އީރާނުގެ ހަމަލާތަކުގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވިކަމަށް އެމެރިކާ އެއްބަސްވެއްޖެ

އީރާނުގެ މިސައިލް ހަމަލާތަކުގައި އެމެރިކާގެ މަރުކަޒަށް ލިބުނު ގެއްލުންތައް ބެލުމުގައި އެމެރިކާ ސިފައިންގެ ދެ މީހުން ހަރަކާތްތެރިވަނީ

ވޮޝިންޓަން (ޖަނަވަރީ 2020) : އީރާނުގެ އަސްކަރީ ޖެނެރަލެއް ކަމަށްވާ ގާސިމް ސުލައިމާނީ އަވަހާރަކޮށްލި ޖަރީމާއަށް ބަދަލުހިފުމުގެ ގޮތުން އީރާނުން ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 11 މީހުން ޒަޚަމްވިކަން އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ކަށަވަރުކޮށްދީފި އެވެ.

ސެންޓްރަލް ކޮމާންޑުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސުލައިމާނީ އަވަހާރަކޮށްލުމާ ގުޅިގެން އިރާގުގެ ޢައިނުލްއަސަދު ވައިގޭ ބޭހަށް މިމަހުގެ 8 ވަނަ ދުވަހު އީރާނުން ދިން ބަލިސްޓިކް މިސައިލް ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ 11 މީހުން ޒަޚަމްވެ އެ ބޭހަށް މާއްދީ ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމުގަ އެވެ. ޒަޚަމްވި އެމެރިކާގެ 11 ސިފައިންގެ ތެރެއިން 8 މީހުންނަށް ފަރުވާދިނުމަށް ޓަކައި ޖަރުމަނުގައިވާ އެމެރިކާގެ އަސްކަރީ ބޭހުގައި ހުންނަ ލޭންޑްސްޓުލް މެޑިކަލް ސެންޓަރަށް ގެންގޮސްފައިވާ ކަމަށާ އަނެއް ތިން ސިފައިންނަށް ފަރުވާދެނީ ކުވޭތުގެ އަރިފްޖާން ގައިވާ އެމެރިކާގެ އަސްކަރީ ބޭހުގެ މެޑިކަލް ސެންޓަރުގައި ކަމަށްވެސް އެ ބަޔާން ބުނެއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީޜާނުގެ ބަދަލުހިފުމުގެ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވިދާޅުވެ އެމެރިކާގެ ރައްޔިތުންނަށާ އަދި މުޅި ދުނިޔެއަށް ހަގީގަތް އޮޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ. އީރާނުގެ ޙަމަލާތަކާ ގުޅިގެން އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަން އިން ނެރުނު ބަޔާނުގައި ވެސް އެ ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ސަރީހަކޮށް ބުނެފައިވެ އެވެ. ނަމަވެސް އީރާނުގެ ހަމަލާގައި އެ މަރުކަޒަށް ބޮޑެތި ގެއްލުންތައް ލިބުނުކަމަށް އެވަގުތު ޕެންޓަގަން އިން އެއްބަސްވެފައިވެ އެވެ.

އެމެރިކާގެ މަރުކަޒަށް ޙަމަލާދިން އީރާނުގެ އިންގިލާބީ ލަޝްކަރުން ވަނީ އެމެރިކާ ސިފައިންގެ 80 މީހުން އެޙަމަލާގައި މަރުވިކަމަށް ބުނެފައެވެ. ރިވޮލިއުޝަނަރީ ގާޑުން އެހެންބުނިނަމަވެސް އެއީވެސް ހަގީގަތެއްކަން ކަށަވަރުވެފައެއް ނުވެ އެވެ. ނަމަވެސް އީރާނުން ބަދަލުހިފުމުގެ ޙަމަލާތައް ދިނީ އެމެރިކާ ސިފައިންނަށް މާބޮޑު ގެއްލުމެއް ނުލިބޭނެގޮތެއް މަތިންކަމަށް އަސްކަރީ ތަޖްރިބާކާރުން ވިދާޅުވެފައިވެ އެވެ. ޙަމަލާދިނުމުގެ ކުރިން އެކަން އީރާނުން އިރާގު ސަރުކާރަށް ރަސްމީކޮށް އަންގާފައިވެ އެވެ. އިރާގަށް އެކަން އެންގުމަކީ ނުސީދާ ގޮތެއްގައި އެމެރިކާ އަށް އެކަން އެނގި މީހުން ސަލާމަތް ކުރުމުގެ ފުރްސަތު ލިބިގެންދާނެކަމެއްކަން އީރާނަށް ކަށަވަރުވާނެ ކަމަށް އެފަރާތްތަކުން ބުނެފައިވެ އެވެ.

އެމެރިކާ ސިފައިންނަށް މާބޮޑު ގެއްލުންތަކެއް ނުލިބުނީ އައިނުލްއަސަދު ވައިގެ ބޭހުގައިވާ ބިންގަރާސްތަކަށް އެމީހުން ވަދެ ހިމާޔަތް ހޯދުމުގެ ސަބަބުން ކަމަށާ ނަމަވެސް އީރާނުގެ ޙަމަލާތަކުގައި ބިންގަރާސްތަކަށް ވެސް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އީރާނުން މިސައިލް ޙަމަލާދިނީ ސެޓަލައިޓުން އޭގެ އަމާޒު ހޯދައިގެން ޙަމަލާދޭ ބަލިސްޓިކް މިސައިލްތަކަކުންނެވެ. އެމެރިކާ ސިފައިންގެ 150 މީހުން އީރާނުގެ ޙަމަލާއިން ސަލާމަތްވުމަށް ބިންގަރާސްތަކަށް ވަންކަމާއި ޒަޚަމްވީ ބިންގަރާސްތަކަށް ނުވަދެ ތިބި ޑްރޯން އޮޕަރޭޓަރުންނާއި ގާޑުން ފަދަ މީހުން ކަމަށް ޚަބަރުތަކުން ހާމަވެފައިވެ އެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް