ޒީރޯ ޓޮލަރެންސްގެ އެކި މީހުންނަށް އެކި ގޮތް ސިޔާސަތު!

ޒީރޯ ޓޮލިރަންސް ޓު ކޮރަޕްޝަން ސިޔާސަތުގެ ދަށުން ރައީސް އޮފީހުން ވިސުލްބުލޯވާ ޕޯޓަލް އިފްތިތާހު ކުރުން -- ފޮޓޯ/ ރައީސް އޮފީސް

މީގެ ތިން މަސްކުރިން، މިދިޔަ އޮކްޓޯބަރު، 16 ވަނަ ދުވަހު ރައީސް އޮފީހުގެ އެންގުމަކުން މޯލްޑިވްސް ގޭސްގެ އެމްޑީއަކަށް ހުންނެވި ޝަޒައިލް ސިޔާމް ސަސްޕެންޑް ކުރީ، ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާ އޮންލައިން ޕޯޓަލްއަށް ބަޔަކު ފޮނުވާލި "ސީރިއަސް" މައްސަލަތަކަކާ ހުރެ، އެކަންކަން ބަލައި ނިމެންދެންނެވެ. އެ ދުވަހަށް ފަހު ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ބޭއްވުމުގެ ސިޔާސަތުގެ ދަށުން އޭނާ ހުންނެވީ އަދި ވެސް އެ "ވާނުވާ" ސަސްޕެންޝަންގަ އެވެ.

އެހެން ނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން ހަމަ އެ ޒާތުގެ އެހެން މައްސަލައެއް ފެންމަތިވީ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީގެ މައްޗަށެވެ. ވަކި ބަޔަކަށް މަންފާވާ ގޮތަށް، އަދި ފިނޭންސްގެ އެންގުމާ ވެސް ހިލާފަށް ތިލަފުށީ ފަޅުގައި އޮތް ބޮޑު ބޯޓެއްގެ މިލްކުވެރިކަން އަމިއްލަ ބަޔަކަށް ދިން މައްސަލައެއްގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވި މަޖިލީހުގެ، އެސްއޯއީ ކޮމިޓީއިން ތަހުގީގެއް ހިންގި އެވެ. ކޮމިޓީއިން ބުރަވީ، އެ މުއާމަލާތުގައި ނާޖާއިޒު ކަންތައްތަކެއް ހިމެނޭ ކަމަށެވެ. އެހެން ނަމަވެސް، މިއަދާ ޖެހެންދެން ވެސް އޭނާ ހުންނެވީ އަދި ވެސް އެ މަގާމުގަ އެވެ. ފުރިހަމަ ބާރުގަ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މީގެ ކުރިން ވިދާޅުވި ގޮތުގައި ގްރޭޓާ މާލޭ ކުންފުނީގެ އެމްޑީގެ މައްޗަށް ތުހުމަތުތަކެއް ކުރެވޭކަން އެނގިފައެއް ނެތެވެ. އަދި އެފަދަ މައްސަލައެއް ހުށަހެޅިފައެއް ވެސް ނެތެވެ. ޕޯޓަލްއަށް މައްސަލައެއް ލިބިއްޖެ ނަމަ، އެ މައްސަލައެއްގެ ފެކްޓަށް ބަލައި ކޮންމެ މީހަކަށް ވިޔަސް ސަސްޕެންޝަން އަންނާނެ ކަމުގެ ޔަގީންކަން ހޫދުދެއްވި އެވެ.

މޯލްޑިވް ގޭހުގެ އެމްޑީ ސަޒައިލް: އޭނާ ސަސްޕެންޝަންގައި ހުންނަތާ ތިންމަހެއްހާ ދުވަސް.

