ޖެންއަށް މުޅިން އާ ފޮނިކާތަކެތި، މިވަރެއް ނެތޭ!

ހޮޓެލް ޖެންގެ އާ ޑެޒާޓްމެނޫ ދައްކާލުމަށް ބޭއްވި ކުޑަ ހަފްލާގެ ތެރެއިން ފޮޓޯ-- ފަޔާޒް މޫސާ/ސަން

މާލޭގެ އެންމެ ހިތްގައިމު އަދި ފެންވަރު ރަނގަޅު އެއް ރެސްޓޯރެންޓްކަމުގައިވާ ހޮޓެލް ޖެން އަކީ، އަބަދުވެސް ތަފާތު އަދި މޮޅު ރަހަތަކެއް ދިވެހިންނާއި އަދި އެނޫންވެސް ފަރާތްތަކަށް ގެނެސްދޭ ތަނެކެވެ. ޝަންގްރިލާގެ އިތުބާރު ހުރި ދޮރޯށިތަކުން އަނެއްކާވެސް މިވަނީ ބައިނަލްއަގްވާމީ ކުލަތަކެއް ހިދުމަތުގައި ގެނެސްދީފަ އެވެ.

އާ އަހަރާއި އެކު، ޖެންގެ މެނޫއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ފެށުން މިހާރު ވަނީ ދައްކާލައިފަ އެވެ. ހޮޓެލް ޖެންގެ އަަޒޫރު ރެސްޓޯރެންޓްގައި ހޯމަ ދުވަހުގެ ރޭ ވަނީ އެތަނުގެ އާ ޑެޒާޓްތައް ހިއްސާކޮށްފަ އެވެ.

ޖުމްލަ ހަ ބާވަތެއް ފޮނިކާތަކެތީގެ ގޮތުގައި މިފަހަރުގެ މެނޫގައި ހިމަނާފައިވާއިރު މިއީ ޖެންގެ ބަދިގެއިން ތައްޔާރުކުރާ ހާއްސަ އުފެއްދުންތަކެކެވެ.

ދިވެހިންގެ މެދުގައި މިހާރުވެސް މަގުބޫލު ބައެއް ފޮނި ކާއެއްޗެހި 'ޖެންގެ ޓްވިސްޓަކާއި އެކު' ހިމަނާފައިވާއިރު، އެހެން ބައެއް ބާވަތްތަކަކީ ތަފާތު އެކި ރަހަތަކަށް ލޯބިކުރާ ފަރާތްތަކަށްވެސް ހަމައެހާމެ ކަމުދާނެ ބާވަތްތަކެވެ.

ލޯކަލް ޑިލައިޓް

މިއީ ރާއްޖޭގެ ރަހަތަކުން އުފަންވެގެން އައި ޑެޒާޓްއެކެވެ. ކަނަމަދު ކޭކް ސްލައިސްއަކާއި އެކީ ވެނީލާ އައިސްކްރީމް އާއި ކެރެމަލްވެސް ހިމެނިފައިވާއިރު، އާންމު ރަހަތަކާއި ހަމަގައިމުވެސް ތަފާތެވެ. ފޮނި ރަހަ އާއި، ކަނަމަދުގެ ރަހަ ވަރަށް އެއްވަރަކަށް ހުންނަ އިރު، ވެނީލާ އައިސްކްރީމުން އިތުރު ފުރިހަމަކަމެއް ގެނެސްދެ އެވެ.

100 ޕަސެންޓް މޯލްޓަން ޗޮކްލެޓް

ޗޮކްލެޓަށްް ލޯބިކުރާ ނަމަ މިއީ ހަމަގައިމުވެސް މިހާރު މާލެއިން ލިބެން ހުރި އެންމެ މީރު ޑެޒާޓަށްް ވާނެ އެވެ. ކުރުގޮތަކަށް ބުނާނަމަ މިއީ 'ޗޮކްލެޓް ބޮމްބް' އެކެވެ. ބެލްޖިއަމްގެ އެންމެ ފައިން ޗޮކްލެޓްކަމުގައިވާ ކަލިގޯއިން ތައްޔާރުކުރެވޭ މި ޑެޒާޓްގައި، ވައިޓް ޗޮކްލެޓް، މިލްކް ޗޮކްލެޓް އަދި ޑާކްޗޮކްލެޓް ހިމެނިފައިވެ އެވެ. މިއީ ހަމަ ޔަގީނުންވެސް މީގެ ރަހަ ދިވެހިން ކޮންމެހެން ބަލަން ޖެހެ އެވެ.

