ގައުމުގެ ބައްޕަ

ދަރުމަވަންތަ ރަސްގެފާނު މިސްކިތް

ގައުމެއް ބިނާ ކުރާ ބަޔަކު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހޭ އެއް ކަމަކީ އެ ގައުމެއްގެ ތާރީޚެވެ. އެ ތާރީޚުގެ ތެރެއިން ވެސް ވަކީން ޚާއްސަ ގޮތެއްގައި އަހައްމިއްޔަތު ދެވޭން ޖެހޭ ކަމަކީ ގައުމުގެ ނަންހުރި އަބުޠާލުންގެ ޒިކުރާ ހެޔޮ ގޮތުގައި އައު ކުރުމެވެ. އެމީހުންނަށް ހައްގު ވެގެންވާ ޝަރަފުވެރިކަން އަބަދު ވެސް ދިނުމެވެ. އެމީހުންގެ ނަން ދިރުވުމެވެ. އެމީހުންގެ ވާހަކަތައް ގައުމުގެ ޖަމާއީ ހަނދާނުން ކެހިގެން ފިލައިގެން ދިޔަނުދިނުމެވެ. ކޮންމެ އައު ޖީލެއްގެ ދަރީންނަށް އެމީހުންގެ ވާހަކަތައް ހެޔޮ ގޮތުގައި ކިޔައިދިނުމެވެ. މިކަން ނުކުރާ ބަޔަކަށް ބިނާ ކުރެވޭނެ ގައުމެއް، ދިރުވޭނެ ގައުމިއްޔަތެއް ނޯންނާނެއެވެ.

ދިވެހިރާއްޖެޔަކީ މިނިވަން އަދި މުސްތަގިއްލު ގައުމެއްގެ ގޮތުގައި އޮންނަތާ އެތައް ޒަމާނެއް ވެއްޖެ ރާއްޖެއެކެވެ. މިނިވަންކަންމަތީގައި އަޅުގަނޑުމެންނަށް ދެމިތިބެވުނީ ގިނަ ބަހާތަކެއްގެ ސަބަބުންކަން ޔަގީނެވެ. އެއިގެ ތެރޭގައި، ދިވެހިރާއްޖެޔަކީ ބަޔަކު ލަޝްކަރު ހަދައިގެން އައިސް ހިފައިގަނެގެން އެ ތަނަކުން މާކަ ބޮޑު ފައިދާތަކެއް ލިބިދާނޭ ތަނެއް ކަމުގައި ނުވެ އޮތުމާއި، އިހުޒަމާނުގައި އެގޮތަށް ލަޝްކަރު ހަދައިގެން އައިސް ރާއްޖެޔަށް އަރައި ތަން ހިފައިގަތުމަށް ޓަކައި ކުރާން ޖެހޭ މަސައްކަތުގެ ބޮޑުކަމާއި ބުރަކަން ވެސް ހިމެނެއެވެ. ނަމަވެސް މިއީ ދިވެހީން އަމިއްލަ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ތިބުމަށް މެދުވެރިވި ހަމައެކަނި ސަބަބުތަކެއް ނޫނެވެ. އެންމެ މުހިއްމު ސަބަބުތަކެއް ވެސް ނޫނެވެ. ދިވެހީންގެ މިނިވަންކަމާއި މުސްތަގިއްލުކަމުގެ އެންމެ މުހިއްމު ސަބަބުތަކަކީ އޮޅުމެއް ނެތް ގޮތުގައި، ދިވެހީންގެ ތެރޭގައި ގައުމަށް ލޯބި ކުރި އަދި ގައުމަށް ޚިދުމަތް ކުރި ދަރީންތަކެއް އުފެދި އެ ދަރީން ކުރި މަސައްކަތާއި، މާތް ވެގެންވާ އިސްލާމް ދީނެވެ.

