މެންކުގެ ސާފު ސީދާ މެސެޖު: އިހުތިރާމުކުރޭ، މަޑުމައިތިރިކަން އިސްކުރޭ

ޖެނުއަރީ 14، 2020: ދީނީ އިލްމުވެރިޔާ މުފްތީ މެންކް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ދިވެހީންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯއްދަވާފައިވާ ޒިމްބާބްވޭގެ ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު އިއްޔެ ރާއްޖެ ވަޑައިގެން، ރޭ މާލޭގައި ދީނީ ދަރުހެއް މެދުވެރިކޮށް ދެއްވި މެސެޖު ވަރަށްވެސް ސާފުވެފައި ސީދަލެވެ. އެކަކު އަނެކަކަށް އިހުތިރާމުކުރާށެވެ. މަޑުމައިރިތިކަމާއެކު ރީތިކޮށް ވާހަކަދައްކާށެވެ. އަދި އެކަކު އަނެކާއަށް ރަހުމުކުރާށެވެ.

ނައިބު ރައީސް ފައިސަލް ނަސީމުގެ އިތުރުން ސަރުކާރުގެ ބައެއް ބޭފުޅުންނާއި ގިނަ އަދަދެއްގެ އާންމުންވެސް އަޑުއެހުމަށް ދިޔަ ރޭގެ ދަރުސްގައި މެންކު ނަންގަވައިދެއްވި ފިލާވަޅަކީ މިއަދުގެ ދިވެހި މުޖުތަމައުގެ އިތުރުން މުޅި ދުނިޔެއަށްވެސް ބޭނުންތެރި ފިލާވަޅެކެވެ.

ދަތި އުނދަގޫ ހާލަތުގައި ދިރިއުޅުމަށް ނުވަތަ ކަމެއް ކުރަންޖެހުނު ނަމަވެސް މާތްﷲއަށް ޝުކުރުވެރިވެ، އުފަލުގައި ދެމިހުރުމަށް މެންކު ގޮވާލެއްވި އެވެ. އަދި ދުނިޔެމަތީގައި އިމްތިހާނުތަކާއި ގޮންޖެހުންތައް ކުރިމަތިވަނީ ހަމައެކަނި މުސްލިމުންނަށް ނޫންކަމަށާއި، އެހެން ނަމަވެސް މާޔޫސްނުވެ ކަންކަން ކަޑައްތުކުރުމަށް މެންކު ގޮވާލެއްވި އެވެ.

"ބައްލަވާ އީސާގެފާނާއި މޫސާގެފާނަށް. އެބޭފުޅުން ފެށުނީއްސުރެ ނިމެންދެން ދަތި އުނދަގުލުގައި ނޫންތޯ އުޅުއްވީ؟ އީސާގެފާނަށް [އެމީހުން] އެތައް ފުރައްސާރައެއް ކުރި. އެކި އަދަބު ދިން. ދޫވެސް ނުކުރި. އެކަމަކު އެކަލޭގެފާނު ކެތްތެރިކަން ނޫން ކަމެއް އިސްކުރެއްވިތޯ؟ އެކަލޭގެފާނު ހެޔޮ އަމަލުތަކުގައި ދެމިހުންނެވި. އެމީހުންގެ ގޯހުގެ ސަބަބުން އެކަލޭގެފާނުގެ ހެޔޮ އަމަލުތަކަށް ބަދަލެއް ނާދޭ،" މެންކް ވިދާޅުވި އެވެ.

މުފްތީ މެންކު ވިދާޅުވީ މިއަދު މުސްލިމުންނަށް ކުރެވޭ އެންމެ ބޮޑު ކުށަކީ ތިބާއާ މެދު ގޯސްކޮށް އަމަލުކުރާ މީހާއަށް ބަދަލުގައިވެސް ގޯސްކޮށް އަމަލުކުރުން ކަމަށެވެ.

ޖެނުއަރީ 14، 2020: ދީނީ އިލްމުވެރިޔާ މުފްތީ މެންކް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެހެން މީހެއްގެ ގޯސް އަމަލަކުން ތިބާގެ އަމަލުތަކަށް އަސަރުކުރިޔަ ނުދެއްވާ. ހަރުދަނާވެ ހުންނަވާ. އެހެން މީހަކު ގޯސްކަމެއް ކުރިޔަސް، އޮޅުވާލިޔަސް ނުވަތަ ކޮރަޕްޓުވިޔަސް ބަދަލުގައި އެފަދައިން ނޫޅުއްވާ،" މެންކު ގޮވާލެއްވި އެވެ.

