އެތެރެ ކުރާ މުދަލަށް ހިތުހުރި ފީއެއް، ބުރަ ރައްޔިތުންނަށް!

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނާ ޖަހާފައި-- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުޅި ރާއްޖެ ބިނާވެފައި ވަނީ، ބޭރުން ރާއްޖެ އެތެރެ ކުރާ މުދާ ނޫނީ އިމްޕޯޓަށެވެ. އެ މުދާ ރާއްޖެ އެތެރެ ކުރުމުގެ އެކި ފަށަލަތަކުގައި ހިނގާ ހަރަދާ އެއްވަރަށް މުދަލުގެ އަގު ބޮޑުވެ، އެ އަގު ދައްކަން ޖެހޭ ބަޔަކީ އާންމުންނެވެ. އިމްޕޯޓަށް ބަރޯސާވެފައިވާ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގައި މުދަލުގެ އަގު ބޮޑުވުމުގެ ޝަކުވާ އަބަދު ވެސް އޮވެ އެވެ. ދުނިޔޭގެ ބާޒާރުގައި މުދާ އަގު ހެޔޮވި ނަމަވެސް، ރާއްޖޭގައި އެ ބަދަލު ނުފެނިގެން އުޅެނީ ކީއްވެ ހެއްޔެވެ؟

ބައެއް މީހުންގެ ޖަވާބަކީ ދިވެހި ވިޔަފާރިވެރިން މާ ދަހިވެފައި ވިޔަފާރިއަށް މަކަރު ހެދުން ބޮޑީ އެވެ. އެ މީހުން ބޭނުން ވަނީ އާންމުން "ފެލައިގެން" ވެސް ބޮޑު ފައިދާއެއް ނަގައި ޖީބު ބޮޑު ކުރަން ކަމަށް ގަބޫލު ކުރެވޭ ކުރުމެއް އޮވެ އެވެ. އެކަމަކު ހަގީގަތް އޮތީ މުޅިންހެން ތިގޮތަކަށް ނޫނެވެ.

މުދާ އަގު ހެޔޮ ނުކުރެވުމުގައި ވިޔަފާރިވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ؛ ރާއްޖެއަށް މުދާ އުފުލަން އެހީވެދޭ، ފޯވާޑިން އޭޖެންޓުން ވިޔަފާރިވެރިން އަތުން ނަގާ ފީތައް އިންތިހާއަށް ބޮޑުވުމެވެ. ބައެއް ވިޔަފާރިވެރިންގެ ނަޒަރުގައި އެ މީހުން އެކި ނަންނަމުގައި ހާހުން ލައްކައިން ފީތައް ނަގަމުން ދަނީ ޓްރާސްޕޯޓްގެ ގަވައިދާ ހިލާފަށެވެ. މި ގޮތަށް ނަގާ ފައިސާގެ ބޮޑު ބައެއް ރާއްޖޭގެ އިގްތިސާދުގައި ދައުރު ނުވެ، އަވަށްޓެރި ސިލޯނަށް އެ ފައިސާތައް ބޭރުވާތީ، ރާއްޖޭގެ ވިޔަފާރިވެރިންގެ ޝަކުވާ ބޮޑެވެ.

އެމްޕީއެލް ސަރަހައްދު-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް މުދާ އެތެރެކުރަނީ އެފްއޯބީ (ފްރީ އޮން ބޯޑް) ނުވަތަ ސީއައިއެފް (ކޯސްޓް، އިންޝުއަރެންސް، ފްރައިޓް) ކޮންޓްރެކްޓެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގައި ބުނާ ގޮތުން ފްރައިޓް ފީ ފިޔަވައި އިތުރު ފީއެއް މުދާ އެތެރެ ކުރާ ވިޔަފާރިން ފޯވާޑިން އެޖެންޓް ނަގައިގެން ނުވާނެ އެވެ. އަދި އޭގެ ދަށުން ކަސްޓަމްސްއިން ހަދާފައިވާ ގަވައިދުގައި ވެސް މިކަން ކުރަން އަންގާފައި އޮތީ މިގޮތަށެވެ.

