ހަތް އަހަރު ފަހުން ޗިކާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ހުކުމް ކޮށްފި

ގދ. ނަޑެއްލާ އަތަމާގެ އިބްރާހިމް ނާފިޒް (ޗިކާ): އޭނާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި.

މަނާކުރެވިފައިވާ މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށް ގދ. ނަޑެއްލާ އަތަމާގެ އިބްރާހިމް ނާފިޒް (ޗިކާ)ގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފި އެވެ.

ޗިކާއަކީ މަސްތުވާތަކެތި ޑީލް ކުރުމާއި ގޭންގްތައް ހިންގުމުގެ ބޮޑެއް ކަމަށް މީގެ ކުރިން ފުލުހުން ތުހުމަތު ކުރަމުން އައި މީހެކެވެ. އެހެން ނަމަވެސް، ފަހުން އޭނާ ފެންނަމުން ދިޔައީ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުންނެވެ.

ޗިކާގެ މައްޗަށް މަސްތުވާތަކެތި ވިޔަފާރީގެ ބޭނުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އުފުލާފައި ވަނީ 2008 ވަނަ އަހަރުގެ ތެރޭގައި ފުލުހުން އޭނާ ދިރިއުޅޭ މ. ހެޕީކޯނާގެ ބަލައި ފާސްކުރި އިރު އޭނާ ދިރިއުޅޭ ކޮޓަރީގެ އަލަމާރި މަތީގައި އޮތް ސިޓީ އުރައަކުން މަސްތުވާތަކެތި ފެނިފައިވާ މައްސަލައިގަ އެވެ.

ނަމަވެސް އެ ސިޓީ އުރައިން އޭނާގެ ފިންގާ ޕްރިންޓް ފެނިފައި ނުވާތީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވަނީ ތާއީދު ކޮށްފަ އެވެ.

ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައި ވަނީ މީގެ ހަތް އަހަރު ކުރިން، އޯގަސްޓް، 2، 2012 ގައެވެ. އޭނާގެ ކުށް ސާބިތު ނުވާކަމަށް ހައިކޯޓުން ކުރި ހުކުމަށް ތާއީދުކޮށް ސުޕްރީމް ކޯޓުން މައްސަލަ ނިންމާފައި ވަނީ މިއަދެވެ.

ފުލުހުން އޭނާގެ ކޮޓަރިން މަސްތުވާތަކެތި ހޯދާފައި ވަނީ މާޗް،22 ،2008 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އެ ރޭ ދަންވަރު 1:45 އެހާކަންހާ އިރު އޭނާ ކޮޓަރިތެރޭގައި ހުއްޓައި އެތަން ފާސްކޮށްގެންނެވެ.

ކްރިމިނަލް ކޯޓުން 2008 ގައި ކުރި ހުކުމްގައި ބުނެފައި ވަނި ޗިކާ ދިރިއުޅޭ ކޮޓަރިން މަސްތުވާތަކެތި ފެނުނު ނަމަވެސް، މަނާ ކުރެވިފައިވާ މަސްތުވާއެއްޗެއް ވިޔަފާރިކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އޭނާގެ މައްޗަށް ސާބިތުވާ ވަރަށް ތަފާތެއް ނެތް ފުރިހަމަ ހެއްކާއި ހަރުދަނާ ގަރީނާ ލިބިފައި ނުވާތީ، އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ޗިކާގެ ކޮޓަރިން ފެނުނު މަސްތުވާތަކެއްޗާ ރ. މަޑުއްވަރީ މުޝްތަރީގޭ ހަސަން ސޮބާހު ވަނީ ހަވާލުވެފަ އެވެ.

ކްރިމިނަލް ކޯޓުން ނާފިޒްގެ މައްޗަށް ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ކޮށްފައި ވަނީ މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ ހަށިގަނޑުން ކަމަށް ނުވާތީ އާއި، އޭނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ނުވާތީއާއި، އޭނާގެ މަސްތުވާތަކެތީގެ ރެކޯޑެއް ނެތުމާއި، ކޮޓަރިން ފެނުނު މަސްތުވާތަކެތި ތަހުލީލުކުރި އިރު އޭނާގެ ފިންގަޕްރިންޓް ނަގާފައި ނުވާތީ އާއި ނާފިޒުގެ ކޮޓަރިން ސިޓީއުރަ ފެނުނު ތިން މީހުންނަށް އެ ސިޓީއުރަ އޮތް ނެތްގޮތް ތަފާތެއް ނެތި ބުނެދެވިފައި ނުވާތީ އެވެ.

އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ފާހަގަކުރި ނުކުތާތަކުގެ ތެރޭގައި، މީހެއްގެ ހިޔާޒަތުގެ ދަށުގައި ހުރި އެއްޗެއްގެ ތެރެއިން ފެނިފައިވާ މަސްތުވާތަކެއްޗާ ބެހޭ ގޮތުން ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ޒިންމާ ނަގާނެ އެހެން ފަރާތެއް ދެއްކޭ ހާލަތުގައި އެމީހެއްގެ ހިޔާޒަތުގެ ދަށުން މަސްތުވާތަކެތި ފެނުނު މީހާ އެހުރީ، އެކުށެއް ކޮށްފައިކަމާމެދު ޝަރުއީ އަދި ގާނޫނީ ގޮތުން ސުވާލު އުފެދޭނެ ހާލަތެއްގައި ކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން، މަސްތުވާތަކެތި ފެނިފައި ވަނީ ނާފިޒްގެ ހަށިގަނޑުން ނުވަތަ އޭނާ ބަންދުކޮށްގެން ގެންގުޅޭ ފޮށި، އަލަމާރި އަދި ވަތްގަނޑަކުން ކަމަށް ނުވާއިރު، އަދި އެ ކޮޓަރިއަކީ އޭނާގެ ރައްޓެހިން ވެސް ވަދެ ނުކުމެ ހަދާތަނަކަށް ވާއިރު، އަލަމާރި މަތީގައި ސިޓީއުރަ ބޭއްވުމަކީ އެހެން މީހަކު ވެސް ކޮށްފާނެ ކަމެއް ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ޗިކާގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހައިކޯޓުން ކުރި ހުކުމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ތާއީދުކޮށްފަ އެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވައި ހުކުމް ކުރެއްވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު ހުސްނުއްސުއޫދެވެ.

comment ކޮމެންޓް