އަވަހަށް ތަރައްގީ ގެނެވޭނީ ހުރިހާ އިންތިހާބެއް އެއްކޮށް ބޭއްވުމުން: ރައީސް

އޭޕްރިލް 6، 2019: ރައްޔިތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ރަށްރަށުގެ ތަރައްގީއަށް ރާވާފައިވާ މަޝްރޫއުތައް ހަލުވި ކަމާއެކު ކުރިއަށް ގެންގޮސް، ރައްޔިތުން އުންމީދުކުރާ ދުވެލީގައި ތަރައްގީ ގެނެވޭނީ ތިން އިންތިހާބު އެކުގައި ބޭއްވުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލޯކަަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ފަށާފައިވާ ކެމްޕޭނުގައި ބައިވެރިވެވަޑައިގެން، ރޭ ހދ. ނޮޅިވަރަމަށް ވަޑައިގެން އެރަށު ރައްޔިތުންނާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ސަރުކާރުން ރައްޔިތުން ވީ ވައުދުތައް ފުއްދައިދިނުމަށް، ސަރުކާރާ ރައްޔިތުންގެ މަޖިލިސް އޮތީ އެކުގައި، އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ.

އެހެން ނަމަވެސް ބައެއް ކަންތައްތައް ކުރިއަށް ގެންދިއުން ކުޑަކޮށް ލަސްވެގެން ގޮސްފައިވާ ކަމަށާއި، އެހެން ދިމާވަނީ ވަރަށް ގިނަ ސަބަބުތަކެއް މެދުވެރިވާތީ ކަމަށް ވިދާޅުވިއެވެ.

"އެންމެ ބޮޑު އެއް ސަބަބަކަށް އަޅުގަނޑަށް ފެންނަނީ އިންތިހާބުތައް ވަކިވަކިން އޮތުން. އަޅުގަނޑުމެން ވެއްޖެ ކޮންމެސް ހިސާބެއްގައި މި ތިން އިންތިހާބު އެއް ދުވަހެއްގައި އެއް ވަގުތެއްގައި ބޭއްވުމުގެ މަސައްކަތް ކުރަން. އެހެން ނޫންނަމަ ކަންތައްތައް ހިންގުމުގައި ލަސްތަކެއް އެބަ އާދޭ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ފައހު ފަސް ވަރަކަށް މަސް ދުވަސް ވަންދެން އުޅެންޖެހުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކަންކަމަށް ވަގުތު ހުސްކުރައްވައިގެން ކަމަށެވެ. އެއީ މަޖިލިސް އިންތިހާބުގައި އެމްޑީޕީއަށް އަގުލަބިއްޔަތު ހޯދަން ކޮންމެހެން ވެސް މަޖުބޫރުވުމުން ކަމަށެވެ.

އަދި މަޖިލިސް އިންތިހާބު ނިމުނުތާ ދިހަވަރަކަށް މަސް ފަހުން، މިހާރު ލޯކަލް ކައުންސިލް އިންތިހާބަށް ވަގުތު ހުސްކުރަން ޖެހިފައިވާކަމަށް ވިދާޅުވިއެވެ.

"މީގެ ބަދަލުގައި އަޅުގަނޑުމެން ވިސްނުންތެރި ކަމާއެކީގައި މިއާ ދޭތެރޭގައި ވިސްނާ ހުރިހާ އިންތިހާބެއް އެއް ދުވަސްވަރެއްގައި ބޭއްވިއްޖެއްޔާ ގައުމުގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން މިކުރާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

އިއްޔެ ހދ. ވައިކަރަދުއަށް ވަޑައިގެން ދެއްކެވި ވާހަކައިގައި ވެސް ތަރައްގީގެ މަޝްރޫއުތައް ލަސްވުމުގެ ކަންބޮޑުވުން ރައީސް ވަނީ ފާޅުކުރައްވައިފައެވެ.

