މުނިކާފަ، ދަރިފުޅަށް ކުރި ގޯނާ މަންމަގެ ލޮލުން ދެކެ އަތުން ހިފި!

ގއ. ކަނޑުހުޅުދޫގައި މަގުމަތިން މީހަކު އޭނާގެ ދަރިފުޅު ގޮވައިގެން ހިނގާފައި ދަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ގއ. ކަނޑުހުޅުދޫ -- "ކުއްޖާ ނެޕީތެރެއަށް މުނިކާފަ އަތްކޮށްޕާ ވާހަކަ އާ، ކުއްޖާގެ އަތް މުނިކާފަގެ މުންޑުތެރެއަށްލާ ވާހަކަ. އަދި މުންޑު ހިއްލާފަ ކުއްޖާއަށް ދައްކާކަން. މިއީ ކުއްޖާގެ މަންމަ އަމިއްލައަށް މީގެ ދެމަސް ކުރިން އަހަރެން ކައިރީ ދެއްކި ވާހަކަ،" މިއީ މި ރަށުން ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތު ކުރެވޭ އެ ކުއްޖާގެ އަވައްޓެރިން ކުއްޖާގެ މަންމައާ ގުޅޭ ގޮތުން ދެއްކި ވާހަކަ އެވެ.

އަވައްޓެރިޔާ ބުނި ގޮތުގައި އެކަން ހިނގަނީ މަސްތުވާތަކެތީގެ ދުނިޔެއެއްގައި އުޅެމުން އައި ކުއްޖާގެ މަންމައަށް ވެސް އެނގިގެންނެވެ. ކުއްޖާގެ މަންމަ އަށް އެ "މުޑުދާރު" މަންޒަރުތައް ފެންނަކަން އޭނާއާ ހިއްސާ ކުރިކަމަށް އޭނާ ބުންޏެވެ. އެއީ މިކަމެއް ފެންމަތިވުމުގެ ދެ މަހެއްހާ ދުވަސް ކުރިން ކަމަށް އޭނާ ބުންޏެވެ.

"ކުއްޖާގެ މަންމަ އިސްތިރިކުރަން ހުއްޓާ ކުއްޖާ ރޯ އަޑު އިވިގެން އައި އިރު މުނި ކާފަ އޮތީ މުންޑު ހިއްލާގެން... އޭނަ މުނި ކާފައާ ދިމާލަށް ބުނީމޯ ދެވަނަ ދުވަހެއްގައި އެކަން ތަކުރާރުކޮށްފި ނަމަ، މަރާލާނަމޭ،" މަންމަ ހިއްސާ ކުރި ވާހަކަތައް ކިޔައިދެމުން އަވައްޓެރިޔާ ބުންޏެވެ.

އެވާހަކަތައް ޖެންޑާއަށާއި ޕޮލިހަށް ރިޕޯޓު ކުރިތޯ އަވައްޓެރިޔާ ސުވާލު ކުރުމުން މަންމަ ބުނީ ރިޕޯޓުކޮށްފައި ނުވާނެ ކަމަށެވެ. އެކަން ސިއްރު ކުރުމަކީ ބޮޑު ކުށެށް ކަމަށާއި އެކަން ޕޮލިހަށާއި ޖެންޑާއަށް ރިޕޯޓް ކުރުމަށް ކުއްޖާގެ މަންމައަށް ނަސޭހަތްތެރިވި ކަމަށް އަވައްޓެރިޔާ ބުންޏެވެ.

މަންމަގެ ފުރަތަމަ ކައިވެންޏަށް ލިބިފައިވާ އެއްމާބަޑު ދެ ފިރިހެން ކުދިންނާއި ދެ ވަނަ ކައިވެންޏެއް ކޮށްގެން ލިބިފައި ހުރި، އަނިޔާގެ ޝިކާރައަކަށްވީ ދެ އަހަރުގެ އަންހެން ކުއްޖާ ވެސް ދިރިއުޅެމުން ދިޔައީ އެއް ގެއެއްގަ އެވެ. ބައްޕަ، ކާފަ އަދި މުނި ކާފަ ވެސް ދިރިރުޅެމުން އައީ، ރަށު މީހުން ބުނާ ގޮތުން އާންމުކޮށް ބަންދުކޮށްފައި ހުންނަ އެ ގޭގަ އެވެ.

