ފުނަދޫ އެއާޕޯޓު ފެބްރުއަރީގައި ހުޅުވަން އަމާޒު ހިފައިފި

ށ. ފުނަދޫ -- ފޮޓޯ: އެމްޓީސީސީ

ށ. ފުނަދޫ ގައި ތަރައްގީކުރާ އެއާޕޯޓު އަންނަ މަހު ހުޅުވަން އަމާޒު ހިފައިފި އެވެ.

މީގެ ކުރިން ޓްރާންސްޕޯޓު މިނިސްޓްރީ އިން ބުނެފައިވަނީ މިމަހުގެ 15 ގައި އެ އެއާޕޯޓު ހުޅުވަން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެއާޕޯޓު ހުޅުވުން ވަނީ ފަސްކޮށްފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހުމަދު ޒުހައިރު މިއަދު "ސަން" އަށް ވިދާޅުވީ އެއާޕޯޓު ހުޅުވާނެ ސީދާ ތާރީހު އަންނަ އާދިއްތަ ދުވަހު އިއުލާނު ކުރައްވާނެ ކަމަށެވެ. ނަމަވެސް އަމާޒަކީ ފެބްރުއަރީ އެއްވަނަ ދުވަހު އެއާޕޯޓު ހުޅުވުން ކަމަށް އޭނާ ވިދާޅުވި އެވެ.

މިހާރު ކުރިއަށްދަނީ އެއާޕޯޓު ހުޅުވުމުގެ ކުރިން ސިވިލް އޭވިއޭޝަނާއި ޓްރާންސްޕޯޓު މިނިސްޓްރީ އަދި ކަމާބެހޭ އެހެން އިދާރާތައް ގުޅިގެން ހަދާ އޮޑިޓްގެ މަސައްކަތް ކަމަށް ޒުހައިރު ވިދާޅުވި އެވެ.

ފުނަދޫ އެއާޕޯޓުގެ ޓާމިނަލް ބިލްޑިންގެ މަސައްކަތް ނިންމާލާފައިވާއިރު މިހާރު ކުރިއަށްދަނީ ފަޔާ ބިލްޑިން އަދި ފަޔާ ޕޮންޑުގެ މަސައްކަތެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދަން ރީޖަނަލް އެއާޕޯޓްސް އިން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ފުނަދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމާއި، އެއާޕޯޓްގެ ރަންވޭގެ މަސައްކަތް ކޮށްފައިވަނީ އެމްޓީސީސީ އިންނެވެ.

ފުނަދޫ އެއާޕޯޓުގައި ގާއިމްކޮށްފައިވަނީ 1200 މީޓަރު ދިގު، 30 މީޓަރު ފުޅާ ރަންވޭއެކެވެ. ޓެކްސީވޭގައި 90 މީޓަރު ހުރެ އެވެ. އޭޕްރަންގެ ފުޅާމިނުގައި 50 މީޓަރު އަދި ދިގު މިނުގައި 150 މީޓަރު ހުރެ އެވެ.

ފުނަދޫ އެއާޕޯޓަށް ދަތުރު ފަށަން ތައްޔާރުވެފައިވާއިރު، ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވައި މިދިޔަ ޑިސެމްބަރު އެއްވަނަ ދުވަހު ވަނީ ދަތުރުތައް ފަށައިފަ އެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ވިދާޅުވެފައިވަނީ މިއަހަރު ތެރޭގައި ހަތަރު އެެއާޕޯޓެއް ހުޅުވާނެ ކަމަށެވެ. އެއީ ފުނަދޫ އެއާޕޯޓުގެ އިތުރުން ޅ. މަޑިވަރު އެއާޕޯޓައި، ގދ. މާވާރުލު އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި އެއާޕޯޓެވެ.

comment ކޮމެންޓް