ޗައިނާގައި ފެތުރެމުންދާ ވައިރަސް ރާއްޖެއަށް އަތުވެދާނެތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަނީ

ޗައިނާގައި ނޮވެލް ކޮރޯނާ ވައިރަސް ފެތުރެމުންދާ ވޫހާން ސިޓީ-- ފޮޓޯ/އަލްޖަޒީރާ

ޗައިނާގެ ބައެއް ސަރަހައްދުތަކުގައި މިހާރު ފެތުރެމުންދާ ނޭވާލާ ނިޒާމަށް އަސަރު ކުރުވާ، ގޮތް ނޭނގޭ ބަލި، ރާއްޖެއަށް ފެތުރުމުގެ ފުރުސަތު އޮތުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ފަށައިފިއެވެ.

"ކޮރޯނާ ވައިރަސް" އާއިލާއިން އަލަށް ފެނުނު ނޮވެލް ކޮރޯނާ ވައިރަސްއިން ޖެހޭ މި ބަލި ޗައިނާގެ ހޫބޭ ޕްރޮވިންސުގެ ވުހާން ސިޓީގައި ފެތުރެން ފެށީ މިދިޔަ ޑިސެމްބަރު މަހުގައެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް މި ބަލި ޖެހިފައިވާ 142 މީހުން ޗައިނާއިން ފެނިފައިވާއިރު، މި ބަލި ޖެހިގެން ދެ މީހަކު ވަނީ މަރުވެސް ވެފައެވެ. އަދި މިފަހުން ތައިލެންޑުގައި މި ބަލި ޖެހިފައިވާ ދެ މީހުން ފެނިފައިވާއިރު، ޖަޕާނުންވެސް މި ބަލި ޖެހިފައިވާ މީހެއް ވަނީ ފެނިފައެވެ.

ސީފުޑްއާއި ޖަނަވާރު ވިއްކާ މާރުކޭޓެއްގައި މަސައްކަތްކޮށް، އެފަދަ ތަންތަނަށް ދިޔަ ގިނަ މީހުންނަށް މިބަލި ޖެހިފައިވާތީ، މިއީ ސީފުޑް ނުވަތަ ޖަނަވާރުން އަރާ ޖަރާސީމެއްކަމަށް ޗައިނާއިން ލަފާކުރެއެވެ.

އެފަދަ ބައެއް މާރުކޭޓުތައް ޖެނުއަރީ މަހުން ފެށިގެން ވަނީ ބަންދުވެސް ކޮށްފައިވާއިރު، މިހާތަނަށް ހޯދި ހޯދުންތަކުން މިއީ ގައިން ގަޔަށް އަރާ ބައްޔެއްކަން ހޯދިފައިނުވާކަމަށް ޗައިނާއިން ބުނެއެވެ.

ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމު ކަމަށްވާއިރު، މި ބަލި ރާއްޖެއަށް ފެތުރިދާނެކަމުގެ ފުރުސަތު އޮތްކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ލަފާދީފަ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ލަފަޔާ އެއްގޮތްވާ ގޮތުގެ މަތިން މި ދުވަސްވަރު ޗައިނާއަށް ދަތުރުކުރާ މީހުން ބައެއް ކަންކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ. އެއީ؛

  • ދޫނިސޫފާސޫފި، ޖަނަވާރު ގެންގުޅެ، ވިއްކާ އަދި ކަތިލާ ތަންތަނަށް ނުދިއުން
  • ބަލިމީހުންނާ ކައިރީގައި ނޫޅުން
  • ގިނަ ގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
  • ކެއްސާ ކިނބިހި އަޅާއިރު ޓީޝުއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުން

ޗައިނާގެ މި ބަލި ފެތުރޭ ހިސާބަށް ދިއުމަށްފަހު ހުން އައިސް ނޭވާލާން އުނދަގޫވުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ވީހާވެސް އަވަހަށް ސިއްހީ ފަރުވާ ހޯދުމަށާއި އިތުރު ކަމަކު ބޭރަށް ނުނިކުތުގެ އިތުރުން މާސްކް އަޅައިގެން އުޅުމަށް ވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެއެވެ.

ހަމައެއާއެކު ފަރުވާ ހޯދަންދާއިރު ފާއިތުވެދިޔަ ދެ ހަފުތާގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ޓްރާންސިޓް ކުރި ގައުމުތަކުގެ މައުލޫމާތު ދިނުމަށްވެސް އެޗްޕީއޭއިން އިރުޝާދު ދީފައިވެ އެވެ.

ކެއްސާ ކިނބިހި އަޅާއިރު ޓިޝޫއަކުން ރަނގަޅަށް އަނގައާއި ނޭފަތް ނިވާކުރުމަށާއި ބޭނުންކުރާ ޓިޝޫފަދަ ތަކެތި ހާމަ ތަންތަނަށް އެއްލާނުލުމަށްވެސް އެޗްޕީއޭއިން އިލްތިމާސް ކުރެއެވެ.

އެޗްޕީއޭއިން ބުނީ މި ބަލީގެ ހާލަތު މޮނީޓަރުކޮށް، ބައްޔާ ބެހޭ އިތުރު މައުލޫމާތު ހޯދާޏެ ކަމަށާއި ސިއްހަތު ޖަމިއްޔާގެ ލަފާގެ މަތިން ބަލިން ރައްކާތެރިވުމުގެ އިތުރު ފިޔަވަޅުތައް ވެސް އެ އޭޖެންސީން އަޅަމުންގެންދާނެ ކަމަށެވެ.

comment ކޮމެންޓް