ޖިންސީ ގޯނާގެ މައްސަލަތަކުގައި ކަނޑުހުޅުދޫ ގިނަ މީހުންގެ ބަޔާން ނަގައިފި

ގއ. ކަނޑުހުޅޫދޫ ޕޮލިސް ޑެސްކް: ޖިންސީ ގޯނާގެ މައްސަލަތަކުގައި ގިނަ މީހުންގެ ބަޔާންތައް ވަނީ ނަގާފައި --- ސަން ފޮޓޯ/ އަހްމަދުﷲ ހާދީ

(ގއ. ކަނޑުހުޅުދޫ އިން) -- މިދިޔަ ދެދުވަސްތެރޭގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި މި ރަށުގެ 20 އަށްވުރެ ގިނަ މީހުންގެ ބަޔާން ފުލުހުން ނަގައިފި އެވެ.

މިރަށުގައި ދެ އަހަރު ނުވާ ތުއްތު ކުއްޖަކަށް އޭނާގެ މުނިކާފަ އާއި ކާފަ އަދި ބައްޕަގެވެސް އިހުމާލު އޮވެގެން ޖިންސީީ ގޯނާ ކުރި މައްސަލައެއް މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފެންމަތިވެ، އެ ތިން މީހުން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

ރަށުން މައުލޫމަތު އެނގޭ މީހަކު ބުނީ، ބަޔާން ނަގަމުން ދަނީ އެ ކުޑަ ކުއްޖާގެ މައްސަލަތަކާއި އެކަމުގެ ތުހުމަތު ކުރެވޭ މީހުންނާ ގުޅުން ހުރި އެހެން މައްސަލަތަކާއި އަދިވެސް އެނޫންވެސް މިފަދަ މައްސަލަތަކުގަ އެވެ.

"ބަޔާން ނަގާ އެންމެންނަކީ އެކަމާ ސީދާ ގުޅުން ހުރި މީހުންނެއް ނޫން. ބައެއް މީހުންނަކީ އެކަމުގެ ވާހަކަތައް އެނގޭ މީހުން. ބައެއް މީހުންނަކީ އެފަދަ މައްސަލަތައް ދިމާވެފައި ތިބި މީހުން،" މައުލޫމަތު އެނގޭ މީހާ ބުންޏެވެ.

ތަހުގީގަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ފުލުހުންވެސް ދަނީ މިރަށުގައި ހަރަކާތްތެރިވަމުންނެވެ.

ކަނޑުހުޅުދޫގައި ތިން ބަފައިން ދިރިއުޅެމުން ދިޔަ ގޭ ކައިރީގައި ފުލުހުން ހަކާތްތެރިވަނީ: ފުލުހުން ވަނީ 20 އަށް ވުރެ ގިނަ މީހުންގެ ބަޔާން ނަގާފައި --- ސަން ފޮޓޯ/ އަހްމަދުﷲ ހާދީ

"ސަން" އަށް އެނގިފައިވާ ގޮތުގައު ދެއަހަރު ނުވާ ކުޑަ ކުއްޖާއަށް އަނިޔާ ލިބިފައިވަނީ އިއްޔެއަކު މިއަދަކު ނޫނެވެ. މީގެއް އެތަށް ދުވަސްކުރިން ތަކުރާރުކޮށް އެކުއްޖާއަށް އަނިޔާ ލިބިފައިވާކަން ޑރ. ގެ ވާހަކަތަކުން އެނގެ އެވެ.

ކުއްޖާގެ މަންމަ ފަރާތުން އާއިލާއިން މީގެ ކުރިން ބުނެފައިވާ ގޮތުގައި އެކަން ހިނގާފައިވަނީ މައްސަލައިގައި ހައްޔަރު ކުރި ތިން ބަފައިންގެ ބައިވެރިވުން އޮވެގެންނެވެ.

ރަށު މީހުން ބުނި ގޮތުގައި ކުއްޖާ ބައްޕަ އަދި ކާފަ ކުއްޖާއާ ޖިންސީ ގޯނާކޮށްފާނެ ކަމަށް ނުބެލެވެ އެވެ. ނަމަވެސް ޖިންސީ ގޯނާގެ ރިކޯޑް އޮތް ކުއްޖާގެ މުނި ކާފަ އެފަދަ ކަމެއް ކޮށްފާނެ ކަމަށް ރަށު މީހުން ބުނެ އެވެ.

އަވައްޓެރިން ބުނި ގޮތުގައި، ކުއްޖާއަށް އަނިޔާ ލިބިފައިވަނީ މަންމައާއި ބައްޕަގެވެސް އިހުމާލުން ކަމަށެވެ. އެކަން ހިނގަނީ މަސްތުވާތަކެތީ ވަބާގައި ޖެހިފައިވާ މައިންބަފައިނަށްވެސް އެނގިގެން ކަމަށް އެމީހުން ބުނެ އެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މުނި ކާފަ އަކީ އެފަދަ މައްސަލައެއްގައި ތުހުމަތު ކުރެވި ދައުވާވެސް އުފުލާފައިވާ މީހެކެވެ. ނަމަވެސް އެ މައްސަލައިގައި އޭނާ އޭރު ހައްޔަރު ކޮށްފައި ނުވެ އެވެ. ފުލުހުން ބުނެފައިވަނީ އޭރު އޭނާ ހައްޔަރުކޮށްފައި ނުވަނީ އޭނާގެ އުމުރަށް ބަލާފައި ކަމަށެވެ.

މުނި ކާފަ އެހެން ކުޑަ ކުދިންތަކަކަށްވެސް ޖިންސީ ގޯނާ ކުރި ކަމަށް ރަށު މީހުން ބުނެ އެވެ. އޭނަގެ މައްސަލަތައް ޖެންޑާއިން ބެލި ނަމެވެސް އޭނާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭ ކަމަށް ރަށު މީހުން ބުނެ އެވެ.

މި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހާފަ އެވެ.

comment ކޮމެންޓް