އެހެން ނަމަވެސް، ރާއްޖެއަށް އެތެރެކުރާ މުދަލުން ފޯވަޑިންގް އޭޖެންޓުން ދަނީ ތަފާތު އެކި ނަންނަމުގައި ފީތައް ނަގަމުންނެވެ. އޭޖެންޓުން ވިޔަފާރިވެރިންނަށް ފޮނުވާފައިވާ ބިލްތަކުގައި، އެޑްމިނިސްޓްރޭޭޓިވް ފީ އާއި ޝިޕްމަންޓް ޑިލޭ ފީއާ މިހެން ގޮސް އެތައް ފީތަކެއް ޖަހާފައި އޮވެ އެވެ.

ފީ ނަގަނީ ހިތަށް އެރި ގޮތަކަށް، ހަމަހަމަކަމެއް ނެތް!

ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެ ކުރާ ބައެއް ކުންފުނިތަކުގެ ވެރިން "ސަން"އަށް ވިދާޅުވި ގޮތުގައި އެކި ފޯވާޑިން އެޖެންޓުން އެއް ފީއެއް އެކި ކުންފުނިތަކުން ނަގަނީ އެކި އަގުގަ އެވެ. އަދި އެއް ކަމެއްގައި ނަގާ ފީއަށް އޮންނަނީ އެކި ނަންނަން ޖަހައިފަ އެވެ. ފީ ނެގުމުގައި ހަމަހަމަކަން އޮންނަނީ މުޅިން ގެއްލިފަ އެވެ.

އެއް ފޯވާޑިން އެޖެންޓް ފީ ނަގަނީ ސީލިންގް ޗާޖާއި އޮޕަރޭޝަން ކޮސްޓް ރިކަވަރީ އާއި އެޑްމިން ޗާޖުގެ ނަމުގަ އެވެ. އެކަމަކު އަނެއް އެޖެންޓް ޗާޖު ކުރަނީ، މުޅިން އެހެން ނަންނަމުގައި އެހެން ބާވަތުގެ ކަންކަމަށެވެ. ބައެއް ފަހަރު ފޮނުވާލާ އިންވޮއިސްތަކުގައި ދެ ކަމަކަށް އެކި ނަން ޖަހައިގެން، ތަކުރާރުކޮށް ފީ ނަގާފައި ވެސް އެބަހުރި ކަމަށް އެ ވިޔަފާރިވެރިން ވިދާޅުވި އެވެ.

އެބޭފުޅުން "ސަން"އަށް ފޯރުކޮށް ދިން އިންވޮއިންސްތަކަށް ބަލާއިރު ވެސް، މަންޒަރު ފެންނަނީ އެހެންނެވެ. ފޯވާޑިން އެޖެންޓުން ފީތައް ނެގުމުގައި އޮންނަނީ ހިތުހުރި ގޮތެކެވެ. އެބޭފުޅުންގެ ހިދުމަތަށް ވުރެ ބޮޑަށް ކޮންވީނިއަންސަށް އެ ފީތައް ނަގަނީ އެވެ.

ވިޔަފާރިވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް "ސަން"ގެ ޓީމާ ހިއްސާކުރަނީ-- ސަން ފޮޓޯ

ބައެއް ބިލްތަކަށް ބަލާއިރު، ބައެއް ފީތައް ނަގާފައި ހުންނަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ނޭނގެ އެވެ. އިނގިރޭސި ތިން އަކުރުގެ ފަހަތަށް "ފީ" ޖަހަލާފައި އޮންނަނީ ޗާޖެއް ނަގައިފަ އެވެ.

ފޯވާޑިން އެޖެންޓުން ނަގާ، މި ފީތަކުގެ ދުއްތުރާ ބޮޑުވެ އޭގެ ތަފްސީލްތައް ހޯދަން ވިޔަފާރިވެެރިން އޭޖެންޓުންނަށް ސިޓީ ވެސް ފޮނުވާފައި އެބަހުއްޓެވެ. ބައެއް ވިޔަފާރިވެރިންނަށް ސިޓީގެ ޖަވާބު މިއަދާ ހަމައަށް ވެސް ނުލިބޭއިރު، ބައެއް ވިޔަފާރިވެރިން ބުނީ އޭޖެންޓުން އެ ސިޓީއާ ހަވާލުވާން ދެކޮޅު ހަދާ ކަމަށެވެ.

ހައްލެއް ހޯދަން ޓަކި ނުޖަހާ ދޮރެއް ނެތް!

މި މައްސަލައާއި ގުޅިގެން ވިޔަފާރިވެރިން ވަނީ އެތައް ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ވެސް ޝަކުވާ ހުށަހަޅައިފަ އެވެ.

ވިޔަފާރިވެރިން ބުނި ގޮތުގައި، އެ ބައްދަލުވުންތަކުގައި މުދަލުގެ ޑެލިވަރީ އޯޑަރު ދޫކުރުމުގެ ކުރިން އެކި ނަންނަމުގައި އިތުރު ހަތް ފީއެއް ނަގަމުންދާ ކަމުގެ ޝަކުވާ ވިޔަފާރިވެރިން މިނިސްޓްރީއާ ހިއްސާކޮށްފައިވެ އެވެ.

ފޯވާޑިން އޭޖެންޓުން އެ ފީތައް ނެގި ނަމަވެސް، ރާއްޖޭގެ ޕޯޓުން ވެސް އަދި ކަސްޓަމުން ވެސް އެ ހިދުމަތްތަކަށް ފީތަކެއް ނުނަގާ އިރު، އެ ފީތައް ނެގިގެން ނުވާނެ ކަމަށް މިނިސްޓަރު ނަހުލާ ވެސް އެއްބަސްވެ ވަޑައިގަންނަވާ ކަމަށް ވިޔަފާރިވެރިން ވިދާޅުވި އެވެ.

"ސަން"އަށް ކޮޕީ ލިބިފައިވާ ސިޓީއެއްގައިވާ ގޮތުގައި ވިޔަފާރިވެރިންގެ ޝަކުވާތަކާ ގުޅިގެން މިނިސްޓަރު ނަހުލާ ވަނީ 2018ގެ ޑިސެމްބަރު މަހު ޓްރާސްޕޯޓް އޮތޯރިޓީގެ ސަމާލުކަމަށް އެ މައްސަލަ ގެންނަވައި، އެކަން ހުއްޓުވައި ދެއްވުމަށް އަންގަވައިފަ އެވެ. އަދި މުދަލުގެ ވެރިފަރާތުގެ އަތުން މުދަލުގެ ޑެލިވަރީ ދޫކުރުމުގެ ކުރިން، އީކޯ ޓާމަސްގައި ހުއްދަ ކުރާ ފީތަކަށް ވުރެ އިތުރު ފައިސާއެއް ފޯވަޑިން އޭޖެންޓް ވިޔަފާރި ވެރިޔާގެ އަތުން ނަގާ ނަމަ، އެކަން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް މިނިސްޓަރު އެދިވަޑައިގެންފައިވެ އެވެ.

ވިޔަފާރިވެރިން ވިދާޅުވި ގޮތުގައި، އެ އެންގުމާ އެކުވެސް އެކަމަށް ހައްލެއް ނުލިބޭތީ މިދިޔަ އަހަރުގެ ކުރީކޮޅު ޓްރާސްޕޯޓް އޮތޯރިޓީގެ ވެރިޔާ މަހުދީ އިމާދާ ބައްދަލުކޮށް ވެސް ޝަކުވާ ހުށަހެޅި އެވެ. އެކަމަކު، ވިޔަފާރިވެރިން ބުނަނީ ލިބުނީ އުންމީދީ ޖަވާބެއް ނޫން ކަމަށެވެ. މަހުދީ އިމާދު ވިދާޅުވި ކަމަށް ވަނީ، ވިޔަފާރިވެރިން އެ ބުނާ މައްސަލައިގެ ތަފްސީލެއް ނުލިބި އެކަން ހުއްޓުވެން ނެތް ކަމަށެވެ.

އޭގެ ފަހުން މިދިޔަ އަހަރުގެ އެޕްރީލްގައި، ޓްރާންސްޕޯޓް މިނިސްޓްރީއިން ކުރި އިއުލާނެއްގައި މުދާ އެތެރެކުރާއިރު ބޭނުންވާ ޑެލިވަރީ އޯޑަރު ދޫކުރުމުގެ ކުރިން ގަވާއިދާ ހިލާފަށް ނަގަމުން އައި ފީތައް ނެގުން ހުއްޓާލުމަށް އަންގާފައިވެ އެވެ. އަދި ނެގޭނީ ކޮން ފީތަކެއް ކަމާއި އިތުރު ފީއެއް ނެގޭނީ އެ އޮތޯރިޓީގެ ހުއްދައަކާ އެކު ކަމަށް ވެސް އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.

ވިޔަފާރިވެރިން މި މައްސަލަ އެމްޕީއެލްގެ ސަމާލުކަމަށް ގެނައުމުން އެމްޕީއެލް އިން ދޭ ހިދުމަތްތަކަށް ނަގާ ފީތަކުގެ ތަފްސީލު ހިމެނޭ ބަޔާނެއް އެކުންފުނިން އާންމުކުރި އެވެ. އަދި މުދާ އެތެރެކުރާ ފަރާތްތަކުން އެމްޕީއެލްއިން އިތުރު ހިދުމަތެއް ހޯދާފައިނުވާ ނަމަ، މުދާ ކްލިއާ ކުރަން އެމްޕީއެލްއިން އިތުރު އެއްވެސް ފައިސާއެއް ނުނަގާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެބަޔާނުން ސާފުވި ކަމަކީ، އެމްޕީއެލް އިން ދޭ ހިދުމަތްތަކަކަށް ފީތަކެއް ނަގާ ކަމަށް ބުނެ، ފޯވާޑިން އެޖެންޓުން އެކި ނަންމުގައި ފީތައް ނަގަމުން ދާކަމެވެ. އެކަމަކު އެ ފީތަކަކީ އެމްޕީއެލްއިން ހިލޭ ދޭ ހިދުމަތްތަކަށް، ފޯވާޑިން އެޖެންޓް އޮޅުވާލުމެއްގެ ތެރެއިން ނަގާފީ އެކެވެ.

އެމްޕީއެލްއިން ނެރުނު ނޫސްބަޔާން--

ޕޯޓްގެ އެންގުމާ އެކުވެސް، ގަވައިދާ ހިލާފަށް ފީ ނަގާ ނެގުމަކަށް ހުއްޓުމެއްނަ އެވެ. އޭގެ ފަހުން މިއަހަރުގެ މިއަދާ ހަމައަށް ވެސް އޭޖެންޓުން ވިޔަފާރިވެރިންނަށް ފޮނުވާ ބިލްތަކުގައި ނަގަން ނުޖެހޭ ފީތަކަށް ޗާޖުކޮށްފައި ހުރެ އެވެ. ކުރިއެކޭ އެއްވެސް ތަފާތެއް ނައެވެ.

ސަންރައިސް މޯލްޑިވްސް ޕވޓ. ލޓޑ. އިން ފޮނުވި އިންވޮއިސްއެއް---

މިސާލަކަށް؛ މަތީގައިވާ އިންވޮއިސްއާ އަކީ، ރާއްޖޭގައި ހަރަކާތްތެރިވާ ފޯވާޑިން އެޖެންޓެއް ކަމަށްވާ، "ސަންރައިސް މޯލްޑިވްސް" އިން "އަ މޭން މޯލްޑިވްސް" ކިޔާ ދިވެހި ކުންފުންޏަކުން މުދާ އެތެރެ ކުރުމުން ފޮނުވާފައިވާ ބިލެކެވެ. އެ ބިލުގައި، އެ ވަނީ އެތައް ނަމެއްގައި ބައިވަރު ބޮޑެތި ފީތަކެއް ނަގައިފަ އެވެ. މިފަދަ އެއްވެސް ފީއެއް ކަސްޓަމުން ވެސް އަދި ރާއްޖޭގެ ޕޯޓަކުން ވެސް ނުނަގަ އެވެ.

މި ކަމާ ގުޅިގެން، "ސަންރައިސް މޯލްޑިވްސް" އިން ވަނީ ސިޓީއެއް ފޮނުވައި އެ ފީތައް ނަގާއިރު އެމްޕީއެލްގެ ގަވާއިދަށް ރިއާޔަތް ކުރުމަށާއި ނަގަން ނުޖެހޭ ފީތައް އުނި ކުރުމަށް ފަހު އަލުން އިންވޮއިސް ފޮނުވުމަށް އެދިފަ އެވެ. އަދި މިއީ ތަކުރާރުކޮށް ދިމާވާ މައްސަލައެއް ކަން ފާހަގަކޮށް، އިންވޮއިސް އިސްލާހު ނުކޮށްފި ނަމަ މައްސަލަ ކޯޓަށް ވައްދާނެ ކަމަށް ވެސް އެ ސިޓީގައި ބުންޏެވެ.