އެހެންކަމުން، މި ދެންނެވި ދަރީންގެ ސިޔަރަތުތައް ލިޔެ، އެ އެއްޗެތި ކިޔައި، އަޅުގަނޑުމެންގެ ދަރީންނަށް އެ އެއްޗެތި ކިޔައިދީ، އެ އަބްޠާލުންގެ ޒިކުރާ އައު ކުރުމަކީ މިއަދު އަޅުގަނޑުމެންގެ މައްޗަށް އޮތް އެންމެ ބޮޑު ގައުމީ ވާޖިބެވެ. އަޅުގަނޑުމެންނަށް އެކަން ކުރެވޭތޯއެވެ؟ ދިވެހި ދަރީން އުތީމު ޣާޒީ ރަދުންނަށް ވުރެ ލޯބި ވަނީ ހެރީ ޕޮޓަރ ދެކެއެވެ. ޢަލީ ރަސްގެފާނާއި ދޮން ބަންޑާރައިންނަށް ވުރެ ބޮޑަށް އެކުދީންނަށް އެނގެނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލައިނަލް މެސީއެވެ. ދަރުމަވަންތަ ރަސްގެފާނޭ ބުނެފި ނަމަ، ގިނަ ކުދީންނަށް ވާނީ "އާދަމުގެފާނޭ ފަޅޮލޭ" ވަރެވެ. މި މިކަން އޮންނާން ވީ ގޮތްތޯއެވެ؟

ދަރުމަވަންތަ ރަސްގެފާނުގެ ވާހަކަ ދައްކަމާ ހިންގަވާށެވެ.

އަޅުގަނޑުގެ ނަޒަރުގައި އައްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ ސިރީ ބަވަނާދީއްތަ ދަރުމަވަންތަ ކީރިތި މަހާރަދުންނަކީ ދިވެހި ގައުމުގެ ފަޚުރުވެރި އަދި ޝަރަފުވެރި ބައްޕައެވެ. ފުރަތަމަ އަދި އެންމެ މުހިއްމު ސަބަބަކީ މުސްލިމް ދިވެހިރާއްޖެއެއް ވުޖޫދު ވެގެން އައީ އެމަނިކުފާނު އިސްލާމް ދީން ގަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމުގައި ހައްދަވައި، އެމަނިކުފާނުގެ އަމުރުފުޅުގެ ދަށުން ދިވެހި ރައްޔިތުން އިސްލާމް ދީނުގެ ހިޔާވަހިކަމުގެ ދަށަށް ގެންނެވުމުން ކަމުގައި ވުމެވެ. އެއީ ދިވެހީން އައު ގައުމިއްޔަތެއްގެ ބިންގާ އެޅިއެޅުމެކެވެ. އައު ދުނިޔެއަކަށް ވަން ވަނުމެކެވެ. ސަބްކޮންޓިނެންޓުގައި އޮތް ބާޠިލަށް އަޅުދާސް ވުމުގެ އަނދިރިކަމުން ނުކުމެ، ރޫހާނީ އަދި އަޚްލާގީ ހައްގާއި މަތިވެރި މާތް އިސްލާމް ދީނުގެ ދަންމަރުގެ ފާން އަލިކަމުގެ ތެރެޔަށް ޝަރާފަތާއި ކަރާމަތާ އެކުގައި ވަން ވަނުމެކެވެ. އެހެންކަމުން، އެއިގެ ކުރީގެ ދިވެހިރާއްޖެއަކީ މުޅީން ތަފާތު މާޒީއެކެވެ. ކޮންމެ މަހަކު މައުސޫމު ދިވެހި އަންހެން ކުއްޖަކު ބުދު ދީނުގެ ހާމުދުރުންގެ އެދުންތަކުގެ ރަންނަމާރިޔަށް ގުރުބާން ކުރެވެމުން ދިޔަ ކަޅު މާޒީއެކެވެ. އެ ކަނުއަނދިރިކަމުގެ ތެރެއިން، ދިވެހި ގައުމުގެ އަތުގައި ފިސާރި ބާރަށް ހިއްޕަވައިގެން، ސާބިތުކަމާ އެކު ހިންގަވައި، ހައްގުގެ އަލިކަމުގެ ތެރެޔަށް ނުކުމެވަޑައިގެންނެވި މަތިވެރި ލީޑަރަކީ ދަރުމަވަންތަ ކީރިތި މަހާރަދުންނެވެ. އެޔަށް ވުރެ ބޮޑު ހެޔޮކަމެއް މި ގައުމަށް އެކަކު ވެސް ކޮށްދިންތޯއެވެ؟ އިތުރު ސަބަބުތަކެއްގެ ވާހަކަ ނުދެއްކިޔަސް، ހަމައެކަނި މި ސަބަބަށް ޓަކައި، އެމަނިކުފާނަކީ މުސްލިމް ދިވެހިރާއްޖޭގެ ބައްޕަ ކަމުގައި ގަބޫލު ކުރުން މަޖުބޫރެއް ނުވޭތޯއެވެ؟