މުފްތީ ވިދާޅުވީ އެންމެ ތަގުވާވެރި މީހަކީ އޭނާގެ އަހުލާގާއި ޝަހުސިއްޔަތުން ތަގުވާވެރިކަން ދައްކުވައިދޭ މީހާ ކަމަށެވެ. އަދި މިއީ އެމީހެއްގެ މައްޗަށް މާތްﷲގެ ރަހުމުފުޅު އޮތް މިންވަރު ދައްކުވައިދޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

އެކަކު އަނެކަކާ މުއާމަލާތްކުރުމުގައިވެސް ރީތި ރާގާއި ރީތި ބަހުރުވަ ބޭނުންކުރުމަށް މެންކު ރޭ ގޮވާލެއްވި އެވެ. މުފްތީ މިސާލު ނެންގެވީ ކަލާނގެ ކަމަށް ދައުވާކުރަމުން އައި ފިރުއައުނުގެ ގާތަށް މޫސާގެފާނު ފޮނުއްވި އިރު އެކަލޭގެފާނަށް މާތްﷲ ވަހީކުރެއްވި ބަސްފުޅެވެ.

"ފިރުއައުނަކީ މި ދުނިޔޭގައި އޭރު ހުރި އެންމެ ނުލަފާ މީހާ، އަދި މޫސާގެފާނަކީ އޭރު ދުނިޔޭގައި ހުންނެވި އެންމެ ހެޔޮލަފާ އިންސާނާ. މާތްﷲ މޫސާގެފާނަށް ސީދާ ބަސް ވަހީކުރައްވައި ވިދާޅުވީ ފިރުއައުނުގެ އަރިހަށް ވަޑައިގަންނަވާށޭ. އަދި އިހުތިރާމާއެކު އޭނާއާ ވާހަކަދައްކަވާށޭ. މި ދުނިޔެމަތީގައި އުޅުއްވި އެންމެ ތަގުވާވެރި އެކެއްގެ ގާތުގައި މާތްﷲ ވަހީކުރައްވަނީ އެންމެ ނުލަފާ އެކެއްގެ ކައިރިއަށް ގޮސް، ރީތިކޮށް ވާހަކަދެއްކުމަށް،" މުފްތީ ވިދާޅުވި އެވެ.

މިއަދުގެ މުޖުތަމައުން މިސާލު ނަންގަވަމުން މުފްތީ ވިދާޅުވީ، ނުބައި އަމަލެއް ކުރަމުންދާ މީހަކު މަގުމަތިން މިއަދު ފެނިއްޖެނަމަ، އެންމެ ތަގުވާވެރިކަމަށް ދައުވާކުރާ ބައެއް މީހުން އެ މީހަކަށް ޖަވާބު ދޭނީ ވަރަށް ރުންކުރުކޮށް ކަމަށެވެ.

ޖެނުއަރީ 14، 2020: ދީނީ އިލްމުވެރިޔާ މުފްތީ މެންކް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ޖެނުއަރީ 14، 2020: ދީނީ އިލްމުވެރިޔާ މުފްތީ މެންކް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

"ރޫހާނީ ގޮތުން، އަގީދާގެ ގޮތުން އެހީތެރިކަން ބޭނުންވާ ކަމަށް ފެންނަ މީހަކު ފެނިއްޖެނަމަ މިއަދު މީހުން ބުނާނީ އަސްތަޤްފިރުﷲ އޭ، އައޫޛުބިﷲ އޭ، ތިބާ ދާނީ ނަރަކައަށޭ، ޖަހަންނަމައިގެ އަލިފާންގަނޑު ތިބާއަށް އެބަ އިންޒާރުކުރެއޭ. ތަގުވާވެރިކަމަށް ދައުވާކުރާ މީހުންނަށްވެސް ހީވެފައި އޮންނަނީ މާތްﷲގެ ރުހިވޮޑިގަތުން ލިބެން އޮތް ގޮތަކީ މިހެން ވާހަކަދައްކައިގެން ކަމަށް. އެކަމަކު މިއީ މުޅިން ގޯސް ގޮތެއް. މިހެން ހީކުރާ ބަޔަކަށް ނޭނގޭ ޤުރުއާނުގައި އޮތް އެއްޗެއް. ތިބާއާ އަހަރެންނަށް މި ދުނިޔެމަތިން ދުވަހަކުވެސް ދިމާނުވާނެ ފަދަ ޖައްބާރު މީހުންގެ ގާތަށް މާތްﷲ އެކަލޭގެފާނުގެ ރަސޫލުން ފޮނުއްވައި، ކަން ކުރެއްވުމަށް އެންގެވި ގޮތެއް އެމީހުންނަކަށް ނޭނގޭ،" މެންކު ވިދާޅުވި އެވެ.