ކަނޑުހުޅޫދޫން ޖިންސީގޯނާގެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ގޭތެރެ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އަވައްޓެރިޔާ ބުނި ގޮތުގައި ކުދިން އެކަނި އެގޮތަށް އެގޭގައި ނުބޭތިއްބުމަށް ވެސް މަންމަ ކައިރީ ތަކުރާރުކޮށް ބުނެފައި ވާނެ އެވެ. އަދި އަވަށްޓެރިޔާގެ ގެއަށް ކުދިން ގެނައުމަށް ވެސް ކިތަންމެ ފަހަރަކު އެދުނެވެ. އެހެން ނަމަވެސް އެގެއަށް ކުދިންނާއި މަންމަ އަންނާތީ ކުއްޖާގެ ބައްޕަ އާއި ކާފަ ރުޅި އަންނާތީ މަންމައަށް އެކަން ކުރާކަށް ނުކެރުނެވެ. ކުދިން އެގޭގައި ތިބި ކަން އެނގޭ ނަމަވެސް ބައްޕަ އައިސް، އެކުދިން ގެންދާ ކަމަށް އަވަށްޓެރިޔާ ބުންޏެވެ.

"މަންމަ ބޭނުން ނުވި ކުއްޖާގެ ބައްޕައަށް ބިރުން ކުއްޖާ މިގެޔަށް ގެންނާކަށް ވެސް،" އަވައްޓެރިޔާ ބުންޏެވެ.

އަވައްޓެރިޔާ ބުނި ގޮތުގައި ކާފަ އެކުއްޖާ އުރަން ނުވާ ގޮތަށް އުރައިގެން ހުއްޓާ އެތަށް ދުވަހަކު ފެނުނެވެ. އަދި ލޯބިވެރިއަކު އޭނާގެ ބައިވެރިޔާއަށް ބޮސްދޭ ފަދައިން މުޅި ގަޔަށް ބޮސް ދޭ ތަން ވެސް ފެންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އެކަންވެސް މަންމައަށް އެނގި ކަންބޮޑުވެ އެ ވާހަކަ ބައެއް ފަހަރު ދައްކާފައި ވެސް އެބަ ހުއްޓެވެ.

އަވައްޓެރިން ދެކޭ ގޮތުގައި މިކަމުގައި ބައްޕައެކޭ އެއްވަރަށް ކުއްޖާގެ މަންމަގެ އިހުމާލު ވެސް ބޮޑެވެ. މައްސަލައަކީ ކޮންމެވެސް ސަބަބަކާ ހުރެ އެ ކަންކަން ސިއްރުކޮށްގެން ހުރުމެވެ. އެކަމަކު، ކުއްޖާ މަންމަ ފުރަތަމަ ދުވަހުން ފެށިގެން އެކަމާ މެދު ފިޔަވަޅު އެޅި ނަމަ، ކުއްޖާއަށް މިވަރުގެ ގެއްލުމެއް ނުލިބޭނެ ކަމަށް ގަބޫލު ކުރާ މީހުން މި ރަށުގައި އެބަ ތިއްބެވެ. އެކަމަކު ކޮންމެވެސް "މަޖުބޫރެއްގައި" މަންމަ އެކަންކަން ސިއްރު ކުރީ އެވެ.

އަމިއްލަ ދަރިންނަށްވެސް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު!

އަނިޔާ ލިބުނު ކުއްޖާގެ މަންމައަށް ކާފަ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ރަށު ތެރޭގައި ކުރިން ވެސް ވަނީ ދެކެވިފަ އެވެ. އަވައްޓެރިއަކު ބުނި ގޮތުގައި މަންމަ އަމިއްލައަށް ވެސް އެވާހަކަތައް ރަށު މީހުންނަށް ކިޔައި ދެއެވެ. އޭގެ އިތުރުން މީގެ އަހަރުތަކެއް ކުރިން އޭނާގެ އަމިއްލަ އަންހެން ދަރިއަކާ ބެހުނު ކަމުގެ ތުހުމަތު ވެސް ރަށު މީހުން ކުރެވެ.

