ތިލަދުންމަތި ދަތުރުގައި 1،400 އަށްވުރެ ގިނަ ގެއަށް ޒިޔާރަތްކުރެވުނު: ނަޝީދު

އެމްޑީޕީން ތިލަދުންމައްޗަށް ކުރި ދަތުރުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ/ އެމްޑީޕީ

ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ތިލަދުންމަތި ދަތުރުގައި 1،400 އަށްވުރެ ގިނަ ގޭގެއަށް ޒިޔާރަތްކޮށް ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރެވުނު ކަމަށް އެޕާޓީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށި އެމްޑީޕީ ތިލަދުންމަތި ދަތުރު ކުޅުދުއްފުށީ ސިޓީން ނިންމާލައްވާ މާލެ ވަދައިގަތުމަށްފަހު، ރައީސް ނަޝީދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދަތުރުގައި ތިލަދުންމަތީގެ 10 ރަށަކަށް ދެވި، އެކި ފަންނުގެ މީހުންނާއެކު ކާމިޔާބު މަހާސިންތާއެއް ބޭއްވުނު ކަމަށެވެ.

"އަޅުގަނޑުމެންގެ ދަތުރުގައި 1،400 އަށް ވުރެ ގިނަ ގޭގަށް ދެވުނު. ކޮންމެ ގެއަކުން 10-15 މީހުންނާ ބައްދަލުވެވުނު. އަދި ކޮންމެ ރަށެއްގައި ކަންމަތީ ބައްދަލުވުން ބޭއްވުނު،" ދަތުރު ނިންމަވާލުމަށްފަހު މާލެ ވަޑައިގެން އެމްއެމްއޭ ކައިރީ ހުންނަވާ ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ އެކި އެކި ގުނަވަންތައް އަދި ރަށްރަށުގެ ކައުންސިލްތައްވެސް ހިމެނޭ ގޮތަށް ބޭއްވި މަހާސިންތާއާ ގުޅޭ ގޮތުން އެމަނިކުފާނު ވިދާޅުވީ، އެ މަހާސިންތާގައި ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

"[މަހާސިންތާއަކީ] ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އަޅުގަނޑުމެން ފަށާ މަސައްކަތެއް. އެއާއެކު މަޝްރޫއުތަކާއި ސަރުކާރުގެ އެކި އެކި ހަރަކާތްތައް އަތޮޅުތަކުގައި ހިންގާ އިރު، ޕާޓީގެ ފަރާތުން ހުރިހާ އެއްބާރުލުމެއް ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އަމާޒެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީ ދެމިއޮންނާނީ ސަރުކާރު ޖަވާބުދާރީ ކުރުމާއެކު ސަރުކާރަށް އެއްބާލުން ދިނުމުގައި ކަމަށެވެ.

އެމްޑީޕީން "ތިލަދުންމަތި އިރުވައި ކޮންފަރެންސް" ނަމުގައި އިއްޔެ ބޭއްވި މާހާސިންތާގައި ކައުންސިލްތަކުން ވަނީ އެ ކައުންސިލްތަކުން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކުގެ ހިޔާލު ހުށަހަޅުއްވާފައެވެ. އެ ހިޔާލުތައް އަޑުއެއްސެވުމަށްފަހު ރައީސް ސޯލިހް ވަނީ، އެ ޕްރޮޖެކްޓްތައް ފެށުމުގެ އަމަލީ މަސައްކަތް ކައުންސިލް އިންތިހާބުގެ ކުރިން ފައްޓަވައިދެއްވާނެ ކަމަށެވެ.

comment ކޮމެންޓް