އިންވޮއިސް އިސްލާހު ކުރަން އެދި ފޮނުވި ސިޓީއެއް--

ގަވާއިދާ އެއްގޮތަށް އިންވޮއިސް އިސްލާހު ކުރަން އެދި ފޮނުވި ސިޓީއަށް ޖަވާބު ނުދިނުމުން މިހާރު މި މައްސަލަ އޮތީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

މި މައްސަލާގައި ބައެއް އޭޖެންޓުން ގަބޫލު ކުރަނީ، އެ މީހުން ދޭ ހިދުމަތަކަށް ނަގާ ފީތަކަކީ ޓްރާންސްޕޯޓް އޮތޯރިޓީއަށް ރެގިއުލޭޓް ކުރެވޭނެ އެއްޗެއް ނޫން ކަމަށާއި ޓްރާސްޕޯޓުން މީގެ ކުރިން ހަދާފައިވާ ގަވާއިދުތަކުގެ އިހުތިސާސް އެ މީހުންނަށް ނުހިނގާނެ ކަމަށެވެ.

ވިޔަފާރިިންގެ ނަޒަރުގައި އެގޮތަށް ވާހަކަ ދައްކައި "ގަދަކަން" ދައްކަން ފޯވާޑިން އެޖެންޓުންނަށް ފުރުސަތު ލިބެނީ، ގަވައިދާ ހިލާފަށް ފީ ނެގުމުން ފިޔަވަޅު އެޅޭނެ ކަމަށް ގަވާއިދުގައި ބުނެފައި އޮތް ނަމަވެސް، އެ ފިޔަވަޅު އަޅަމުން ނުގޮސް، އެ މީހުން ހިތުހުރި ގޮތަކަށް ކަންކުރަން ދޫކޮށްލާފައިވާތީ އެވެ.

ފީ ނުދެއްކިޔަސް ގެއްލުން، ދެއްކުން ނޫން ގޮތެއް ނެތް!

ފޯވަޑިންގް އޭޖެންޓުން ވިޔަފާރިވެރިން އަތުން ނަގަން ނުޖެހޭ ފީތަކެއް ނަގަމުން އަންނައިރު، މި ފީ ނުދައްކަން ކިތަންމެ މަސައްކަތެއް ކުރިޔަސް ނުދައްކާ ސަލާމަތްވާނެ ގޮތެއް ވިޔަފާރިވެރިންނަކަށް ނޯވެ އެވެ. ސަބަބަކީ ކޮންޓެއިނަރު ބާލާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި ކްލިއާ ނުކޮށްފި ނަމަ، ޑެމަރޭޖްގެ ގޮތުގައި އިތުރުވާ ކޮންމެ ދުވަހަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހޭތީ އެވެ. އެއަށް ވުރެ ލަސްކޮށްފި ނަމަ، އެ ގެއްލުން ބޮލުގައި އަޅަން ޖެހޭނެ ބަޔަކީ ވިޔަފާރިންނެވެ. އެހެންވެ، ބުނި އަގެއް ދީގެން އެ މުދާ ކުލެއާ ކުރުން ނޫން ގޮތެއް ނޯވެ އެވެ.

އޭޖެންޓުން ވިޔަފާރިވެރިން އަތުން ނަގާ އެއްޗެއް ނަގައި ނިންމާލަނީ މި ބުނި 10 ދުވަހުގެ މުއްދަތެއްގެ ތެރޭގަ އެވެ. މި މައްސަލައިގައި ވިޔަފާރިވެރިން ކަމާ ބެހޭ ފަރާތްތަކަށް ފޮނުވާ ސިޓީއެއްގެ ޖަވާބު ލިބޭއިރު، އެ މުއްދަތު ފަހަނަ އަޅައި ގޮސް، ޑެމަރޭޖަށް އޮންނާނީ އަތް ނުފޯރާ އަދަދެއް އަރައިފަ އެވެ. އެހެން ވީމާ ވިޔަފާރިންނަށް އޮތީ މަޖުބޫރެކެވެ.

މިއީ ބަޔަކު ޖެއްސި ދަންތުރައެއް!