ބެނައޮފީ

ދޮންކޭލާއި ޗޮކްލެޓާ އެއްކޮށްލައިފިނަމަ ކަމުދާނެ ހެއްޔެވެ؟ ޖަވާބަކީ ޖެންގެ ބެނައޮފީ އެވެ. ދޮންކެޔޮ އަދި ކެރަމަލްގެ ފަށަލައަކާ އެކު، ޗޮކްލެޓް ހިމެނޭ މި ޑެޒާޓްއަކީ މި އާ މެނޫގައި އެންމެ ތަރުހީބު ބޮޑު ޑެޒާޓެވެ.

ކެފޭ ކްރީމް

ޓިރަމިސޫ އަކީ ދިވެހިންނަށް އާ އެއްޗަކަށް ނުވާނެ އެވެ. އެކަމަކުވެސް މީރު އަދި ދެވަނަ ފަހަރަށް ނޫނީ ތިން ވަނަ ފަހަރަށްވެސް އެތަނަކުން ޓިރަމިސޫއެއް ރަހަބަލާލަން ބޭނުންވާނެ ތަނަކީ ހަމަމި އެވެ. އެސްޕްރެސޯއަކާއި އެކީ ޓިރަމިސޫ ސްލައިސް އެއް ލިބޭިއރު އެންމެ ބޮޑު ތަފާތަކީ މިއީ ގްލޫޓަން-ފްރީ ޓިރަމިސޫއެއްކަމެވެ.

ޓްރޮޕިކަލް ޑްރީމް

ޗޮކްލެޓާއި އެކި ކަހަލަ ކްރީމާއި، ހަކުރުތަކުން ދުރުވެވިގެން ނޫޅެނީސް މިއޮތީ ތާޒާ މޭވާއިން ފުރިގެންވާ އެގްޒޯޓިކް ޑެޒާޓްއެކެވެ. އާންމު ބައެއް ޓްރޮޕިކަލް މޭވާތައް ކަމުގައިވާ، ސްޓްރޯބެރީ، ކިވީ ފަދަ ބާވަތްތަކާއިއެކު، ޕެޝަން ފްރުޓްއާއި ކޮކަނަޓް އައިސްކްރީމް މައިގަނޑު އެއްޗެއްގެ ގޮތުގައި ހިމެނޭ މި ޑެޒާޓްއަކީ ނަމާއި އެއްފަދައިން ހުވަފެނީ ދުނިޔެއަކަށް ގެންގޮސްދޭނޭ ޑެޒާޓެކެވެ.

ސަމާބެރީ އެންޑް ޗީޒް

ޖެން ގެ ސިގްނޭޗާއެއްކަމުގައިވާ މި ޑެޒާޓްއަކީ ޗީޒް ކޭކަށް ލޯބިކުރާ ފަރާތްތަކަށް ވަރަށް ކަމުދާނެ ބާވަތެކެވެ.

މި ހުރިހާ ބާވަތްތަކަކީވެސް ޖެންގެ ޝެފުންގެ އަމިއްލަ ރެސިޕީތަކަކަށްވާއިރު، ކަސްޓަމަރުންނަށް ލިބޭނޭ އެންމެ ބޮޑު އުފަލަކަށް ވާނީ މި ބާވަތްތައް އެމީހެއްގެ ޕްރިފަރެންސަކާއި އެއްގޮތަކަށް ލިބެން ހުރުމެވެ. މިގޮތުން މިއީ ނަޓް ފްރީ، ގުލުޓެން ފްރީ، އެގް ފްރީ ބާވަތްތަކެއްކަން ފާހަގަކޮށް ޖެން އިން ބުނީ، އެ ކަސްޓަމަރަކު ބޭނުންނަމަ އެގޮތަކަށް މި ޑެޒާޓްތައް ކަސްޓަމައިޒްކޮށްލެވޭނެ ކަމަށެވެ.

މި ބާވަތްތައް އަދި ރަސްމީކޮށް މެނޫގައި ނުހިމެނުނުކަމުގައި ވިޔަސް، ޖެން އަށް އައިސް ވަކިން އެ ޑެޒާޓެއްގެ ނަން ބުނެ އޯޑަރު ކޮށްލުމުން ލިބެން ހުންނާނޭ ކަމަށް ޖެންއިން ބުނެ އެވެ.

comment ކޮމެންޓް