އިންޑިއާ ސިއްސުވާލި ރޭޕިސްޓުންނަށް މަރުގެ އަދަބު ދިނުން ފަސްކޮށްފި

2012 ވަނަ އަހަރު ދިއްލީގައި ހިންގި ރޭޕްގެ ޖަރީމާގެ ކުށް ސާބިތުވެގެން ދަންޖައްސަން ހުކުމްކޮށްފައިވާ 4 މުޖްރިމުން

ނިއުދިއްލީ (19 ޖަނަވަރީ 2020) : ދެހާސް ބާރަ ވަނަ އަހަރު އިންޑިއާގައި ހިންގި އެގައުމު ސިއްސުވާލި ރޭޕްގެ ޖަރީމާގެ ކުށް ސާބިތުވެގެން މަރަން ހުކުމްކޮށްފައިވާ ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުން ފަސްކޮށްފި އެވެ.

އެ ހަތަރު މީހުން ދަންޖައްސައިގެން މެރުމަށް ނިއުދިއްލީގެ ކޯޓަކުން ކުރިން ނިންމާފައިވާ ތާރީޚަކީ މި މަހު 22 ވަނަ ދުވަހެވެ. ނަމަވެސް ބައެއް މައްސަލަތަކާ ގުޅިގެން އެކޯޓުން ފަހުން ނިންމާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެ މީހުން ދަންޖައްސައިގެން މެރުމަށެވެ.

ދެހާސް ބާރަ ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 16 ވަނަ ދުވަހުގެ ރޭ ދިއްލީގެ ނިރްބަޔާ އަވަށުގެ ފަސިންޖަރު ބަހެއްގައި އެހަތަރު މީހުންވެގެން 23 އަހަރުގެ ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި ޖަރީމާއަކީ މުޅި އިންޑިއާއަށް ކުއްލި ސިހުމެއްލިބިގެންދިޔަ ޖަރީމާއެކެވެ. އެއާއެކު އެމީހުންނަށް މަރުގެ އަދަބު ދިނުމަށާއި ރޭޕު ކުރާ މީހުންނަށް ދޭ އަދަބުތައް ހަރުކަށި ކުރުމަށް ގޮވާލައި ސިލްސިލާ މުޒަހަރާތަކެއް މުޅި އިންޑިއާގައި ފެށިގެން ދިޔަ އެވެ.

މުޒާހަރާތަކާ އެކު އިންޑިއާގެ ޕާލަމެންޓުން ވަނީ ރޭޕާ ގުޅޭ ގާނޫނުތަކަށް ބޮޑެތި އިސްލާހުތަކެއް ގެނަސް އެޖަރީމާ ހިންގާމީހުންނަށް ދޭ އަދަބުތައް ހަރުކަށިކޮށްފަ އެވެ. އޭގެތެރޭގައި މަރުގެ އަދަބު ވެސް ހިމެނެ އެވެ. އެ ހަތަރު މީހުންނަކީ ގޭންގަކަށް ނިސްބަތްވާ ބައެއްކަމަށްވެ އެވެ. އެމީހުންނަކީ އަކްޝޭ ތަކޫރު، ވިނޭ ޝަރުމާ، ޕަވަން ގުޕްތާ އަދި މުކޭޝް ސިންގް އެވެ.

ދިއްލީގެ ރޭޕްގެ ގެ ޖަރީމާގެ ޝިކާރައަކަށްވި ޒުވާން އަންހެންކުއްޖާ ޖޮތީ ސިންގް ޕާންޑޭ

މި މައްސަލަބެލި އިންޑިއާގެ ކޯޓަކުން ބުނެފައި ވަނީ އެ ހަތަރު މީހުންނަށް މަރުގެ އަދަބު ދިނުމަށް މިހާރު ކަނޑައަޅާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ކަމަށާއި މަރުގެ އަދަބު ދޭ ތާރީޚަށް ބަދަލުގެންނަން ޖެހުނީ މަރުގެ ހުކުމް މުރާޖަޢާ ކޮށްދިނުމަށް އެދި އޭގެ ތެރެއިން އެކަކު އިންޑިއާގެ ރައިސް ރާމްނަތް ކޯވިންދަށް ކުރި އިލްތިމާސް އަކާ ގުޅިގެންކަމުގަ އެވެ. ކޯވިންދުވަނީ އޭނާއަށް އިލްތިމާސްކުރި މީހާގެ އަދަބު ލުއިކޮށް ނުދިނުމަށް ނިންމަވައިފަ އެވެ.

މި ޖަރީމާގެ ޝިކާރައަކަށްވި ޒުވާން އަންހެން ކުއްޖާ ވަނީ ރޭޕްގެ ސަބަބުން އޭނާގެ އެތެރެހައްޓަށް ލިބުނު އަނިޔާތަކުގައި މަރުވެފަ އެވެ. މި ޖަރީމާއާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރީ ހަ މީހުންނެވެ. އޭގެ ތެރޭގައި ހިމެނޭ ރާމް ސިންގް ވަނީ ޖަލުގައި ހައްޔަރުކޮށްފައި ވަނިކޮށް 2013 ވަނައަހަރު އޭނާ ވަނީ ޖަލުގައި އަމިއްލަ އަށް މަރުވެފަ އެވެ.

އިންޑިއާއަކީ މުޅި ދުނިޔޭގައި ވެސް އަންހެނުންނަށް އެންމެ ނުރައްކާތެރި އަދި ހައްގަކާނުލައި އަންހެނުންނަށް އެންމެބޮޑެތި އަނިޔާތައްލިބޭ އެމީހުންގެ ހަޔާތަށާއި ދިރިއުޅުމަށް އެންމެ ބިރުވެރި ގައުމެވެ. ރޭޕްގެ ޖަރީމާތައް އިންޑިއާގައި ހައްދު ފަހަނަޅައިގެން ގޮސްފައިވާ އިރު ކޮންމެ 20 މިނިޓަކުން އިންޑިއާގައި އަންހެނަކު ރޭޕް ކުރާ ކަމަށްވެ އެވެ. އަދި އިންޑިއާގެ ކަމާބެހޭ އިދާރާތަކަށް ރިޕޯޓް ކުރަނީ އޭގެތެރެއިން ވަރަށް މަދު ކޭސްތަކެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް