ފެންފުށީގެ ފަތުރުވެރިކަން ކުރިއަރުވަން މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވަނީ

އދ. ފެންފުށި.. ފޮޓޯ/ސިއްޓެ

އދ. ފެންފުށީގެ ގެސްޓްހައުސްތަކާއި އެ ރަށުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށްޓަކައި މޫދު ކުޅިވަރު ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ކައިޓް އެންޑް ޑައިވް ވިލެޖުން އިސްނަގައިގެން ރާއްޖޭގެ ވޯޓާ ސްޕޯޓްސްގައި ފުންނާބު އުސް ފަރާތްތަކާއެކު މި މަހުގެ 17 އަދި 18 ވަނަ ދުވަހު ބާއްވާ "ފެންފުށީ ވޯޓާ ސްޕޯޓްސް ފެސްޓިވަލް 2020"ގައި މޫދު ކުޅިވަރުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފަ އެވެ.

އާންމުކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން ކުރިއަށްގެންދާ މި ފެސްޓިވަލްގެ މައިގަނޑު ހަރަކާތްތައް ކަމަށްވާ ކައިޓް ބޯޑިންގް، ފްލައި ބޯޑިންގް އަދި ޕެރަސެއިލިންގްގައި އެއްވެސް އަގަކާ ނުލައި، ބޭނުން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭނެ އެވެ.

އެ އިވެންޓުގެ ތެރެއިން ޖެނުއަރީ 17 ވަނަ ދުވަހު ފްލައިބޯޑިންގް، ޕެރަސެއިލިންގް އަދި ކައިޓް ބޯޑިންގް ޝޯއެއް ފެންފުށީ ބަނދަރުގައި އޮންނާނެ އެވެ. އަދި ކައިޓްބޯޑިންގްގެ ހުނަރުތަކާއި ބޭސިކް ޓްރެއިނިންގް ދިނުމުގެ ހަރަކާތެއް 18 ވަނަ ދުވަހު ފެންފުށީގެ ހުޅަނގު ތުނޑީގައި އޮންނާނެ އެވެ.

މޫދު ކުޅިވަރުތަކުގެ އިތުރުން ކައިޓް އެންޑް ޑައިވް ވިލެޖާއި ރީތި ކައިޓްސް އަދި އީސްޓް ވިންޑްސް ވޯޓާ ސްޕޯޓްސްއިން އިންތިޒާމުކޮށްގެން 18 ވަނަ ދުވަހުގެ ހެނދުނު ރަށު ތެރެ ސާފުކުރުމުގެ ހަރަކާތެއް ވެސް ކުރިއަށްގެންދާނެ އެވެ.

އެ ހަރަކާތުގައި ފެންފުށީ ޒުވާނުންގެ ދިރުން، ފެންފުށީ ޔޫތް ޑިވެލޮޕްމަންޓް އަދި އެ ރަށު ކައުންސިލާއި ސްކޫލުގެ އިތުރުން ފެރީ ހިދުމަތްދޭ ނީޝާ އެކްސްޕްރެސްއާއި އެ ރަށު ގެސްޓްހައުސްތަކުން ބައިވެރިވާނެ އެވެ.

ފެންފުށީގައި ބާއްވާ މޫދު ކުޅިވަރު ފެސްޓިވަލްގައި ފްލައިބޯޑިންގްއާއި ޕެރަސެއިލިންގް ކުރިއަށް ގެންގޮސްދެނީ އީސްޓް ވިންޑް ވޯޓާ ސްޕޯޓްސްއިންނެވެ. މީގެ އިތުރުން ރީތި ކައިޓްސް، ރާރުގުޑި، އެކުވެރި ހިޔާ އަދި ސިލިންގ ސްޕޮޓް ވެސް އެ ފެސްޓިވަލުގައި ބައިވެރިވާއިރު، އިތުރަށް ފުރިހަމަ ކުރުމަށްޓަކައި މިރިހި އައިލެންޑް ރިޒޯޓްގެ ލައިވް ޕާފޯމާ މުހައްމަދު އަލީގެ ލައިވް މިއުޒިކް ވެސް ފެނިގެންދާނެ އެވެ.

ފެންފުށީގައި މިވަގުތު ޖުމުލަ ދެ ގެސްޓްހައުސް ހިންގަމުން އަންނައިރު، އިތުރު ދެ ގެސްޓްހައުސް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ފެންފުށި އޮންނަ ސަރަހައްދަކީ ގުދުރަތީ ގޮތުން މުއްސަނދި އަދި ފަތުރުވެރިން ޝައުގުވެރިވާ ފަދަ ޑައިވިންގް ސްޕޮޓްތައް ގިނަ ސަރަހައްދެކެވެ.

އެގޮތުން ކުޑަރަށްތިލަ، ރީތިތިލަ، ސެވަންތު ހެވަން، ހުކުރުއެޅި ފަރު އަދި ދިއްދޫ ބޭރު ފަރު ފަދަ މަޝްހޫރު ޑައިވިންގް ސްޕޮޓްތަކަކީ ފެންފުށި ނިސްބަތްވާ އަރިއަތޮޅުގައި ހުންނަ ޕޮއިންޓްތަކެކެވެ.

މަޝްހޫރު ފެހުރިހި ޕޮއިންޓާއި ވައުލަށްމަޑި ޕޮއިންޓްތައް ވެސް އޮންނަނީ ފެންފުށި ހިމެނޭ ސަރަހައްދުގަ އެވެ.

comment ކޮމެންޓް