ޒަމާނީ، ޖުމްހޫރީ ތުރުކީ ވިލާތުގެ ބައްޕަ ކަމުގައި ބެލެވޭ މުސްޠަފާ ކަމާލްގެ މަޒާރަށް ޒިޔާރަތް ކުރުމުގެ ނަސީބު އަޅުގަނޑަށް ލިބުނެވެ. އެއީ އަންކާރާގައި ހުންނަ "އަނިތުކަބީރް" އެވެ ކިޔޭ ބިނާއެކެވެ. އެތަން ބިނާ ކޮށްފައި ހުންނަ ގޮތާއި، ތަނުގެ ފުރިހަމަކަމާއި، ތަން ބެލެހެއްޓޭ ގޮތަށް އެކަނި ވިސްނައިލުމުން ވެސް، އެމީހުން އެމީހުންގެ ގައުމުގެ ބައްޕަޔަށް ކުރާ އިހުތިރާމު ވަރަށް ރަނގަޅަށް އިހުސާސް ކުރެވުނެވެ. ތުރުކީ ސިފައިންގެ ތެރެއިން އެތަން ބެލެހެއްޓުމަށް ޚާއްސަ ކުރެވިފައި ތިބޭ ޒުވާން "ގައިޑުން"ގެ ތެރެއިން ގައިޑަކާ އެކު އެތަނުގެ އެތެރެ ބަލައިލެވުމުން، އަޅުގަނޑަށް އިހުސާސް ކުރެވުނީ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބަޠަލުންނާ މެދުގައި އެއްވެސް ކަހަލަ އަޅައިލުމެއް ނުބެހެއްޓޭކަމެވެ.

މި ދައްކަނީ ކޮންމެހެން ކާބަފައިންނަށް އަޅުކަން ކުރާ ދަރަޖަޔަށް ކަންކަން ގެންދާ ވާހަކައެއް ނޫނެވެ. އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމުންގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ކަންކަން ކުރާން ވާނީ އިސްލާމް ދީނުގެ މަތިވެރި ތައުލީމާތުގެ ހުދޫދުތަކުގެ އެތެރޭގައެވެ. ގަދަކީރިތިވަންތަ މާތްރަސްކަލާނގެ އާއި އެކަލާނގެ ރަސޫލުންނާއި، އެ ބެއިކަލުންގެ އިތުރު ސަހާބީންނާއި، އިސްލާމީ އުއްމަތުގެ މަތިވެރި ލީޑަރުން އެއީ އަޅުގަނޑުމެންގެ ގާތުގައި އެންމެ ލޮބުވެތި ވާން ވީ ފަރާތްތަކެވެ. ނަމަވެސް ގައުމީ ފެންވަރުގައި، ގައުމުގެ ނިސްބަތުގައި، ގައުމުގެ އަބްތާލުންނަށް ކުރާން ޖެހޭ ގަދަރާއި އިހުތިރާމު ނުކުރުމަކީ ވެސް ލައުނަތެކެވެ. އެ ބެއިފުޅުންނަކީ އަޅުގަނޑުމެންގެ ގާތުގައި އެއްވެސް މަގާމެއް ނުވަތަ މަންސަބެއް ނެތް ބައެއް ކަމުގައި ހެދުމަކީ ގައުމަށް ވެވޭ ބޮޑު ޚިޔާނާތެކެވެ.