މަންމައާ ކާފަ ބެހުނު ވާހަކަ ދައްކަން ފެށީ އޭނާ އަމިއްލައަށެވެ. އެވާހަކަތައް އޭނާ އަވައްޓެރިންނާ ހިއްސާކޮށްފައި ވެސްވެ އެވެ.

"އޭނާ [މަންމަ] އަމިއްލައަށް ވެސް ބުނާނެ ބަފާބެ [ކުއްޖާގެ ކާފަ] ބެހޭ ވާހަކަ. ގޭ ދޮށުން ޒުވާބު ކުރާ އިރު ވެސް އޭނަ އެހެން ކިޔާ ވާހަކަ އަޑު އިވޭ،" އަވަށްޓެރިއަކު ބުންޏެވެ.

އޭނާ ބުނީ، އޭނާގެ ފިރިމީހާ އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ. ނަމަވެސް ރަށު މީހުން ބުނި ގޮތުގައި ކާފަ ފައިސާކޮޅެއް ދިނުމުން މަންމަ ވެސް ބައްޕަ ވެސް އެކަން އަނެއްކާ ވެސް ސިއްރުކޮށް ހަނު ތިބެނީ އެވެ.

ގއ. ކަނޑުހުޅުދޫގައި މުސްކުޅި އުމުރުގެ މީހަކު ހިނގާފައި ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރަށު މީހުން ބުނި ގޮތުގައި ކާފަ އަކީ އަންހެނުންގެ ކަންތައް ބޮޑު މީހެކެވެ. ނަމެވެސް ކުޑަ ކުއްޖަކާ ބެހުނު ކަމުގެ ވާހަކަ އެއް މީގެ ކުރިން އޭނާއާ ގުޅޭ ގޮތުން ދެކެވިފައެއް ނުވެ އެވެ. ނަމަވެސް އޭނާގެ އަންހެން ދަރިއަކާ ބެހުނު ކަމުގެ ތުހުމަތެއް އޮވެ އެވެ.

"އަންހެން ދަރި ފާރު މަތިން ފުންމާލައިގެން އެރޭ އައިތަން ރަށު މީހުންނަށް ފެންނާނެ. އެކަން ހިނގިތާ ދުވަސްތަކެއް ނުވެ އަންހެންދަރިފުޅު ފުރައިގެން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްލީ،" މީގެ 11 ވަރަކަށް އަހަރު ކުރިން ހިނގި ހާދިސާއާ ގުޅޭ ގޮތުން ރަށުގެ މީހަކު ކިޔައިދިނެވެ.

މިސްކިތު މުދިމަކަށް އުޅޭ ބަފައިބެގެ އަންހެނުން މީގެ ފަސްއަހަރެއްހާ ދުވަސް ކުރިން ދިރިއުޅުން ވަނީ މާލެއަށް ބަދަލުކޮށްފަ އެވެ. އޭރުއްސުރެ ވަރި ވެސް ނުކުރާ ކަމަށްވެ އެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ އަންހެން މީހާ މާލެ ދިޔައީ ވެސް އޭނާގެ ފަރާތުން އެފަދަ ކަންކަން ކުރިމަތިވާތީ އެކަމަށް ކެތް ނުވެގެންނެވެ.

އަވައްޓެރިން ބިރުވެރިކަމުގައި، ހައްޔަރު ކުރުމުން ލިބުނީ އުފަލެއް!

ބައެއް އަވައްޓެރިން ބުނި ގޮތުގައި ޖިންސީ ގޯނާ ކުރުމުގެ ރެކޯޑް އޮތް މުނިކާފަގެ މައްސަލަތައް މީގެ ކުރިން ވެސް ޕޮލިހަށާއި ޖެންޑާއަށް ހުށަހެޅި އެވެ. ނަމަވެސް އޭނާއާ ދޭތެރޭ ފިޔަވަޅެއް ނާޅަ އެވެ.

