ޔައުގޫބުގެ ވާހަކަތަކަށް ދޮގުކޮށް އެމްއޭސީއެލް އިން ރައްދު ދީފި

ޓީއެމްއޭގެ ސީޕްލޭންތަކެއް --- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ތަރައްގީކުރާ އާ ސީޕްލޭން ޓާމިނަލް ޓީއެމްއޭ އަށް ވަރަށް އަވަހަށް ދޭނެ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ދެއްކެވި ވާހަކަފުޅަށް އެއާޕޯޓު ހިންގާ އެމްއޭސީއެލް އިން ރައްދު ދީފި އެވެ.

ސީޕްލޭން ޓާމިނަލް ވަރަށް އަވަހަށް ޓީއެމްއޭއާ ހަވާލުކުރާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި، ދައުލަތަށް ގެއްލުންވާ ގޮތަށް ޓާމިނަލް ދީފި ނަމަ އެބަޔަކު ޖަވާބުދާރީ ކުރަން ފަސްނުޖެހޭނެ ކަމަށް ބުނެ ޔައުގޫބު ވަނީ ޓްވީޓެއް ކުރައްވައިފަ އެވެ. ޔައުގޫބު ވިދާޅުވީ "މާލިއްޔަތު ކޮމިޓީން މިކަން ބަލައި ފިޔަވަޅު އަޅާނަން،" ކަމަށެވެ.

ޔައުގޫބުގެ މި ޓްވީޓު މީޑިއާތަކުން ރިޕޯޓު ކުރުމާ ގުޅިގެން އެކަމަށް ރައްދުދީ އެމްއޭސީއެލް އިން އިއްޔެ ކުރި ޓްވީޓެއްގައި ބުނީ އެންމެ މީހަކު ކުރާ ތުހުމަތެއްގެ މައްޗަށް ބިނާކޮށް އިތުބާރު ނުހިފޭ ހަބަރު ފެތުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ ސީޕްލޭން ޓާމިނަލް އާ ގުޅޭގޮތުން އެ ކުންފުނިން އަމަލު ކުރާނެ ގޮތް މީޑިއާ އަށް ހާމަކޮށްފައިވާނެ ކަމަށާއި ކުންފުނީގެ ސްޓޭންޑު އަދިވެސް އޮތީ އެގޮތަށް ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު އެމްއޭސީއެލް އިން ނެރުނު ބަޔާނެއްގައި ބުނީ އާ ސީޕްލޭން ޓާމިނަލް އާއި ވީވީއައިޕީ އިމާރާތް ހިންގާ ބަލަހައްޓާނީ އެކުންފުނިން ކަމަށެވެ. ނަމަވެސް އެކި އެކި ސީޕްލޭން އޮޕަރޭޓަރުންގެ އޮޕަރޭޝަން ހިންގާނީ، އޮޕަރޭޝަނަށް ބޭނުންވާ ޖާގަ އެޓާރމިނަލްއިން ކުއްޔަށް ހިފައިގެން ކަމަށެވެ.

އެމްއޭސީއެލް އިން ބުނީ އެ ކުންފުންޏާއި ސީޕްލޭން އޮޕަރޭޓަރުންނާއި ދެމެދު ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް މަޝްވަރާތަކެއް ކުރެވުނު ކަމުގައި ވީނަމަވެސް މިހާތަނަށް އައި އިރު، އެއްވެސް އޮޕަރޭޓަރަކާއެކު އާ ސީޕްލޭން ޓާމިނަލްއިން ޖާގަ ކުއްޔަށް ދިނުމަށް އެއްބަސްވެވިފައެއްނުވާ ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ އިރުޝާދުގެ މަތިން މިވަގުތު އެ މަޝްވަރާތައް މަޑުޖައްސާލާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެކުންފުނިން ބުނިގޮތުގައި 26 މިލިއަން ޑޮލަރު ހަރަދުކޮށްގެން އިމާރާތް ކުރާ އެ ކޮމްޕްލެކްސްގައި ހަތަރު ފަންގިފިލާގެ ޓާމިނަލް ފަރުމާ ކުރެވިފައިވަނީ މަލްޓި އޮޕަރޭޓަރުންނަށް މަސައްކަތްކުރެވޭ ގޮތަށެވެ. އެ އިމާރާތުގެ މަސައްކަތް ފުރިހަމަކުރުމަށްފަހު އެތަން އަންނަ މެއި މަހު ބޭނުން ކުރަން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

https://sun.mv/129059

އެމްއޭސީއެލް އިން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހަދާފައިވާ އާ ރަންވޭ އޮޕަރޭޓްކުރަން ފެށުމަކީ އެއާޕޯޓުގެ އޮޕަރޭޝަނަށް މިވަގުތު ވަރަށް މުހިންމު ކަމެއް ނަމަވެސް އާ ރަންވޭ އޮޕަރޭޓްކުރެވެން އަންނަނީ މިވަގުތު ރަންވޭއާއި އިންވެގެން ހުރި ޓީއެމްއޭގެ ފެސިލިޓީސްއާއި އެ ސަރަހައްދުގައިވާ އެހެނިހެން އިމާރާތްތައް ހުސްކޮށްގެން ކަމަށެވެ.