އިއްޔެ ރައީސް ވިދާޅުވީ ބިޑަކާ ގުޅިގެން އެއްވެސް ރައްޔިތެއްގެ ޝަކުވާއެއް ހުށަހެޅިއްޖެނަމަ، އެކަމެއް ބަލަން ޖެހޭނެ ކަމަށާއި އަދި އެ މައްސަލަ ބެލުމަށްޓަކައި ބައެއް ފަހަރު ޕްރޮޖެކްޓެއް މަޑުޖައްސާލަން އޭސީސީން އަންގާ ކަމަށެވެ.

އަދި އެކަމަށް ގިނަ ދުވަސްތަކެއް ހޭދަވެ، ޕްރޮޖެކްޓުތައް ކުރިއަށް ނުގޮސް ހުންނަ ހުރުމަށް ބަދަލެއް ގެންނަން ޖެހޭ ކަމަށާއި، ޕްރޮޖެކްޓުތައް ލަސްވުމުގެ ހުރަހަކަށް އެއްވެސް މީހަކު ވެގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އެއް މަސް ދެމަސް ވެގެން އެބަ ދޭ. އެއަށްފަހު އޭގައި މައްސަލައެއް ނެތް ކަމަށް ވިދާޅުވެ އަނެއްކާވެސް ކުރިއަށް ގެންދަން އެބަ ވިދާޅުވޭ. އަޅުގަނޑު ހިތުން މިއަށް ކުޑަ ބަދަލެއް ގެންނަން ވީ. ކަންތައްތައް ބަލަން ޖެހޭނެ، ގޯސްކޮށް ކަމެއް އުޅެންޏާ އެކަމެއް ރަނގަޅު ކުރަން ވެސް ބުނަން ވާނެ. އެކަމަކު މަސައްކަތްތައް ލަސްވުމަށް ހުރަހަކަށް އެއްވެސް ބޭފުޅަކު ވެގެން ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި ވާއިރު، މި ސަރުކާރުން ބިޑްކުރުމަކާ ނުލައި، ދައުލަތުގެ މަޝްރޫއުތައް އެކި ފަރާތްތަކަށް ހަވާލުކުރުމުން އެކަމާ އޭސީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރަން ގުޅީފަޅުން ބިން ހިއްކުމަށް ބިޑަކާ ނުލާ އެވޯޑް ކުރި މައްސަލަ އާއި ބިޑަކާ ނުލައި އައްޑޫގެ ކަރަންޓްގެ މަޝްރޫއު ޗައިނާ ކުންފުންޏަކަށް ހަވާލުކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

މާލިއްޔަތު ގަވައިދުގެ 10.27 (ށ) ގައި ބުނާގޮތުން ބޭރުގެ ގައުމެއްގެ އެހީގައި ހިންގާ ނުވަތަ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫއުތަކާއި ސަރުކާރުން ހިންގަން ކަނޑައަޅާ މަޝްރޫއެއް ހިންގުމުގައި ބިޑްކުރުމަކާ ނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއްގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ފަރާތަކާ ހަވާލުކޮށްގެން އެ މަޝްރޫއެއް ހިންގިދާނެ އެވެ.

ނަމަވެސް އެ އިސްލާހުގެ ކޮރަޕްޝަން ރިސްކް އެނަލިސިސްއެއް ހެދުމަށްފަހު އޭސީސީން ބުނީ އިސްލާހުތައް މިހާރު އޮތް ގޮތުން ވަރަށް ބޮޑަށް ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފެންނަ ކަމަށާއި ވަކި ބަޔަކަށް މަންފާ ހޯދުމަށް އެ އިސްލާހުތަކުގެ ބޭނުން ނާޖާއިޒު ގޮތުގައި އިދާރާތަކުން ހިފަމުންދާ ކަމަށެވެ.

އެހެންކަމުން އެ އިސްލާހުގައި ބިޑުނުކޮށް މަޝްރޫއު ދިނުމާ ގުޅޭ ގޮތުން އޮތް މާއްދާ އުވާލައި، އެ މާއްދާގައި ހިމެނޭ މަފްހޫމުތައް ހިމެނޭ ގޮތަށް މާލިއްޔަތު ގަވައިދަށް ބަދަލުގެނައުމަށް ކަމާ ގުޅުންހުރި މުއައްސަސާތަކަށް އޭސީސީން ވަނީ ލަފާދީފައެވެ.

comment ކޮމެންޓް