ރައީސް އޮފީހުގެ ފަރާތުން އެ ޔަގީންކަން ދިން ނަމަވެސް، މޯލްޑިވްސް ގޭހުގެ އެމްޑީގެ މައްސަލަ އާއި ގްރޭޓާ މާލޭގެ އެމްޑީގެ މައްޗަށް ކުރެވުނު ތުހުމަތުތަކަކީ އެއްބާވަތެއްގެ، އެއްޒާތެއްގެ ތުހުމަތުތަކެކެވެ. ސަޒައިލްގެ މައްޗަށް ކުރެވުނު ތުހުމަތަކީ، މާކެޓް އަގަށް ވުރެ މާބޮޑުކޮށް ސަޕްލަޔަރެއްގެ އަތުން ގޭސް ގަނެ، އޭގެއިން ނާޖާއިޒު ފައިދާ ނަގާ މައްސަލަ އެވެ. ގްރޭޓާ މާލޭގެ އެމްޑީގެ މައްޗަށް ވެސް ކުރެވުނު ތުހުމަތަކީ، ކުންފުނީގެ މިހާރުގެ ބޯޑްގެ އެއްވެސް މަޝްވަރާއެއް ނެތި، އެމްޑީ އަމިއްލަފުޅަށް ތިލަފުށީ ފަޅުގައި އޮތް ބޯޓެއް ކުންފުންޏަކަށް ދީ އެ މުއާމަލާތުން މަންފާ ނެގުމެވެ. އަދި އެކަމުގެ ތެރޭގައި ހިނގި ކަންތައްތަކާ ހެދި، އެ ކުންފުނިން ވަނީ ހަތް ލައްކަ ޑޮލަރު ބަދަލުގެ ގޮތުގައި ހޯދަން ކޯޓަށް މައްސަލައެއް ވެސް ވައްދައިފަ އެވެ. އޭގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އައުމުގެ ދޮރު ހުޅުވުނީ އެވެ.

މި ހުރިހާ ތުހުމަތަކާއި ކަންތައްގަނޑެއް ހިނގައި ދިޔައިރު ވެސް، ރައީސް އޮފީހުގެ ސަމާލުކަމަށް އިންޑަސްޓްރިއަލް ޒޯންގެ އެމްޑީގެ މައްސަލަ އައި ކަމަކަށް ނުވި އެވެ. އެހެން ނަމަވެސް، އެސްއޯއީ ކޮމިޓީއިން މާލޭ އިންޑަސްޓްރިއަލް ޒޯން ކުންފުނީގެ މައްސަލަ ވެސް ތަހުގީގު ކުރީ ލައިވް ޓީވީގަ އެވެ. އެ ވާހަކަތައް ނޫސްތަކުން ރިޕޯޓް ވެސް ކުރި އެވެ. މޯލްޑިވްސް ގޭސްގެ އެމްޑީގެ ވާހަކަ ވެސް ރިޕޯޓްކުރި އެވެ. އެކަމަކު، ރައީސް އޮފީހުގެ ސަމާލުކަމަށް އައީ، މޯލްޑިވް ގޭހުގެ އެމްޑީގެ މައްޗަށް ކުރި ތުހުމަތުތަކެވެ. އޭނާ މަގާމުގައި އެންމެ ހިނދުކޮޅަކަށް ވެސް ނުބަހައްޓާ ގެއަށް ދާން އެންގީ، ޒީރޯ ޓޮލަރެންސް ހަރުދަނާ ސިޔާސަތުގެ ދަށުން ކަމަށް ރައީސް އޮފީހުން އޭރު ހާމަކުރި އެވެ.

އެ ސިޔާސަތު ކިތަންމެ ހަރުދަނާ ނަމަވެސް، އެ ސިޔާސަތު ތަންފީޒު ކުރުމުގައި ގެންގުޅޭ އުސޫލާ މެދު ސުވާލު އުފަންވާ ހާލަތް މި އޮތީ ކުރިމަތިވެފަ އެވެ. އެއްކަހަލަ ތުހުމަތެއް ހިމެނޭ އެއްބާވަތުގެ ކަމެއްގައި ދެ މީހަކަށް އެޅި ފިޔަވަޅު ތަފާތުވީ އެވެ. އެކަކު ގެއަށް ފޮނުވާލި އިރު އަނެއްކަކު މަގާމުގަ އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އާއި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެބޭފުޅާ ހުންނެވީ، "އިރުވައި ކޮންފަރެންސްގައި" ސައްލާގަ އެވެ. އަނެއް ބޭފުޅާ ވާއެއް ނުވާއެއް ނޭނގޭ ސަސްޕެންޝަނެއްގަ އެވެ.