"މީގެ ކުރިން ވެސް މަގުމަތީގައި މަގޭ ދަރިފުޅު ހުއްޓާ ކޮޓަރި އަށް އަންނާށޭ މުނި ކާފަ ބުނި. ފުރަތަމަ އަހަނީ ގައިގަ ވަރު ހުރޭހޭ. ދެން ދަރިފުޅު ބުނި އާނއެކޭ. ބުނީމަ ބުނީ، ވަރު ހުރި ކަން ދައްކާލަން ކޮޓަރިއަށް އަންނާށޭ،" ދެ އަހަރު ކުއްޖާއާ ބެހުނު ކަމުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވޭ މުނި ކާފައާ ގުޅޭ ގޮތުން އެހެން އަވައްޓެރިޔަކު ބުންޏެވެ. އެއީ 2018 ވަނަ އަހަރު މެދު ތެރޭ ހިނގި ކަމެކެވެ.

އޭނާ ބުނީ، އެ މައްސަލާގައި މުނި ކާފަ ކައިރީގައި އެވާހަކަ އެހުމުން އޭނާ ފެށީ ހޭން ކަމަށެވެ. އެކަމުގައި އޭނާ ލަދެއް ވެސް ނުގަންނަ ކަމަށެވެ.

"އެހާވެސް ލަދު ހަޔާތްކުޑަ މީހެއް. ޖެހިލުމެއްނެތި އެކަން ކުރަމުން އޭނާ ދިޔައީ،"

ޖިންސީ ގޯނާގެ ތުހުމަތުގައި ކަނޑުހުޅުދޫއިން ހައްޔަރު ކުރި މީހާގެ ގެ ކައިރީގައި ފުލުހުން -- ސަން ފޮޓޯ

އޭނާ ބުނީ، ދެވަނަ މަސައްލަ ރިޕޯޓް ކުރީ މިދިޔަ ޑިސެމްބަރު މަސްތެރޭ ކަމަށެވެ. އެދުވަހު ވެސް މައްސަލަ ރިޕޯޓް ކުރީ އެފަދަ ހަޑި މުޑުދާރު ވާހަކައެއް ދައްކައިގެންނެވެ. ނަމަވެސް އެދުވަހު ރިޕޯޓު ކުރުމުން އެނގުނު ގޮތުގައި 2018 ވަނަ އަހަރުގެ މައްސަލަ ރިޕޯޓް ކުރިކަން ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް ފުރައްސާރަ ކުރިމަތިވި ކުއްޖާގެ މަންމަ ބުންޏެވެ.

އަވައްޓެރިން ބުނި ގޮތުގައި ކުދިންނަށް ފައިސާ ދީ ހެއްލުމަށް އެތައް ފަހަރަކު މުނިކާފަ މަސައްކަތް ކޮށްފައިވެ އެވެ. އަދި އެ ފައިސާގައި އަތް ނުލުމަށާއި އެގޭ ކައިރިއަށް ނުދިޔުމަށް ކުދިންނަށް އަބަދު ވެސް ހަދާންކޮށްދޭ ކަމަށް އޭނާ ބުންޏެވެ.

"ކުދިން ތިބެނީ އޭނާ ފެނުނަސް ބިރުން. ފެނުނަސް ބުނާނެ މަންމާ ހަންބުރިޔާ އެބަ އާދެޔޭ. އޭނާ ހައްޔަރުކޮށްގެން ގެންދިޔަ ދުވަހު ކުދިންނަށް އައީ ބޮޑު އީދެއް. އުފާވެސް ކުރި އެކުދިން،" އަވައްޓެރިޔާ ކިޔައިދިނެވެ.