މުފްތީ ވިދާޅުވީ މިއަދުގެ ދުނިޔޭގައި ގިނަ އިންސާނުން ހަރުކަށިވެފައި ހިތްހަރު ކަމަށާއި، ހަރުކަށި ބަހުން ވާހަކަދައްކައިގެން އިސްލާމްދީނަށް ބައެއްގެ ހިތް ނުޖެއްސޭނެކަމަށެވެ. އަދި މިއަދު ގިނަ ބަޔަކު އިސްލާމީ އަގީދާއާ ދުރަށް ދަނީ ދީނީ ވާހަކަތައް ފެތުރުމުގައި ބަސްމަގު ގެންގުޅޭ ގޮތުންކަމަށް ގަބޫލުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއަދު ގިނަ ބަޔަކު އިސްލާމްދީނާ ދުރަށް ޖެހެނީ އަހަރެމެންނަށް ބަސްމަގު ގެންގުޅެވޭ ގޮތުން. އަހަރެމެންގެ ކިބައިގައި އިލްމެއް ނެތް. އަގީދާއާ ބެހޭ މައުލޫމާތު ކުޑަ މިންވަރަކަށް އެބަހުރި. އެކަމަކު އެ މައުލޫމާތު އެހެން މީހުންނަށް ފޯރުކޮށްދޭނެ ގޮތެއް އެނގިފައެއް ނެތް. އަޚުންނާއި އުޚުތުނޭ، ދުނިޔޭގައި ކަން ހިނގާ ގޮތް ބައްލަވާ. ދުނިޔޭގައި އިސްލާމްދީން ފެތުރިގަތް ގޮތަށް ބައްލަވާ. އިސްލާމްދީން ފެތުރުނީ އިޚުލާސްތެރިކަމާއި، ޝަޚުސިއްޔަތާއި ހެޔޮ އަޚުލާގުގެ ސަބަބުން. މި މޭރުމުން ވާހަކަދެއްކެވުމަށް މޫސާގެފާނަށް އަންގަވާފައިވާތީ، އަހަރެމެންވެސް ބަސްމަގު ގެންގުޅޭންޖެހޭނީ އެގޮތަށް،" މުފްތީ މެންކް ވިދާޅުވި އެވެ.

ޖެނުއަރީ 14، 2020: ދީނީ އިލްމުވެރިޔާ މުފްތީ މެންކް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

މެންކު އިތުރަށް ވިދާޅުވީ ދުނިޔޭގައި ތަފާތު ގިނަ ބަޔަކު ދިރިއުޅެމުންދާ އިރު، އިސްލާމީ ދައުވަތު ފަތުރަންޖެހޭނީ ރީތި ގޮތުގައި ކަމަށެވެ. އަދި އެހެން މީހެއްގެ ނުވަތަ ބައެއްގެ ކިބައިގައި ތިމާ ހިތް ނޭދޭ ސިފަތަކެއް ހުއްޓަސް އެމީހުންނާ މެދު ނަފްރަތު އުފެއްދުމުގެ ބަދަލުގައި ރީތި ބަސްމަގާއެކު ވާހަކަދެއްކުމަށް މެންކު ގޮވާލެއްވި އެވެ.

"އެތައް މެސެޖެއް އަބަދާއި އަބަދު އެކި މީހުންނަށް ފޯރާ. ބައެއް ފަހަރު އަހަރެމެންގެ ނިކަމެތި ސިކުނޑިތަކަށް އޮޅުންވެސް އަރާތީ ދައުވަތުގެ މަސައްކަތް އުނދަގޫވޭ. އެކަމަކު ގަބޫލުކުރަންޖެހޭ ކަމަކީ އިސްލާމްދީން ބަދަލުނުވާނެކަން. ޒަމާނާއެކު ބަދަލުވާނީ ދީނުގެ ދައުވަތާއި ވާހަކަތައް ފަތުރާ ގޮތް އެކަނި،"

ދީނުގެ ދައުވަތު ފެތުރުމުގައިވެސް މަޑުމައިތިރިކަމާއި އިހުތިރާމުކަމާއި ހިތްހެޔޮކަން އިސްކުރުމަށް މެންކު ގޮވާލެއްވި އެވެ.

ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިލްމުވެރިޔާ އިސްމާއިލް މެންކު މާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދީނީ ދަރުސްތައް ދެއްވުމަށް ހަމަޖެހިފައިވެ އެވެ. މިއަދު އައްޑޫ ސިޓީގައި، އަދި މާދަމާ ކުޅުދުއްފުށި ސިޓީގައި މެންކުގެ ދަރުސްތަކެއް ބާއްވާ އިރު، އަންނަ ހުކުރު ދުވަހު މާލޭ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނީވެސް މެންކެވެ. އަދި އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި ޒުވާނުންނަށް ހާއްސަކޮށްގެން ބާއްވާ މަޝްވަރާ ފޯރަމެއްވެސް އޮންނާނެ އެވެ.

comment ކޮމެންޓް