ރަންބީރާ ޝްރައްދާ އެކުގައި ފިލްމަކުން!

ރަންބީރު ކަޕޫރާއި ޝްރައްދާ ކަޕޫރު---

ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމަކަށް ބޮލީވުޑްގެ ބަތަލު ރަންބީރު ކަޕޫރާއި ބަތަލާ ޝްރައްދާ ކަޕޫރު ސޮއިކޮށްފިއެވެ.

ނަން ހާމަނުކުރާ އެ ފިލްމުގެ ލީޑު ރޯލުން މި ދެ ތަރިން އެކުގައި ފެނިގެންދާއިރު މި ފިލްމުވެގެންދާނީ ރަންބީރާއި ޝްރައްދާ އެކުގައި ސްކްރީނުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ.

ބޭރުގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ޝްރައްދާ ބުނީ ލަވް ރަންޖަންގެ ފިލްމެއްގައި މަސައްކަތް މިކުރަނީ އަލަށް ކަމަށާއި ހަމައެއާއެކު ރަންބީރާއެކުވެސް މަސައްކަތްކުރަމުން ދަނީ އަލަށް ކަމަށެވެ.

ޝްރައްދާ ބުނީ ރަންބީރު އާއެކު މަސައްކަތްކުރަން ލިބުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި އަބަދުވެސް އޭނާ އާއެކު މަސައްކަތްކުރާ ހިތްވާ ކަމަށެވެ. އަދި ރަންބީރަކީ ޝްރައްދާމެންގެ ޖީލުގައި އެންމެ ކާމިޔާބު އެއް ތަރި ކަމަށާއި މި ފިލްމަށް މިހާރުވެސް އިންތިޒާރުކުރެވެން ފަށައިފި ކަމަށް އޭނާ ބުންޏެވެ.

ނަން ހާމަނުކުރާ އެ ފިލްމުގެ ޝޫޓިން ފަށާނީ އަންނަ މާޗު މަހުގައެވެ.

ޝްރައްދާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ސްޓްރީޓް ޑާންސާ ޕްރޮމޯޓްކުރަމުންނެވެ. އެ ފިލްމު މި މަހު 24 ގައި ރިލީޒްކުރާއިރު މި ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ ވަރުން ދަވަން އެވެ.

ޝްރައްދާގެ ކުރިއަށްވެސް ގިނަ ޕްރޮޖެކްޓްތަކެއް އެބަހުއްޓެވެ. އޭގެ ތެރޭގައި ބާގީ 3 އަދި ސްޓްރީ 2 ހިމެނެއެވެ.

comment ކޮމެންޓް