ރަށު ދެ ސަރަހައްދެއްގައި ވެސް މީގެ ކުރިން މުނިކާފަ މުންޑު ނަގައިގެން ކުޑަކުދިންނަށް ޖިންސީ ގުނަވަން ދެއްކި މައްސަލައެއް ފެންމަތިވި އެވެ. އަދި އެ މަންޒަރުތައް ރަށުގެ ބައެއް މީހުންނަށް ވެސް ފެނިފައި ހުންނާނެ ކަމަށް ރަށު މީހުން ބުންޏެވެ.

ގއ. ކަނޑުހުޅުދޫގައި މަގުމަތީގައި ބަޔަކު ހިނގާފައިފާ ދާއިރު ކުޑަ ކުއްޖަކު ފަހަތުން ދަނީ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

އެ ގޭގައި ހުންނަ ފިހާރައަށް ބާޒާރުކުރަން ދާ ގިނަ މީހުންނަށް ވެސް ކާފަގެ ފަރާތުން ޖިންސީ ފުރައްސާރަ ވަނީ ކުރިމަތިވެފަ އެވެ.

"ބިހެއް ގަންނަން ދިޔައީމަ ބުނާނެ ތިމަންނަ ގޭގައި އެބަހުއްޓޯ މާ ވަރުގަދަ ބިހެއް. ތިމަންނަ އަތުގަ ވެސް އެބަ ހުއްޓޯ ބިސް. އެ ތަޅައިގެންވެސް ނުދާނޭ. ހިތް ހަމަޖައްސައިދޭނޭ. ލޯޝަން ފުޅިއެއް ގަންނަން ދިޔައީމަ ބުނާނެ އަހަރެން އަތުގަ ބޮޑު ލޯޝަން ފުޅިއެއް އެބަ އޮތޯ. އެކަހަލަ މުޑުދާރު ކޮންމެވެސް ވާހަކައެއް ދައްކާނެ އޭނަ،" މީގެ ކުރިން ފިހާރައިން ކުރިން ވިޔަފާރި ކުރި މީހަކު ބުންޏެވެ.

އެތައް ދުވަހެއް ވަންދެން މުނިކާފަގެ ވަކިތަކުގެ ދަށުގައި އަމިއްލަ ދަރިފުޅަށް ގޯނާލިބެމުން ދިޔަކަން އެނގި ހުރެ، އެ ދަރިފުޅުގެ މަންމަ ވެސް އެޅި ފިޔަވަޅެއް ނެތެވެ. އަންހެން މީހާއަކީ މަސްތީ ދުނިޔެއަކަށް ގެއްލިފައިވާ މީހެއްކަން އެނގި ތިބެ، އަވައްޓެރިން ވެސް އެ ގޭގެ ހަތަރު ފާރުން އެތެރޭގައި ހިނގާ ކަންކަން ކަމާބެހޭ ފަރާތްތަކަށް ނާންގާ ތިބީ އެވެ. ރަށުގެ އެތައް ކުދިންނަކަށް ޖިންސީ ގޯނާއާއި ފުރައްސާރަ ކުރަމުން ދިޔަ މުނިކާފަގެ މައްސަލަ ކަމާބެހޭ ފަރާތަށް ހުށަހެޅި ނަމަވެސް، އެފަރާތްތަކަށް ވެސް ކުރެވުނު ކަމެއް ނެތެވެ. އުމުރަށް ބަލާފައި މިނިވަނެއްގެ ގޮތުގައި ރަށު ތެރެއަށް ދޫކޮށްލާފައި ހުރީ އެވެ. އެހެންކަމުން އަނެއްކާވެސް ދައްކަން މި ޖެހެނީ މުޅި މުޖުތަމައުގެ ފެއިލްވުމެއްގެ ސަބަބުން ތުއްތު ކުއްޖަކަށް ލިބުނު ހިތި އަނިޔާގެ ވާހަކައެކެވެ. ފިޔަވަޅު އެޅުނު ނަމަ، ސަލާމަތް ކުރެވެން އޮތް ދިރިއުޅުމެއްގެ ވާހަކަ އެވެ. އިހުމާލުގެ އިތުރު ވާހަކަ އެކެވެ.

comment ކޮމެންޓް