ފުޅާދާއިރާއެއްގައި ރާއްޖެއަށް މުދާ އެތެރެކުރާ ކުންފުންޏެއްގެ ވެރިއަކު "ސަން" އަށް ވިދާޅުވި ގޮތުގައި މި ކަމެއް ފެށިގެން އައީ އެމްޕީއެލްގެ ތެރެއިންނެވެ. އެގޮތުން މީގެ ތިން ވަރަކަށް އަހަރު ކުރިން އެމްޕީއެލް ބަނދަރުގެ އިކުއިޕްމަންޓްތަކަކާއި މެޝިނަރީތަކެއް ހަލާކުވުމުގެ ސަބަބުން ބަނދަރަށް ބާރުބޮޑުވެ، އިތުރު ފީތަކެއް އޭރު އެމްޕީއެލްއިން ނަގަން ފެށި ކަމަށް ވިޔަފާރި ވެރިޔާ ވިދާޅުވި އެވެ. އެ ހިސާބުން، ފޯވާޑިން އެޖެންޓުން އެކި ނަންނަމުގައި ފީތައް ނަގަން ފެށީ އެވެ. މިއީ މައްސަލައިގެ ފެށުމެވެ.

"އޭރު އެމްޕީއެލްއިން ނެގި ފީތައް ފަހުން އޭޖެންޓުން ރަނގަޅަށް އިމްޕްލިމެންޓު ކުރަން ފެށީ. އެންމެ ފުރަތަމަ އޭޖެންޓުން ފީ ނަގަން ފެށީ "އެމްޕީއެލް ޗާޖަސް"ގެ ނަމުގައި. އެއީ ގާތްގަނޑަކަށް ކޮންޓެއިނަރަކުން 200-300 ވަރަކަށް ޑޮލަރު،" ވިޔަފާރިވެރިޔާ ވިދާޅުވި އެވެ.

އެތައް މިލިއަން ރުފިޔާއެއް ބޭރުވަނީ ސިލޯނަށް!

މި މައްސަލައިގައި "ސަން"އާ މައުލޫމާތު ހިއްސާކުރި ހުރިހާ ވިޔަފާރިވެރިން ވެސް ވިދާޅުވި ގޮތުގައި، އޭޖެންޓުންނަކީ ސީދާ ސިލޯނާ ގުޅިފައި ތިބި ކުންފުނިތަކެކެވެ. އެ މީހުންގެ ހަގީގީ ހިއްސާދާރުންނަކީ ސިލޯނު މީހުންނެވެ. ދިވެއްސެއްގެ ނަމުގައި ވިޔަފާރި ރަޖިސްޓްރީކޮށް މުޅި ވިޔަފާރި ކޮންޓްރޯލް ނަގާފައި ވަނީ އެ މީހުންނެވެ.

"ދިވެހި އޭޖެންޓުން މީގެ ތެރެއަށް ވަދެގެން މިއުޅެނީ އިހަކަށް ދުވަހު. މިއުޅޭ ސުޕަ ލޮގިސްޓިކްސްއަކާ ސަންރައިސްއަކާ ޓީޓީއެސްއާ މިއީ އަސްލު ކުރިން އެއް ކުންފުންޏެއް. ދަ ސިލްވާ ކޮމްޕެނީއޭ ކިޔާނީ. މިހާރު މި އޮޕަރޭޓް ކުރަނީ ތިން ނަމެއްގައި، ތިން ކުންފުނީގެ ގޮތުގައި." ވިޔަފާރިވެރިއަކު ވިދާޅުވި އެވެ.

އެހެން ވިޔަފާރިވެރިއަކު ވިދާޅުވީ، ލޮޖިސްޓިކްސްގެ މަސައްކަތުގައި ލަންކާ މީހުންނަކީ ވަރަށް ކުރީގައި އުޅޭ ބައެއް ކަމަށާއި ގިނަ ކުންފުނިތަކުގެ ލޮޖިސްޓިކްސް އަދި ފްރައިޓް ފޯވަޑިންގް ބައިގެ ވަޒީފާތަކުގައި އުޅޭނީ ލަންކާ މީހުން ކަމަށެވެ. އެހެންވެ، އެ މީހުންގެ ނުފޫޒު ލޮޖިސްޓިކް ކުންފުނިތަކުގައި ގަދަ އެވެ.

