ސީޕްލޭން ޓާމިނަލްގެ މައްސަަލައިގައި މީހަކު ވަޒީފާއިން ވަކިނުކުރަން: އެމްއޭސީއެލް

ޓީއެމްއޭގެ ސީޕްލޭންތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އަލަށް ހެދި ސީ ޕްލޭން ޓާމިނަލް ދޭން ނިންމި މައްސަލައިގައި އެ ކުންފުނީގެ އިސް ދެ މުވައްޒަފަކު ވަކި ކުރިކަމަށް ދެކެވޭ ވާހަކަތައް އެ ކުންފުނިން ދޮގުކޮށްފިއެވެ.

އިސް ދެ މުވައްޒަފަކު ވަކިކުރިކަމަށް ބުނެ އިއްޔެ ބައެއް މީޑިއާތަކުން އެކަން ރިޕޯޓްކުރިއެވެ.

އެ ވާހަކަތަކަށް ރައްދުދީ އެމްއޭސީއެލްއިން މިއަދު ކުރި ޓުވީޓެއްގައި ބުނީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިނުވާ ކަމަށެވެ.

"މުވައްޒަފުން ދެމެހެއްޓުމުގެ ރެކޯޑެއް އެމްއޭސީއެލްގައި އޮންނާނެ، ވަރަށް މަދު ހާލަތްތަކެއްގައި ހުންނާނެ މުވައްޒަފުން ވަކިކޮށްފައި ނަމަވެސް އެއީ އިންސާފާ އެއްގޮތަށް ވަކިކޮށްފައި ހުންނާނީ،" އެމްއޭސީއެލްގެ ޓުވީޓުގައިވެެއެވެ.

ދައުލަތަށް ގެއްލުންވާ ގޮތަށް އަލަށް އަޅާ ސީޕްލޭން ޓާމިނަލް ހިންގަން ޓީއެމްއޭ އަށް ހަވާލުކުރަން އުޅޭ ކަމަށް ބުނެ އެންޓިކޮރަޕްޝަން ކޮމިޝަނަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. އަދި އޭސީސީން މިހާރު އެ މައްސަލަ ބަލަމުން އަންނަ އިރު މީގެ ކުރިން ރައްޔިތުންގެ މަޖިލީހުން ވެސް އެކަން ވަނީ ބަލައިފަ އެވެ. މަޖިލީހުގެ އެދުމަކަށް އޮޑިޓް އޮފީހުން ވަނީ ސީޕްލޭން ޓާމިނަލްގެ އޮޑިޓެއް ވެސް ހަދައިފަ އެވެ.

ޓާމިނަލްގެ މައްސަލާގައި ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދާދި ފަހުން ވިދާޅުވީ ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ދައުލަތަށް ގެއްލުންވާ ގޮތަށް ޓާމިނަލް ދީފި ނަމަ އެބަޔަކު ޖަވާބުދާރީ ކުރަން ފަސްނުޖެހޭނެ ކަމަށެވެ.

ޔައުގޫބުގެ ވާހަކަތައް އެމްއޭސީއެލްއިން ވަނީ ދޮގުކޮށްފައެވެ.

comment ކޮމެންޓް