ޓީއެމްއޭގެ އިމާރާތްތައް ފިޔަވައި އެހެނިހެން އިމާރާތްތައް ކުރިއަށް އޮތް ދެ މަސް ތެރޭގައި ހުސްކުރުމަށް ހަމަޖެހިފައިވާ ކަމަށާއި ނަމަވެސް، ޓީއެމްއޭގެ އިމާރާތްތައް ހުސްކުރެވެން އަންނަނީ މިވަގުތު މަޑުޖައްސާލެވިފައިވާ މަޝްވަރާތަކަށް ހައްލެއް ލިބި، ޓީއެމްއޭގެ ފެސިލިޓީސްތައް ރިލޮކޭޓް ކުރެވިގެން ކަމަށް އެމްއޭސީއެލް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ސީޕްލޭން ޓާމިނަލް ދައުލަތަށް ގެއްލުންވާގޮތަށް ވަކި ކުންފުންޏަކަށް ދޭންއުޅޭ މައްސަލަ ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ މައްސަލައެެއް ހުށަހަޅައިފަ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޗައިނާގެ ބީޔޫސީޖީ އާއެވެ. ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ޑޮލަރެވެ.

އާ ސީޕްލޭން ޓާމިނަލްގެ އޮޑިޓުން ދަައްކާ ގޮތުން ސީޕްލޭން ޓާމިނަލް އެމްއޭސީއެލް އިން ހިންގައިފި ނަމަ އެ ކުންފުންޏަށް ލިބޭ ފައިދާ ބޮޑުވާނެ އެވެ. އެގޮތުން އެ ޓާމިނަލް ހިންގައިގެން އެމްއޭސީއެލްގެ އާމްދަނީ 300 ގުނަ އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ޓީއެމްއޭއަށް ޓާމިނަލް ދޫކޮށްފި ނަމަ އެމްއޭސީއެލްއަށް އަހަރަކު 41 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް ރިޕޯޓުގައިވެ އެވެ.

https://sun.mv/129666

ސީޕްލެން ޓާމިނަލް ހިންގުމާ ގުޅޭ ގޮތުން އެމްއޭސީއެލްގެ އެކްޓިން އެމްޑީ މޫސާ ސޯލިހު މީގެ ކުރިން ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގާނީ އެމްއޭސީއެލް އިން ކަމަށެވެ. ނަމަވެސް މިހާރު ސީޕްލޭންގެ ހިދުމަތްދޭ ކުންފުނިތަކުންދޭ ހިދުމަތްތައް މެދުކެނޑޭނެ ގޮތަކަށް އާ ސީޕްލޭން ޓާމިނަލް އަށް އޮޕަރޭޝަންސް ބަދަލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލްގެ މަސައްކަތް ނިމޭ ގޮތަށް އެތަން އެމްއޭސީއެލް އިން ހިންގިޔަސް، މިހާރު ޓީއެމްއޭ އިން ހިދުމަތްދޭން ބޭނުންކުރާ ޓާމިނަލްތައް އެކުންފުނީގެ އަތުން އަތުނުލެވޭނެ ކަމަށާއި އަދި ޓީއެމްއޭއާ އެކު ހަދާފައިވާ އެގްރިމަންޓް ވެސް ހަމަނުވާ ކަމަށް މޫސާ ސޯލިހު ވަނީ ވިދާޅުވެފަ އެވެ.

ސީޕްލޭން ޓާމިނަމް ހިންގުމުގެ ގާބިލްކަން އެމްއޭސީއެލްގައި އެބަހުރި ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެސް ވަނީ ވިދާޅުވެފަ އެވެ.

މިހާރު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މޯލްޑިވިއަން އަދި މަންޓާ އެއާ އިންނެވެ. ފްލައިމީ އިން ވެސް ސީޕްލޭންގެ ހިދުމަތް ދޭން ފަށަން އުޅޭ ކަމަށް ވަނީ ވާހަކަ ދެކެވިފަ އެވެ.

comment ކޮމެންޓް