ކައުންސިލްތަކުން ސީދާ ވިޔަފާރިކުރުމުގެ ވިސްނުން ގެންގުޅެގެން ނުވާނެ: ރައީސް

އެމްޑީޕީގެ ތިލަދުންމަތި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ކައުންސިލްތަކުން ސީދާ ވިޔަފާރި ކުރުމަށް ތާއީދު ނުކުރާ ކަމަށާއި އެ ވިސްނުން ގެންގުޅެގެން ނުވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިއަދު ކުޅުދުއްފުށި ސިޓީގައި ބޭއްވި "އެމްޑީޕީ ތިލަދުންމަތި އިރުވައި ކޮންފަރެންސް" ގައި ކައުންސިލްތަކުން ވަނީ އެ ކައުންސިލްތަކުގެ ޕްރޮޖެކްޓްތަކުގެ ހިޔާލުތައް ހުށަހަޅާފައެވެ. އެ ހިޔާލުތަކުގައި ބައެއް ކައުންސިލްތަކުން ވަނީ ބައެއް ކަަހަލަ ވިޔަފާރިކުރުމުގެ ހިޔާލުތައްވެސް ހުށަހަޅާފައެވެ.

އެ ހިޔާލުތައް އަޑުއެއްސެވުމަށްފަހު، ރައީސް ސޯލިހް ވިދާޅުވީ، ރަށްތައް ތަރައްގީކުރުމުގައި ކައުންސިލްތަކުގައި ރަނގަޅު ވިސްނުންތަކެއް ހުރިކަން އެނގިގެން ހިނގައްޖެ ކަމަށެވެ. އެ ޕްރޮޖެކްތައް ރާވާ ހިންގާއިރު، އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ ކައުންސިލްތަކުން "ސީދާ ވިޔަފާރި ކުރުމުގެ ވިސްނުން ނުގެންގުޅުން" ކަމަށް ރައިސް ވިދާޅުވިއެވެ.

"[އަޅުގަނޑު އެދެނީ] ފެސިލިޓޭޓްކޮށް، އެެހެން މީހުންނަށް ވިޔަފާރިކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތުތައް ހޯދައިދިނުން. ކޯޕަރޭޓް ސޮސައިޓީތައް ހިއްސާވާ ގޮތަށް [ވިޔަފާރިތައް] އުފެއްދޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ބައެއް ކައުންސިލްތަކުން ހުށަހެޅުއްވި ހިޔާލުތަކުގައި ކޯޕަރޭޓިވް ސޮސައިޓީތައް ހިއްސާވާ ގޮތަށް ވިޔަފާރި ކުރުމަށް ހިޔާލު ހުށަހަޅާފައިވާ ކަމަށާއި އެއީ އެމަނިކުފާނު ތާއީދު ކުރާ ރަނގަޅު ވިސްނުމެއް ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ގިނަ ކައުންސިލްތަކުން ވަނީ މަސްވެރިކަމާ ދަނޑުވެރިކަމުގެ ޕްރޮޖެކްޓްތައް ހިންގުމަށް ހިޔާލު ހުށަހަޅާފައެވެ. ރައީސް ވިދާޅުވީ، ޖުމްލަ ގޮތެއްގައި އެ ދެ ސިނާއަތުން ރަނގަޅު ހިޔާލުތައް ހުށަހަޅާފައިވާ ކަމަށެވެ.

އެ ދެ ސިނާއަތުގެ އިތުރުން ފަތުރުވެރިކަމާއި ކުނި ނައްތާލުމުގެ ޕްރޮޖެކްތައް ހިންގުމަށްވެސް ކައުންސިލްތަކުން ހިޔާލު ހުށަހެޅުވިއެވެ. ނަމަވެސް ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި ބޯހިޔާވަހިކަމާ ގުޅޭ ޕްރޮޖެކްޓްތަކުގެ ހިޔާލުތަކެއް ކައުންސިލްތަކުން ހުށަހަޅާފައި ނުވެއެވެ.

"އަޅުގަނޑަށް ފާހަގަ ކުރެެވުނީ، ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ [އަދި] ސިއްހީ ދާއިރާއާ މެދު ކައުންސިލްތަކުން މާބޮޑު ވިސްނުމެއް ނުގެން ގުޅޭ ކަން. އޭގެ މާނައަކީ، މިއީ ސެންޓަރަލް ގަވަމަންޓުން ޕްރޮވައިޑްކޮށްދޭން ޖެހޭ [މަައި ސަރުކާރުން ފޯރުކޮށްދޭން ޖެހޭ] އަސާސީ ހިދުމަތެއްގެ ގޮތުގައި [ކަައުންސިލްތަކުން] ދެކެވަޑައިގަންނަވާ ކަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ކައުންސިލްތަކުގެ އެ ވިސްނުމާއެކު މައި ސަރުކާރަށް ކަންކަން ރާވާ ހިންގުމުގައި ފަސޭހަ ވެގެން ދާނެ ކަމަށެވެ. އެގޮތުން ބޮޑެތި ޕްރޮޖެކްޓްތައް ރޭވިގެން ދާން ޖެހޭނީ އެފަދަ އަސާސީ ކަންކަމަށް ކަމަށާއި އެއާއެކު ދެން ހުރި ކަންތައްތައް ރޭވިގެންދާނީ ކައުންސިލްތައް ބޭނުންވާ ކަންތައްތައް ކަމަށެވެ.

ރައީސް ވިދާޅުވީ، މިއަދު ކައުންސިލަރުން ހުށަހެޅުއްވި ހިޔާލުތައް ލިޔެކިޔުންތަކުގައި ލިޔެވި، ޑޮކުމަންޓް ކުރުމަށްފަހު އަމަލީ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.

"ޕްރައިމަރީއަށްފަހު ކައުންސިލްގެ މައި ކެމްޕެއިން ފެއްޓޭ އިރު، މިކަންތައްތައް ކަރުދާހަށް ނެގި، މީގެ އަމަލީ މަސައްކަތް ކެމްޕެއިންގެ ކުރިން ސަރުކާރުގެ ފަރާތުން ފެށޭވަރުކޮށްދޭނަން،" އެމްޑީޕީގެ އެންމެ އިސްވެރިޔާ ރައީސް ސޯލިހް ވިދާޅުވިއެވެ.

comment ކޮމެންޓް