މާލޭގައި ދަރުމަވަންތަ ރަސްގެފާނަށް ނިސްބަތް ވާ މިސްކިތެއް އެބަހުއްޓެވެ. ނަމަވެސް އެ މިސްކިތް ހުރި ހާލު ފެނުމުން ވެސް ލޮލުން ކަރުނަ އޮހޮރޭ ވަރުވެއެވެ. މިސްކިތު ވަޅުގެ ކައިރީގައި އޮންނަ ތަޅުން އޮތީ މުގުރި ސުންނާފަތި ވާން ކައިރި ވެފައެވެ. އެ މިސްކިތުގެ މުހިއްމުކަމާއި މަގާމު، އެ މިސްކިތަށް ވަންނަ ނުވަތަ ޒިޔާރަތް ކުރާ މީހަކަށް އެނގޭނޭ އެއްވެސް ގޮތެއް ނުހުރެއެވެ. އަނެއްކާވެސް އަހައިލާން އޮތީ، މިއީ ހަމަ މިކަން ވާން ވީ ގޮތް ތޯއޭ، މި ސުވާލެވެ. މި ސުވާލު ކުރުމާ އެކުއެކުގައި މެ، ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅަށް ނިސްބަތް ކުރެވޭ މަދަރުސާޔަކާއި ހަސްފަތާލެއް މިހާރު ރާއްޖޭގައި އެބަހުރިކަން ފާހަގަ ކުރަމެވެ. މި ވެސް ވަރަށް ބޮޑު ވަރެވެ. މި ވާހަކަ ދައްކާ އިރު، މަޝްހޫރު ރަންނަމާރި ވާހަކައިގައި އެ ކިޔާ ގޮތަށް، ކޮންމެ މަހަކު ބިކުރުވެރި އަންހެން ކުއްޖަކު ރޭޕް ކޮށް މަރައިލުމުގެ ޖަރީމާ ހިންގި "ހަގީގީ ކުށްވެރިޔަކީ" އެއިރު ހުންނެވި ރަސްގެފާނު ކަމަށް ބައެއް ފަރާތްތަކުން އީޖާދު ކޮށްގެން އުޅޭ ތިޔަރީއާ މެދު ވެސް އެއްޗެއް ދަންނަވައިނުލައި ދެވޭކަށް ނެތެވެ. އެ ތިޔަރީ އަކީ، ދެންނެވުމުގެ ހަމަ އެއްވެސް ބޭނުމެއް ނެތް ފަދައިން، އެއްވެސް އިލްމީ އަސާސެއް ނެތި ދެކެވިފައި ވާ ވާހަކައެކެވެ. ޚިޔާލީ ފުލޯކު ތެއްޔެއްގެ ތެރެއިން އަލިފާނެއް ނެތި ކެއްކިގެން ސުފުރާމައްޗަށް ލެވުނު ވިޔާނުދާ ވާހަކަތަކެކެވެ. "ރަންނަމާރިޔަށް" ގުރުބާން ކުރެވެމުން ދިޔަ އަންހެން ކުދީންގެ އިއްފަތްތެރިކަން ފޭރިގަނެ އެކުދީން މަރަމުން ގެންދިޔައީ ކާކު ކަމެއް ދިވެހި ތާރީޚަކުން އެއްވެސް މިންވަރަކަށް އެނގޭކަށް ނެތެވެ. ނަމަވެސް ތަންގީދީ އަދި ދިރާސީ ނަޒަރަކުން ވިސްނައިލުމުން، ނެރެވޭ އެންމެ ދެކޮޅުޖެހޭ އަދި އެންމެ ސީދާސާދާ ނަތީޖާޔަކީ، އެކަން ކުރަމުން ގެންދިޔައީ ބުދުކޯލުގައި ތިބި ބުދު ދީނުގެ ހާމުދުރުން ކަމުގައި ބެލުމެވެ. މި ކޮލަމަކީ މި ސުވާލާ މެދު ބަހުސް ކުރާ ތާރީޚީ ލިޔުމަކަށް ނުވާތީ، މި ތަނުގައި އިތުރު ތަފްސީލުތަކަކަށް އަޅުގަނޑު ނުދާނަމެވެ. ހަމައެކަނި ދަންނަވައިލާނީ، އަޅުގަނޑަށް ފެންނަ ފެނުމުގައި ދަރުމަވަންތަ ކީރިތި މަހާރަދުންނަކީ އަނިޔާވެރި ހާމުދުރުންގެ ނުބައިކަމުން މި ގައުމު ސަލާމަތް ކޮށްދެއްވި ބަޠަލޭ ދެންނެވުމަކީ ހައްގު ބަސް ކަމެވެ.