ގިނަ ވިޔަފާރިވެރިން ވިދާޅުވި ގޮތުގައި އޭޖެންޓުން ގުޅިގެން ހިންގާ މި ޖަރީމާގައި ރާއްޖޭގެ އިގްތިސާދުން ބޭރުވަނީ ކިތައް މިލިއަން ޑޮލަރު ކަމެއް ސަރުކާރަކަށް ވެސް ނޭނގޭނެ އެވެ. ވިޔަފާރިވެރިން ބުނީ އެންމެ ކޮންޓެއިނަރަކަށް ވެސް 15،000 ވަރަކަށް ޑޮލަރު އެމީހުން އަތުން އޭޖެންޓުން ޗާޖުކޮށްފައި ހުންނަ ކަމަށެވެ. ބައެއް ފަހަރު ފްރައިޓުގެ އަގަށްވުރެ އޭޖެންޓުން ނަގާ ފީތަކުގެ އަގު ބޮޑު ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ފާހަގަކުރި އެވެ. އެކަމަކު އެއީ ދެކޮޅު ޖެހޭ ކަމެއް ނޫނެވެ.

އަހަރެއްގެ މުއްދަތުގައި އެތެރެކުރާ ހުރިހާ މުދަލަކުން ނަގާ މިފަދަ ފީތައް ހިސާބުކުރާއިރު، ބައެއް ވިޔަފާރިވެރިން އަތުން 140 މިލިއަނެއްހާ ޑޮލަރު މިޒާތުގެ ފީތަކަށް ހަރަދު ކުރަން ޖެހިފައިވާ ކަމަށް ވިޔަފާރިވެރިން ފޯރުކޮށްދިން ތަފާސްހިސާބުތަކުން ދައްކަ އެވެ.

އެއަށް ވުރެ ގިނައިން ވެސް ބައެއް ވިޔަފާރިވެރިން އަތުން ހަރަދުވެފައި ހުރިއިރު، ހުރިހާ އަދަދުތަކެއް އެއްކޮށްލާއިރު ގައުމުން ބޭރުވާ ފައިސާގެ އަދަދު 700 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ވިޔަފާރިވެރިން ލަފާ ކުރެ އެވެ.

މިހާ ގިނަ އަދަދަކަށް ވިޔަފާރިވެރިން އަތުން ގަވައިދާ ހިލާފަށް ނަގާ ފައިސާގެ ކަންކަން ނުހުއްޓި އިގްތިސާދަށް ގެއްލުން ވުމަކީ ވިޔަފާރިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. އެ މީހުން ބުނަނީ އަދި މިއީ ހަމައެކަނި ވިޔަފާރިވެރިންނަށް ލިބޭ ގެއްލުމެއް ނޫން ކަމަށެވެ. މީގެ އަސްލު ގެއްލުން ތަހައްމަލް ކުރަން ޖެހޭ ބަޔަކީ، މުޅި ގައުމުގެ އިގްތިސާދާއި އާންމު ރައްޔިތުންނެވެ.

އެތެރެކުރާ މުދަލުން ނަގަން ނުޖެހޭ މިފަދަ ފީތަކެއް ނެގުމުން ބޮޑުވާ މުދަލުގެ އަގު ދައްކަން ޖެހެނީ އާންމުންނެވެ. ބާޒަރަށް މުދާ ނެރޭ އިރު ވިޔަފާރިވެރިން އަގު ޖަހަނީ، އެ މީހުން މުދާ ރާއްޖެ ގެނެސް، ފިހާރައިގެ ހަރުގަނޑުގައި މުދާ ޖެހުމަށް ހިނގި ހުރިހާ ހަރަދެއް ހިމަނައިގެންނެވެ. އެ ހަރަދުގެ ބޮޑު ބަޔަކީ، ފޯވާޑިން އެޖެންޑުންނަށް ދައްކަން ޖެހޭ ނުބައްދަލު ފީތަކެވެ. ވިޔަފާރިވެރިންގެ ސުވާލަކީ؛ މި ބޭއިންސާފަށް ހައްލެއް އަންނާނީ ކޮން އިރަކުން ހެއްޔެވެ؟ އޭޖެންޓުންގެ މި ދަންތުރައިން ސަލާމަތް ވާނީ ކޮންއިރަކު ހެއްޔެވެ؟

comment ކޮމެންޓް