ޕްރޮޑަކްޝަންގެ ދަށުން ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ނެރުމަށް ތައްޔާރުވާ އާ ފިލްމު "ނީނާ"ގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް ސަން އޮންލައިން ހަމަޖައްސައިފި އެވެ.
ސަން މީޑިއާ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ދެ ފަރާތު މެދުގައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފަ އެވެ. އައިފިލްމްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އައިފިލްމްސް އުފެއްދި އިލްޔާސް ވަހީދު، އިއްލެ އެވެ. އަދި ސަން މީޑިއާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މާކެޓިން މެނޭޖަރު އަހުމަދު މުސްލިމެވެ.
އައިފިލްމްސް އާއި އިއްލެގެ ފުރަތަމަ ފީޗާ ފިލްމު ނެރެފައިވަނީ މިދިޔަ އަހަރު އެވެ. "ބަވަތި"ގެ ނަމުގައި ނެރެފައިވާ ސައިކޮލޮޖިކަލް ތްރިލާ ވެގެން ގޮސްފައިވަނީ މިދިޔަ އަހަރު ނެރުނު އެންމެ ވަރުގަދަ އެއް ފިލްމަށެވެ. އެއާއެކު މިހާރު ތައްޔާރުވަމުންދާ ދެވަނަ ފިލްމު "ނީނާ"ގެ ގިނަ މަސައްކަތެއް ދަނީ ކުރަމުންނެވެ.
ބަވަތިގެ ލީޑް ރޯލުންވެސް ފެނިގެންދާ ނުޒުހަތު ޝުއައިބަކީ ނީނާގެ ވެސް ލީޑު އެކްޓްރެސް އެވެ. އޭގެ އިތުރުން ނީނާއިން ދިވެހި ފިލްމު އިންޑަސްޓްރީއަށް މުޅީން އާ މޫނެއް ލީޑު ރޯލުން ތައާރަފުކުރާނެ އެވެ. އެއީ ޝަރަފު އަބްދުﷲ އެވެ. އޭގެ އިތުރުން ފިލްމު އިންޑަސްޓްރީގައި މިވަގުތު އެންމެ މަގުބޫލު އެއް އެކްޓަރު ކަަމަށްވާ ޖުމައްޔިލު ނިމާލުވެސް ނީނާގެ ލީޑުން ފެނިގެންދާނެ އެވެ.
އެ ތަރިންގެ އިތުރުން ފިލްމުން ފެނިގެންދާނީ ހަމްދާން ފާރޫގު، އަލީ ޔޫޝައު، ނާޖިހާ އަޒޫރު، އަލީ އިނާޒް، މުހައްމަދު އަލީ، ހަސަން ޝިނާންގެ އިތުރުން މަރިޔަމް ޝަކީލާ އާދަމްއެވެ.
މިއަދުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު މައުލޫމާތު ދެމުން އިއްލެ ބުނީ، އާ ފިލްމުގެ ޕްރޮޑަކްޝަން ޓީމުގައި ހިމެނޭނީ ބަވަތި ޓީމުގެ ފަރާތްތައް ކަމަށެވެ. އެގޮތުން ކެމެރާ އާއި މޭކަޕް އަދި ވިޜުއަލްސްގެ މަސައްކަތް ކުރާނީ ބަވަތި ޕްރޮޑަކްޝަން ޓީމުގައި ހިމެނޭ ފަރާތްތައް ކަމަށް އޭނާ ފާހަގަކުރި އެވެ.
އިއްލެ ބުނި ގޮތުގައި މިހާރު މަސައްކަތް ކުރަމުންދަނީ ލޮކޭޝަނެއް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން ލ. އަތޮޅުގެ ގުޅިފައިވާ ތިން ރަށް ހިމެނޭ ސަރަހައްދުން ވަކި ހާއްސަ ލޮކޭޝަނެއް ކަނޑައެޅުމަށް އަންނަ ހަފްތާ މަސައްކަތް ކުރާނެ ކަމަށް އޭނާ ބުންޏެވެ.
ފިލްމުގެ ބޮޑުބައެއްގެ ޝޫޓިން ލ. އަތޮޅުގައި ކުރިއަށްދާތީ ސައިޑް ރޯލުތަކަށް އެރަށުން އެކްޓަރުން ބޭނުންވާކަމަށް އިއްލެ ބުންޏެވެ. އަދި ރޯލުތަކަށް ޝައުގުވެރިވާ ފަރާތްތަކުން 7930005 އަށް ގުޅުމަށް އިއްލެ ވަނީ އެދިފަ އެވެ.
ނީނާ ފިލްމުގެ އިތުރު ސްޕިންސަރުންގެ ތެރޭގައި ދިރާގު ޓީވީ އާއި އަސްކަން ސްޕޯޓްސްވެއާ އާއި ބާރ ކޮންސެޕްޓް ހިމެނެ އެވެ. ސަން އޮންލައިންގެ އިތުރަށް މުނިއަވަސް އަކީ ވެސް އޮންލައިން މީޑިއާ ޕާޓްނަރެކެވެ.