ރައްޔިތުން މަޖިލީހުގެ އެސްއޯއީ ކޮމިޓީގައި މާލޭ އިންޑަސްޓްރިއަލް ޒޯންގެ އެމްޑީ، އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މި މަންޒަރުން ބުނެދެނީ، ކޮރަޕްޝަން ޒީރޯ ޓޮލަރެންސް ދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމުގައި އޮތް ދެ ފުށް ދެގޮތް ކަމެވެ. ނޫނީ ސަރުކާރުގެ އެ ސިޔާސަތު ވަނީ ނުފޫޒުތަކުގެ ދަށުވެ ބާރު ކެނޑިފައި އެވެ. ފެންނަ ފެނުމާއި އިވޭ އަޑުތަކަށް ބަލާއިރު، އެމްޑީޕީއަށް ނިސްބަތްވާ ނުފޫޒުގަދަ އެމްޑީއަކަށް ވާނަމަ، އޭނާއަށް ފިޔަވަޅެއް ނޭޅެ އެވެ. އެކަމަކު ޖެހިލުމެއް ނެތި ސަޒައިލްއަށް ފިޔަވަޅު އެޅުނީ، ކޯލިޝަންގައި ހިމެނޭ އެންމެ ކުޑަ ޕާޓީ، އެމްއާރުއެމްގެ ބޭފުޅަކަށް ވީމާ ހެއްޔެވެ؟ އެކަމަކު ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް އޮންނަ ނަމަ، ކުޑައެއް ބޮޑެއް، ޕާޓީއެއް، ނުފޫޒެއް އަދި ބާރަކަށް ބަލާކަށް ނުޖެހެ އެވެ. އެ ސިިޔާސަތު އެންމެންގެ މައްޗަށް ތަންފީޒުވާން ޖެހޭނީ ހަމަހަމަ ކޮށެވެ.

ކޮރަޕްޝަންގެ ޒީރޯ ޓޮލަރެންސް ސިޔާސަތު ތަންފީޒު ކުރުމަށް އޮތް މުއައްސަސާ، އެންޓި ކޮރަޕްޝަނުން ކަންކުރާ ގޮތާ މެދުވެސް ރައީސްގެ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާކަން އެމަނިކުފާނު ސީދަލަށް މި ވަނީ ވިދާޅުވެފަ އެވެ. ވިދާޅުވީ؛ ބޮޑެތި މަޝްރޫއުތަކާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވި އެ ކަންކަން ހުއްޓާލަން އޭސީސީއިން އަންގާ ކަމަށެވެ. އެހެން ނަމަވެސް، ބޮޑެތި މަޝްރޫއުތައް ހުއްޓި ގިނަ ދުވަސްވެފައި ހުރެގެން ވާނެ ކަމަށް އެމަނިކުފާނު ގަބޫލު ނުކުރައްވާ ކަމަށެވެ. ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ މެދު ކޮރަޕްޝަންގެ ތުހުމަތު ކުރެވުނަސް، އެކަންކަން ހުއްޓާލުނާނެ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ވެސް ދެއްކެވި ހުއްޖަތަކީމި އެވެ. އެކަމަކު ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޮންނަ ނަމަ، ބޮޑު މަޝްރޫއެއް ކުޑަ މަޝްރޫއެއްގައި އޮތީ ވަކި ކޮންތަފާތެއް ހެއްޔެވެ؟ ކޮރަޕްޝަން ތުހުމަތެއް ކުރެވޭ ނަމަ، އަމަލު ކުރެވެން ޖެހޭނީ އެއް ހަމައަކުންނެވެ.

https://sun.mv/128602

އޭސީސީއިން ވެސް ގަބޫލު ކުރަނީ ކޮރަޕްޝަންގެ ތުހުމަތެއް އޮތް ނަމަ، އެކަން ބަލައި ސާފު ނުވަނީސް މަޝްރޫއެއް ކުރިއަށް ގެންދެވިގެން ނުވާނެ ކަމަށެވެ. އަދި ކޮމިޝަންގެ ރައީސާ ޔަގީންކަމާ އެކު ވިދާޅުވަނީ، މަޝްރޫއެއް ކުރިއަށް ނުގެން ގޮސް، މަޑުޖައްސާލަން ކޮމިޝަނުން އަންގާނީ އެކަށީގެންވާ ސަބަބުތައް ހުރުމުން ކަމަށެވެ. އެހެންވީއިރު، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމުގެ ސިޔާސަތު ތަންފީޒުކުރުމުގައި ކުޑަ ބޮޑުމިނަށް ބަލައި އަދި ކަމުގައި ބާވަތަށް ބަލައި ތަފާތު އޮވެގެން ނުވާނެ އެވެ. އެހެން ނުވާ ނަމަ، ޒީރޯ ޓޮލަރެންސް ވާނީ ސިޔާސީ ހަތިޔާރަކަށެވެ. އެހެން ނުވާން އޮތް ހަމަ އެކަނި ގޮތަކީ، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމުން ދެ ފުށް ދެގޮތްކަން މުޅީން ފިލުވާލުމެވެ.

comment ކޮމެންޓް