މާލެ އާއި އަތޮޅު ތެރޭގެ ފަރަގު ކުޑަނުކޮށް ތަރައްގީ ނުގެނެވޭނެ: ރައީސް

އެމްޑީޕީގެ ތިލަދުންމަތި ކޮންފަރެންސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: އެމްޑީޕީ

ވެރިރަށް މާލެ އާއި އަތޮޅުތެރޭގެ ފަރަގު ކުޑަ ނުކޮށް ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ފަރާތުން ކުޅުދުއްފުށީގައި މިއަދު ފެށި އެ ޕާޓީގެ ތިލަދުންމަތީ "އިރުވައި ކޮންފަރެންސް" ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ފަގީރުންގެ ގޮތުގައި ބަލަނީ ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުލިބޭ މީހުން ކަމަށެވެ. އަދި އެ އަދަދު މާލެ އާއި އަތޮޅުތެރޭގައި ވަރަށް ބޮޑަށް ތަފާތުކަން ރައީސް ފާހަގަ ކުރެއްވި އެވެ.

އެގޮތުން، މާލެއަށް ބަލާއިރު ޒަރޫރީ ބޭނުންތައް ފުއްދުމަށް އެންމެ މަދުވެގެން ދުވާލެއްގެ މައްޗަށް 74 ރުފިޔާ ނުލިބޭ މީހުންގެ ޕަސެންޓޭޖަކީ 1.7 ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަތޮޅުތެރޭގެ އެ ޕަސޭންޓޭޖް ހުރީ 12.8 ގައި ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

"މި ފަރަގު ނައްތާލަން އަޅުގަނޑުމެން މި އުޅެނީ. މި ފަރަގު ނައްތާ ނުލެވިއެއް މި ރާއްޖެއަށް ތަރައްގީއެއް ނުގެނެވޭނެ،" ރައީސް ވިދާޅުވި އެވެ.

ރާއްޖެ ތަރައްގީ ކުރުމަކީ މާލެ ނުވަތަ މާލޭ ކައިރީގައި ހުރި ތަންތަން ތަރައްގީ ކުރުން ނޫން ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މާލެ ކައިރި ތަރައްގީ ކުރުމުން ރާއްޖޭގެ ރައްޔިތުންނަށް ކުރިއެރުމެއް ލިބޭނެ ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށެވެ.

"ރާއްޖެ ތަރައްގީ ކުރުމަށް އަޅުގަނޑުމެން ބަލާއިރުގައި މާލެ އާއި ރާއްޖެތެރެއާއި އަތޮޅުތަކާއި ވަރަށް ބޮޑެތި ތަފާތުތަކެއް އެބަހުރި. ހަމައެކަނި ވަޒީފާގައި އުޅޭ މީހުނަށް ބެލިކަމުގައި ވީ ނަމަވެސް. ލިބޭ އާންމްދަނީއަށް ބެލިކަމުގައި ވިޔަސް. ވަރަށް ބޮޑެތި ތަފާތުކުރުންތަކެއް އެބަހުރި،" ރައީސް ވިދާޅުވި އެވެ.

މިނިމަމް ވޭޖު ކަނޑައެޅުމުގައި ވެސް ވިސްނަން ޖެހޭ ވަރަށް ގިނަ ކަން ކަން އެބަހުރި ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އެމްޑީޕީގެ މި ބައްދަލުވުމުގައި މިނިމަމް ވޭޖާއި ގުޅޭ މަޝްވްރާތަކެއް ކުރެވިގެން ދިއުމަކީ ސަރުކާރުން ކުރާ މަސައްކަތައް ފަސޭހަ ވެގެން ދާނެ ކަމެއް ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި އިތުރަށް ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ވިސްނުމެއް ކަމަށާއި އެކަމުގައި އެއްވެސް އޮޅުމެއް ނެތް ކަމަށެވެ.

"ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ފިކުރެއް. އެއީ އޮޅުމެއް ނެތް ކަމެއް. އެ ވިސްނުން އެ ފިކުރު ހާމަވީކީއެއް މިއަދަކު އެއް ނޫން،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް