ޖަޒީރާ ޗެމްޕިއަންޝިޕުގެ ރަށު މުބާރާތަށް ލިބުނީ ފިނި ތަރުޙީބެއް

ފޯކައިދޫ ޓީމުން މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގައި ކުޅުނު މެޗުތަކުގެ ތެރެއިން --- ފޮޓޯ/ ފޯކައިދޫ ލައިވް ސްޕޯޓްސް

މީގެ ކުރިން ބާއްވަމުން އައި މިނިވަން ޗެމްޕިއަންޝިޕު ރިބްރޭންޑުކޮށް، ޖަޒީރާ ޗެމްޕިއަންޝިޕުގެ ނަމުގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތަށް ކޮލިފައިވާ ޓީމުތައް ނެގުމަށް ރަށު ފެންވަރުގައި ބާއްވަން އުޅުނު މުބާރާތަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ކެންސަލް ކޮށްފި އެވެ.

އަތޮޅުތަކަށް ހުޅުވާލައިގެން ކޮންމެ ރަށަކުންވެސް ޓީމެއް ބައިވެރިވާ ގޮތަށް ހެދި މި މުބާރާތަކީ މުސްތަގުބަލުގައި ގައުމީ ލީގަށް ވެސް ވުން އެކަށީގެންވާ މުބާރާތެއް ކަމަށް އެފްއޭއެމްއިން ކުރިން ބުނެފައިވީ ނަމަވެސް، އެ މުބާރާތަށް ކޮލިފައި ވުމަށް ރަށްތަކުގެ ކުޅޭ މުބާރާތަށް ލިބުނީ ފިނި ތަރުހީބެހެކެވެ. ރަށްތަކުގެ ކުލަބު، ޖަމިއްޔާ ޖަމާއަތްތަކަށް ހުޅުވާލައިގެން ރަށު ފެންވަރުގައި މުބާރާތެއް ބާއްވަން ނިންމީ ގިނަ ކުޅުންތެރިންތަކަކަށް މި މުބާރާތުގައި ފުރުސަތު ދިނުމުގެ ގޮތުންނެވެ.

ޖަޒީރާ ޗެމްޕިއަންޝިޕުގައި ބައިވެރިވުމުގެ ސުންގަޑި މިދިޔަ އަހަރުގެ ތެރޭގައި ހަމަވި އިރު ޖުމުލަ 87 ރަށަކުން މުބާރާތުގައި ބައިވެރިވުމަށް ވަނީ އެދެފަ އެވެ. އެކަމަކު އޭގެ ތެރެއިން ރަށު ފެންވަރުގެ މުބާރާތް ބޭއްވުމަށް އެދުނީ މަދު ރަށްތަކަކުންނެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) "ސަން" އަށް ވިދާޅުވީ ރަށު ފެންވަރުގައި ބާއްވާ ބުރު ނުބާއްވާ ގޮތަށް ނިންމީ އެކަމަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން ޔޫތު މިނިސްޓްރީއާ އެކު މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

"ޖުމްލަ 87 ރަށަކުން މުބާރާތުގައި ބައިވެރިވި އިރު ރަށުގައި އޮންނަ މުބާރާތް ކުޅެން ބޭނުންވީ އެންމެ އަށް ރަށުން. ސްޕޯޓްސް މިނިސްޓްރީއާ ވެސް އެކަމުގައި މަޝްވަރާ ކުރުމަށްފަހު ބަޖެޓިންގްގެ ކަންތައް މިހާރު ކުރިއަށް ދަނީ. ވަރަށް އަވަހަށް މުބާރާތާ ބެހޭ އިތުރު މައުލޫމާތު އިއުލާނު ކުރާނަން." ޖަވާ ވިދާޅުވި އެވެ.

ގެއްލިފައިވާ ފުޓުބޯޅައިގެ ފޯރި އަލުން ގެނެވޭނީ އަތޮޅުތެރޭން ކަމަށާއި މާލޭގައި ކުޅޭ ގައުމީ ލީގުވެސް އަތޮޅުތެރެއަށް ދާން ޖެހޭ ކަމަށް ބުނެ ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ މުބާރާތަށް ބޭއްވުމަށް ޔޫތް މިނިސްޓްރީއާއި އެފްއޭއެމް ގުޅިގެން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

comment ކޮމެންޓް