އަޅުގަނޑު އެދެނީ މާލޭގައި ހުންނަ އެންމެ ރީތި އެއް ބިނާޔަކީ ދަރުމަވަންތަ ރަސްގެފާނުގެ ހަނދާނީ ބިނާއެއް ކަމުގައި ވެފައި ވާ ދުވަހެއް ދުށުމެވެ. އެ ބިނާޔަކީ ދަރުމަވަންތަ ރަސްގެފާނުގެ ވާހަކަ ކިޔައިދެވޭ ތަނަކަށް ވާން ވާނެއެވެ. އެމަނިކުފާނާ ބެހޭ މައުލޫމާތު ލިބޭ ތަނަކަށް ވާން ވާނެއެވެ. ގައުމުގެ ބައްޕަޔަށް ގައުމުގެ ދަރީން ކުރާ އިހުތިރާމާއި، ގައުމު އެމަނިކުފާނު ދެކެ ވާ ލޯބި ދައްކުވައިދޭ ތަނަކަށް ވާން ޖެހޭނެއެވެ. ގައުމުގެ ޅަދަރީން އިހުތިރާމާ އެކު އިސް ތިރި ކޮށްގެން އެ ތަނަކަށް ވަންނަ ތަނަކަށް ވާން ޖެހޭނެއެވެ. އެ ތަނެއްގެ ތެރޭގައި، ގައުމުގެ ބައްޕަ ދެކެ ލޯބި ވުމުގެ އަމަލީ ނަމޫނާ އެ ކުދީންނަށް ފެންނަ ތަނަކަށް ވެސް ވާން ޖެހޭނެއެވެ. އެފަދަ ބައްޕައެއްގެ ހިޔާވަހިކަން އަޅުގަނޑުމެންގެ ގައުމަށް ދެއްވި ކަންމައްޗަށް މަތިވެރިވަންތަ މާތްރަސްކަލާނގެ ރަސްކަންފުޅަށް މި ގައުމު ތާއަބަދު ޝުކުރުވެރިވާ ވުން ފެންނަ، އަދި މި ގައުމުގެ ދަރީންގެ ދޫތަކުން އަބަދުމެ އެމަނިކުފާނަށް ހެޔޮ ދުއާ ކުރެވޭ ތަނަކަށް ވެސް ވާން ޖެހޭނެއެވެ. އެކަން ނުވާހައި ހިނދަކު، މުސްލިމް ދިވެހިރާއްޖޭގެ ދަރިޔެއްގެ ހައިސިއްޔަތުން އަޅުގަނޑު ހުންނާނީ ލަދުން އިސް ޖަހައިގެންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް