކުޅުން ރަނގަޅުކޮށް މޮޅަށް ޑިފެންސް ކުރެވޭތޯ ކުރި މަސައްކަތުން އެ ހާފުގައި އީގަލްސްއަށް އިތުރު ގޯލެއް ނުޖެހުނެވެ.

އެކަމަކު ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނަޓުގައި ރިޒޭ ވަނީ އަނެއްކާވެސް އިތުރު ގޯލެއް ޖަހައި އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. މިއީ އޭނާ މި ސީޒަނުގައި ހެދި ފަސް ވަނަ ހެޓްރިކެވެ. އޭނާ ވަނީ އޭގެ އިރަކޮޅެއް ފަހުން އީގަލްސްއަށް ހަތަރުވަނަ ގޯލެއް ވެސް ޖަހައިދީފަ އެވެ.

އީގަލްސްއާއި ފޯކައިދޫ އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެފްއޭއެމް

އީގަލްސްއިން މަތިމައްޗަށް ޖެހި ދެ ގޯލާ އެކު ފޯކައިދޫ ޓީމުގެ އުންމީދު ގެއްލިފައި ތިއްބާ އެކަމުގެ ފައިދާ ނަގައި އިތުރު ތިން ގޯލު އީގަލްސްއިން ވަނީ ޖަހައިފަ އެވެ. އެ ތިން ގޯލު އެ ޓީމަށް ޖަހައިދިނީ އުމުރުން 16 އަހަރުގެ ޒައިން ޒަފަރް އާއި ނިލަންދޫއިން ސީޒަން ފެށި ޓޮޝިކީ އޮކަމޯޓޯ އެވެ. ޒައިން ވަނީ އެ މެޗުގައި ދެ ގޯލު ޖަހައިފަ އެވެ.

އީގަލްސްއާއި އެންމެ ވާދަވެރި ޓީސީން ރޭ ދަ ގްރާންޑޭ އަތުން ކުރި ހޯދީ ފަހަތުން އަރައި ޖެހި ގޯލުތަކުން މޮޅުވެގެންނެވެ. ނިމިގެންދިޔަ ޓްރާންސްފާ މާކެޓުގައި އެންމެ އެކްޓިވްކޮށް އުޅުނު އެއް ކުލަބު ކަމަށްވާ ޓީސީއިން ގެނައި އައު ކުޅުންތެރިންނާ އެކު އެންމެ ފަހުން ކުޅުނު ދެ މެޗުން ވެސް މޮޅުވި އިރު ރޭގެ މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

މެޗު ފަށައިގެން ޓީސީ އަށް ރަނގަޅަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ދަ ގްރާންޑޭ އިން ވަނީ ލިބުނު ފުރަތަމަ ފުރުސަތުގައި ލަނޑު ޖަހައިފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި ދަ ގްރާންޑޭގެ އިރާގު ފޯވާޑް އޮބައިދާ ކަދުމް ވަނީ އޭރިއާ ބޭރު ރޮނގުކައިރިން ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އެކަމަކު މާގިނައިރުތަކެއް ނުވަނީ އެ ޓީމާއި އަލުން ގުޅުނު އަލީ އަޝްފާގު (ދަގަނޑޭ) ބޮލުން ފޮނުވާލި ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެން ޓީސީން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ދަ ގްރާންޑޭ އަށް އަލުން ލީޑުނަގައިދޭން މެޗުގެ 13 ވަނަ މިނިޓްގައި މުހައްމަދު ސަހާއު ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

އެއަށްފަހު ޓީސީން ފުލުފުލުގައި ހަމަލާތައް އިތުރު ކުރަމުން ދިޔައިރު، އީސަ ޖެހި ދެ ބޯޅަ އަކާއި އިޝާން އިބްރާހިމް (ސައްޓު) ޖެހި ބޯޅަ ދަ ގްރާންޑޭގެ ކީޕަރު މުހައްމަދު ފައިސަލް މަތަކުރި އެވެ. އަދި ދަގަނޑޭ ޖެހި ބޯޅަ ވަނީ ބްލޮކްވެފަ އެވެ.

ދެވަނަ ހާފު ފަށައިގެން ވެސް ގިނަ ހަމަލާތަކެއް އުފައްދައިގެން ކުޅުނު ޓީސީއަށް މެޗުގައި ލީޑު ލިބުނީ 78 ވަނަ މިނަޓުގަ އެވެ. އިސްމާއިލް އީސަ (މެސީ) ހުސްކޮށްލާފައި ސައްޓު އަށް ދިން ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

އޭގެ ހަ މިނިޓް ފަހުން ޓީސީގެ ތިން ވަަނަ ލަނޑު ޖެހީ މި ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ނުކުތް ސެއިން ވިންސެންޓްގެ ފޯވާޑް މެލްކަމް ކެސިއަސް ސްޓެވާޓް އެވެ. ދަގަނޑޭ ދިން ބޯޅަ މެލްކަމް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މިއީ އޭނާ ޓީސީ އަށް ކުޅެދިން ފުރަތަމަ މެޗެވެ.

comment ކޮމެންޓް