އެމްޑީޕީ ޕްރައިމަރީގައި 93،000 މީހުންނަށް ވޯޓު ދެވޭ

ނޮވެމްބަރ 22، 2019: ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕަަށް ބޭފުޅުން އިންތިހާބު ކުރުމަށް ބޭއްވި އިންތިހާބުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އާންމުކޮށްފިއެވެ.

އެމްޑީޕީން އާންމުކުރި ލިސްޓުގައިވާ ގޮތުން، އެ ޕާޓީގެ ޕްރައިމަރީގައި 93،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

މާލެ ސިޓީން 13،108 މީހަކަށް އެމްޑީޕީގައި ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އައްޑޫ ސިޓީން 12،096 މީހަކަށް، ފުވައްމުލައް ސިޓީން 3959 މީހަކަށް އަދި ކުޅުދުއްފުށި ސިޓީން 1238 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް ލިސްޓުގައިވެއެވެ.

މީގެ އިތުރުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ވޯޓުލުމުގެ ހައްގު ލިބޭ 616 މީހުން އެބަތިއްބެވެ.

އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފައިނަލް ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އެގޮތުން ލިސްޓާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ 22 ޖެނުއަރީ ވާ ބުދަ ދުވަހުގެ މެންދުރު 2:00 ގެ ކުރިން ފޯމު ހުށަހަޅަން ވަނީ ހުޅުވާލައިފައެވެ.

ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް އިން ލިބެން ހުންނާނެ އެވެ. އެމްޑީޕީން ބުނީ ޝަކުވާ ފޯމު އީމެއިލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރުމަށް 1،364 މީހުން ފޯމު ހުށަހަޅާފައިވެއެވެ. އެމްޑީޕީގެ ޕްރައިމަރީ ބާއްވާނީ މި މަހުގެ 31 ވާ ހުކުރު ދުވަހުއެވެ.

comment ކޮމެންޓް